ރޭ އިނގިރޭސި ލީގު ކަޕުގައި މެންޗެސްޓާ ސިޓީ އަދި ބަރޓޮން އަލްބިއަން ބައްދަލު ކުރި މެޗު ބޮޑު ތަފާތަކުން މެންޗެސްޓާ ސިޓީ ކާމިޔާބުކޮށްފި އެވެ. އަވަސް އަދި މޮޅު ކުޅުމަކަށް ފަހު މެޗު ނިންމާލި އިރު ސިޓީ އިން ވަނީ ނުވަ ގޯލު ބާރޓޮން ކޮޅަށް ޖަހައިފަ އެވެ.
މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް މެޗުގެ ތިން ވަނަ މިނެޓް ތެރޭގައި ގޯލު ހުޅުވާލަދިނީ ބުރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް އެވެ. ޖީސުސް ވަނީ އިތުރު ތިން ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ. ދެން މި މެޗުގައި އިތުރު ގޯލުތައް ޖަހާފައި ވަނީ ކެވިން ޑި ބްރޭނާ އާއި އޮލެސްކަންޑާ ޒިންޗެންކޯ އާއި ފިލް ފޮޑެން އަދި ކައިލް ވޯކަރ އޭގެ އިތުރުން ރިޔާދް މަހްރޭޒް އެވެ.
މި ނަތީޖާ އާ އެކު ވޭތުވެ ދިޔަ ހަތަރު ދުވަސް ތެރޭގައި ދެ މެޗު ކުޅެ ސިޓީ އިން ވަނީ 16 ގޯލު ޖަހައިފަ އެވެ. އަދި މި މޮޅަކީ ވޭތުވެ ދިޔަ 31 އަހަރު ތެރޭގައި ވެސް ސިޓީ އިން 8 ގޯލްގެ ލީޑަކަށް ވުރެން ބޮޑުކޮށް މެޗެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރުވެސްމެ އެވެ.
ވޭތުވެ ދިޔަ އަހަރުގެ ޕްރިމިއާ ލީގު އަދި ލީގު ކަޕް ގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މެޗު ނިންމާފައި، މީޑިޔާއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ދެން އަންނަ މެޗެއް ވެސް ފަސޭހަކޮށް ނުލާނެ ކަމަށެވެ. އަދި ބާރޓޮން މި މުބާރާތުގެ މިހާ ހަމަ އަށް ދެއްކި މޮޅު ކުޅުމާ ދޭތެރޭ ފަހުރު ވެރިވާން ޖެހޭ ކަމަށެވެ. އަދި އެއާ އެކު ގެބްރިއަލް ޖީސަސް ދެއްކި މޮޅު ކުޅުމަށް ވަނީ ތައުރީފުކޮށްފައެވެ.
ބާކީ އެއް ލެގު ކުޅެން އޮތް ނަމަ ވެސް ސިޓީ އިން މިވަނީ ގާތްގަނޑަކަށް ފައިނަލް ގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ. މި ޓީމުގެ އިތުރުން ދެން ފައިނަލަށް ދާނެ ޓީމެއް އިނގޭނީ ޗެލްސީ އާއި ޓޮޓެންހަމް ބައްދަލު ކުރާ މެޗުގެ ދެވަނަ ލެގު ކުޅެ ނިމުމުން އެވެ.