އަދާލާތުގެ ޓިކެޓްގައި މަޖިލީހުގެ 13 ދާއިރާއަކަށް ކުރިމަތިލާން ހުޅުވާލައިފި

އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ --

އަދާލާތު ޕާޓީގެ ޓިކެޓްގައި މަޖިލީހުގެ 13 ދާއިރާއަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލައިފި އެވެ.

ދެން ހޮވާ މަޖިލީހެއްގައި ޖުމްލަ 87 ދާއިރާ މަޖިލީހުގައި ތަމްސީލު ކުރާނެ އެވެ. އަދާލަތު ޕާޓީން ބުނީ އެ ޕާޓީން ވާދަކުރަން ނިންމާފައިވަނީ މަޖިލީހުގެ 13 ދާއިރާއަކަށް ކަމަށެވެ.

އަދާލަތު ޕާޓީން ވާދަކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، މަކުނުދޫ ދާއިރާ، ހަނިމާދޫ ދާއިރާ، އިނގުރައިދޫ ދާއިރާ، ކާށިދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ އަދި ގަމު ދާއިރާގެ އިތުރުން ފުވައްމުލަކު މެދު ދާއިރާ، ފޭދޫ ދާއިރާ އަދި މާފަންނު ދެކުނު ދާއިރާ އެވެ.

އަދާލަތު ޕާޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަދާލަތުން އިއުލާނުކޮށްފައިވާ 13 ދާއިރާއަށް ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން ޓިކެޓަށް އެދޭ ފޯމާއި، ގާނޫނީ ފޯމާއި، ތާޢީދު އޮތް މިންވަރު އަންގައިދޭ ފޯމް ފުރިހަމަކޮށް މިމަހު 20ގެ ކުރިން އަދާލަތު އޮފީހަށް ހުށަހަޅަން އެދޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަނުން ބުނެފައިވާ ތާރީހަކީ ހައެއް އޭޕްރީލް އެވެ.

މިހާތަނަށް މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައިވަނީ އެމްޑީޕީންނެވެ. އަދި ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއް އިއުލާނެއް ނުކުރެ އެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ އެމްއާރުއެމްއިން ވަނީ މައުމޫނުގެ ތާއީދުގައި މަޖިލީހަށް ވާދަ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.

އިދިކޮޅު ޕީޕީއެމުން ވާދަކުރަނީ ކިތައް ދާއިރާއަށް ކަމެއް ސާފެއް ނުވެ އެވެ. ޕީޕީއެމް މިވަގުތު މަސައްކަތް ކުރަމުން ދަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ނުވަތަ ކޮންގްރެސް ޕާޓީގެ މަސައްކަތްތަކެވެ.

comment ކޮމެންޓް