ދެވަނަ ސަމިޓްގައި މައްސަލަ ހައްލުކުރެވޭނެ ކަމަށް އުންމީދުކުރަން: ކިމް

އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޓްރަމްޕް އާއި އަދި އެބޭފުޅުންގެ އަނބިކަނބަލުން --

ބެއިޖިންގް (ޖަނަވަރީ 10) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބާއްވާ ދެ ވަނަ ސަމިޓްގައި ކުރީގެ ސަމިޓްގައި ހައްލުނުކުރެވުނު މައްސަލަތައް ހައްލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.

ކިމް އާ ހަވާލާދީ ޗައިނާގެ ޒިންހުވާ ނޫސް އެޖެންސީ ބުނި ގޮތުގައި އުތުރުކޮރެޔާގެ ކަންބޮޑުވުންތަކަށް އެމެރިކާ ސަމާލުކަންދޭ ނަމަ ކުރީގެ ސަމިޓްގައި ހައްލުނުކުރެވުނު މައްސަލަތައް ޓްރަމްޕާއެކު ބާއްވާ ދެވަނަ ސަމިޓްގައި ހައްލުކުރެވޭނެކަން ކިމް ވަނީ އޭނާ ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީޖިންޕިން އަށް ދަންނަވައިފަ އެވެ. ކިމް ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފައި ވަނީ އިއްޔެ އެވެ.

ކިމް ދާދިފަހުން ވަނީ އެމެރިކާއިން އުތުރުކޮރެޔާއާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތު ދަމަހައްޓާ ނަމަ އެމެރިކާއާމެދު ގެންގުޅޭ ދޫދިނުމުގެ ސިޔާސަތު ބަދަލުކުރަންޖެހިދާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. މިގޮތުން ނިއުކްލިޔާ މައްސަލާގައި އުތުރުކޮރެޔާއިން ތަކުރާރުކޮށް ދޫދެމުން ގެންދާއިރު ވެސް ދަތިކުރުމުގެ ފިޔަވަޅުތަކަށް ކުޑަވެސް ލުއެއްދިނުމަށް އެމެރިކާ ދެކޮޅުހެދުމަކީ އުތުރު ކޮރެޔާގެ ސިޔާސަތު ބަދަލުކުރަން ޖެހިދާނެ ކަމެއް ކަމަށް ކިމް ވިދާޅުވެފައިވެ އެވެ. އަދި އެމެރިކާ ދޫނުދޭ ނަމަ މި މައްސަލާގައި އުތުރުކޮރެޔާގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ޓަކައި އެމެރިކާއާމެދު މުޅިން އައުގޮތަކަށް މުއާމަލާތް ކުރަންޖެހިދާނެ ކަމުގެ އިންޒާރު ވެސް ކިމް ދާދިފަހުން ވަނީ ދެއްވައިފަ އެވެ.

އުތުރުކޮރެޔާގެ ނިއުކްލިޔާ މައްސަލައާއި ބަލިސްޓިކް މިސައިލްގެ މައްސަލަ ހައްލުކުރުމަށާއި ކޮރެޔަން ޕެނިންސިއުލާގައި ސުލްޙަ ގާއިމް ކުރުމަށް ޓަކައި އެމެރިކާ އާއި އުތުރުކޮރެޔާ އާދެމެދު ޑިޕްލޮމެޓިކް މުއާމަލާތްތަކެއް ހިންގަމުން ގެންދާތާ ވަނީ އަހަރެއްހާ ދުވަސްވެފަ އެވެ. މިމުއްދަތުގެ ތެރޭގައި އުތުރުކޮރެޔާވަނީ ދެކުނުކޮރެޔާއާ އެކު ސުލްޙައިގެ މުއާހަދާއެއްގައި ސޮއިކޮށް ނިއުކްލިޔާ ތަޖްރިބާތަކާއި ބަލިސްޓިކް މިސައިލް ތަޖްރިބާތައް ހުއްޓާލައިފަ އެވެ. ނަމަވެސް އުތުރުކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދޫދިނުމަށް އެމެރިކާ ގެންދަނީ ދެކޮޅުހަދަމުންނެވެ.

ކިމް އެމެރިކާއަށް އިންޒާރު ދެއްވި ނަމަވެސް މައްސަލަ ހައްލުކުރުމަށް ޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް އަބަދު ވެސް އޭނާ ވިދާޅުވެ އެވެ. މިގޮތަށް ޓްރަމްޕާއެކު ދެވަނަ ސަމިޓަކަށް ދިޔުމަށް ކިމް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. މިއާއެކު ޓްރަމްޕްވެސް ވަނީ ކިމް އާއެކު ދެވަނަ ސަމިޓަކަށް ދާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. ކިމް އާއި ޓްރަމަޕްގެ ފުރަތަމަ ސަމިޓް ބާއްވަފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް