މާލޭ މީހާ ރާއްޖެތެރޭ މީހާ

ބަޔަކު މަޝްވަރާއެއްގައި -- ފައިލް ފޮޓޯ

މުޖުތަމަޢު އިސްލާހު ކުރާނީ ބުއްދިޔާއި އިލްމާއި ތަޖުރިބާ އެއްފަރާތް ކޮށްފައި، ޖަޒުބާތީ ވެގެން ދުލުން ބޭރު ކުރާ ވާހަކަތަކާއި ކުރާ ހަރުކަށި އަމަލުތަކަކުން ކަމުގައި ބެލުމަކީ މޮޔަކަމެކެވެ. ޚާއްސަކޮށް، ޒުވާނުން މުޖުތަމައުގެ ބޮޑެތި ބޮޑެތި މައްސަލަތަކާއި ކަންކަމުގައި ސިޔާސަތު ކަނޑައަޅާ ބަޔަކަށް ވެގެން ނުކުމެއްޖެ ނަމަ، އެ ގައުމެއް އޮންނާނީ ހަލާކުގެ ފައްތަރުގައެވެ. ފިރްދައުސީގެ ޝާހުނާމާގައި ޒުވާންކަމުގެ ރަލުން މަސްތު ވެއްޖެ މީހަކަށް ތިމާގެ ނަފުސު ނޫން އެއްޗެއް ނުފެންނާނެޔޭ ވިދާޅުވެފައި ވަނީ ސަބަބެއް ނެތިއެއް ނޫނެވެ.

މިހާރަކަށް އައިސް ޒުވާނުންގެ ވަރަށް ގިނަ ބަޔަކު، އަދި ޒުވާނުން ނޫން އެތައް ބަޔަކު ވެސް ލަގަން ނޭޅުވޭ ޖަޒުބާތުތަކުގައި ޖެހިގެން ތިބެ، ބުއްދިޔާއި އިލްމާއި ތަޖުރިބާގެ ދަންމަރުތައް ނުދިއްލައި ނުވަތަ ނިއްވައިލައިގެން ތިބެ ދައްކާ އެއް ވާހަކަޔަކީ ދިވެހި ގައުމުގައި އުޅޭ ރާއްޖެތެރޭ މީހާޔަކާއި މާލޭ މީހާއެއްގެ ވާހަކައެވެ.

ދިވެހިންނަކީ އެއް ބައެކެވެ. އެއް ނަސްލެއްގެ އެއް ޖަމާއަތެކެވެ. އެއް ދީނަކާއި އެއް ބަހަކާއި އޭގެ އިތުރުން ވެސް ސަގާފީ ވަހުދަތަކުން ވަހުދަތު ލިބިގެން ތިބި އެއް ގައުމެކެވެ. އެއް ޒަމާނެއްގައި މާލެޔާއި ރަށްރަށުގެ ރައްޔިތުންގެ މެދުގައި ފަންތީގެ ފަރަގެއް އޮތް ނަމަވެސް، އެކަން މިއަދު ވަނީ މާޒީއާ އެކު ވެފައެވެ. މަދު ބަޔެއްގެ ކިބައިގައި އެ ދުވަސްވަރުގެ ހަނދާންތައް ފޮނި ރަހަލާ ހަނދާންތަކެއްގެ ގޮތުގައި ހުއްޓަސް، މިއަދު ދިވެހިރާއްޖެޔަކީ މާލޭ ރައްޔިތުންނަށް އިނާޔަތް، ރާއްޖެތެރޭ ރައްޔިތުންނަށް ދެވަނަ ދަރަޖަ އޮންނަ މުޖުތަމައެކޭ ބުނާ މީހާ އެ ހަދަނީ ބޮޑު ދޮގެކެވެ.

އެއް މިސާލު ނަގަމާ ހިންގަވާށެވެ. ވަރަށް ގިނަ ބަޔަކު މި ދަންނަވާ "މާލޭ މީހާ ރާއްޖެތެރޭ މީހާ" ކާޑު ކުޅެނީ، ނުވަތަ އެ ލަވަ ކިޔަނީ މާލޭގައި ގެދޮރު ކުއްޔަށް ހިފައިގެން އުޅޭ ރަށްރަށުގެ ރައްޔިތުންނާ ގުޅުވައިގެންނެވެ. މާލޭ މީހާ، ރާއްޖެތެރޭ މީހާގެ ފައިސާކޮޅު ބޮޑުކުލީގެ ގޮތުގައި ކާލަނީ ކަމުގައި ބުނެ ތުހުމަތު ކުރަމުންނެވެ. މާލޭގެ ގެދޮރުގެ ކުލި، ހަމަ އެއްވެސް ހަމަޔަކުން ބަލައިނުގަނެވޭހައި މައްޗެވެ. އަޅުގަނޑު އެއްޗެއް ދަންނަވާން މި އުޅެނީ އެކަމާ ބެހޭ ގޮތަކުން ނޫނެވެ. އެޔާ ޚިލާފަށް، އަޅުގަނޑު ދަންނަވާން މި އުޅޭ އެއްޗަކީ، އެ ކަމުގައި ގޯހީ މާލޭގެ ރައްޔިތުން ހެއްޔޭ، އެއީ މާލޭގެ ރައްޔިތުން އަމިއްލަޔަށް ރަށްރަށުގެ ރައްޔިތުންނާ މެދު އަނިޔާވެރި ވުމަށް ޓަކައި އުފައްދައިގެން، މާލޭ ރައްޔިތުން އެ ނިޒާމެއްގެ ފޮނިކޮޅު ބޮމުން ގެންދާ ނިޒާމެކޭ ބުނެވޭން ނެތް ވާހަކައެވެ.

ހަނދުމަފުޅު ނެއްތައިނުލައްވާށެވެ. އެއް ކަމަކަށް، މާލެޔަކީ ރަށްރަށުގެ ރައްޔިތުން ބޮޑު ކުލި ދައްކައިގެން ދިރިއުޅޭ ޖެހޭ، ތަރައްގީ އެ ތަނަކަށް ޖަމާ ވެފައި ވާ ވެރިރަށަށް ހެދީ ރާއްޖެތެރޭ ބޭފުޅުން އިސްކޮށް ތިއްބެވި ސަރުކާރުތަކުންނެވެ. ހުރިހާ ތަރައްގީއެއް މާލެޔަށް ޖަމާ ކޮށް، ރަށްރަށް އިހުމާލު ކުރީ، ވޭތު ވެދިޔަ ސާޅީހަކަށް އަހަރުގެ ތާރީޚަށް ބަލާ އިރު، ރާއްޖެތެރޭ ބޭފުޅުން އިސްކޮށް ތިއްބެވި ސަރުކާރުތަކުންނެވެ. އެއީ މާލޭ ރައްޔިތުންގެ ބާރުގައި، މާލޭ ރައްޔިތުން ކުރި ކަމެއް ނޫނެވެ. ސަރުކާރުތަކުގައި އެ ކަހަލަ "މާލޭ-ސެންޓްރިކް" ވިސްނުން ހުރި މާލޭގެ ބޭފުޅުން ނުއުޅުއްވަޔެކޭ ވެސް އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް މި ދެންނެވި މުއްދަތުގެ ތެރޭގައި، އެ ކަހަލަ ވިސްނުންތަކާ ކުރިމަތި ލައި، ތަރައްގީ މުޅި ރާއްޖެޔަށް ހަމަހަމަ ގޮތެއްގައި ބެހިގެން ދާނެ ސިޔާސަތަކަށް ވަކާލާތު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާހައި މަތީ ފަޑީގައި ރަށްރަށުގެ ބޭފުޅުން ތިއްބެވިއެވެ. މާލެޔާ އަޅައިބަލާ އިރު އެކަށޭނަ ދުވެއްޔެއްގައި ރަށްރަށް ތަރައްގީ ނުވުމުގެ މައިގަނޑު ސަބަބަކީ އެ ބޭފުޅުން ވެސް އިހުމާލު ވެވަޑައިގަތުމެވެ. ތަންކޮޅެއް ސަރީހަ އިބާރާތަކުން ދަންނަވާ ނަމަ، ވެއަތު ވެދިޔަ މުއްދަތުގައި ސަރުކާރުތަކުގައި އެންމެ އިސް ފަޑީގައި ތިއްބެވި ރަށްރަށުގެ ބޭފުޅުން، އެ ބޭފުޅުން ނިސްބަތް ވެވަޑައިގަންނަވާ ރާއްޖެތެރޭގެ ތަރައްގީއަށް ވުރެ އިސްކަން ދެއްވީ މާލެ ވެވަޑައިގެން، އަމިއްލަ ނަފްސީ ކުރިއެރުމަށް ކަމަށް ނުބުނެވޭނެތޯއެވެ؟

ދެވަނަ ކަމަކަށް، މާލެއިން ބޮޑުކުލީގައި ތަންތަން ދޫ ކުރަނީ ހަމައެކަނި މާލޭ ރައްޔިތުންނެއް ނޫނެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ރަށްރަށުގެ ރައްޔިތުންނެވެ. ގެދޮރު ބިނާ ކުރުމަށް ޓަކައި ދޫ ކުރާ ލޯނުތަކުގެ ރިބާ އިންތިހާ ދަރަޖައިގައި ބަހައްޓަނީ ވެސް މާލޭ ރައްޔިތުން ހިންގާ ބޭންކަކުން ނޫނެވެ. އެކަން ކުރަނީ ވެސް ރާއްޖެތެރެއަށް ނިސްބަތް ވާ ރައްޔިތުންގެ ގިނަ ބަޔަކު މެނޭޖުމަންޓުގައި ތިބި ބޭންކުތަކުންނެވެ.

މިއަދު ވެސް، މާލެއެކޭ އެއްވަރަށް ރަށްރަށް ތަރައްގީ ކުރުމުގެ މަސައްކަތް މާނަހުރި ގޮތެއްގައި ކުރުމަށް އަތޮޅުތަކުގެ ރައްޔިތުން ބޭނުން ނަމަ، އެކަމަށް ޑިމާންޑް ކުރެވޭނެއެވެ. އެކަން ކުރެވޭނެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް ކުރެވެނީ އެކަންތޯއެވެ؟ ނުވަތަ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ފަރާތުން މަގުތަކަށް ނުކުމެ ފިތުނަފަސާދަ ހިންގުންތޯއެވެ؟

މި ކަންކަމަށް ބަލައިލުމުން، ޒުވާންކަމުގެ ރަލުން މަސްތު ވެގެން ތިބެޔާއި، ހަމައެއް އިންސާފެއް ބުއްދިއެއް ނެތި ހަމައެކަނި ޖަޒުބާތުން ވާހަކަ ދައްކާ އަދި އަމަލު ކުރާ މީހުން މި ކަމުގައި ދައްކާ ވާހަކަ ގޯސް ކަން އެނގެއެވެ. ހިކުމަތްތެރިކަމެއް ނެތި، މައްސަލަތަކަށް "ހައްލު ހޯދާނަމޭ" ހިތައި މި މަގުން ކުރެވޭ ކަންކަމުން އެ މައްސަލަތައް އިތުރަށް ގޯސް ވުން އެއީ އާއްމުކޮށް ހިނގާ ކަމެކެވެ. މިސާލަކަށް، ތިމާގެ ދަރިޔަކު ވައްކަން ނުކުރަނީސް، ވައްކަން ކުރެޔޭ ކިޔައިގެން ދަރިފުޅާ ދިމާޔަށް ހަޅޭއްލެވުމާއި އަދަބު ދިނުމަކީ، މާޔޫސީ އާއި ހިތްދަތިކަމާއި ރުޅިވެރިކަމުގެ މަގުން ގޮސް ދަރިފުޅު ވައްކަމުގެ މަގަށް ފިރައިލަފާނެ ކަމެކެވެ. ވީމާ، ވިސްނުމެއް ނެތި މާލޭ މީހާ ރާއްޖެތެރޭ މީހާއޭ ކިޔައިގެން އުޅޭ މީހުން ވިސްނާން ވެއްޖެ ހަގީގަތަކީ، އެ ދައްކާ ވާހަކައިގެ ސަބަބުން މުޖުތަމައު ދެބައި ވެ، އެ ދެ ބައިގެ ދެމެދުގައި ނަފުރަތާއި ރުޅިވެރިކަމުގެ ބިރުވެރި އޮށްތަކެއް އިންދިދާނެ ކަމެވެ. މާލޭ މީހާ ރާއްޖެތެރޭ މީހާ ނުކިޔާށެވެ. މައްސަލަޔަކީ މާލެ ތަރައްގީ ވަމުން ދާ އިރު، އެކަށޭނަ ދުވެއްޔެއްގައި ރަށްރަށް ތަރައްގީ ނުވުން ނޫންތޯއެވެ؟ އެހެންވިއްޔާ އެހެން ބުނަމާ ހިންގަވާށެވެ. ހަމަ އެހެންމެ، މައްސަލަޔަކީ މާލޭގައި ހިސާބަށް ވުރެ ގެދޮރުގެ ކުލި ބޮޑު ވުން ނޫންތޯއެވެ؟ އެހެންވިއްޔާ އެ ވާހަކަ ދައްކަމާ ހިންގަވާށެވެ. މާލޭ މީހާ ރާއްޖެތެރޭ މީހާއޭ ކިޔައިގެން އެކަކު އަނެކަކަށް ލައުނަތް ދީ، ފިތުނަފަސާދަ ނުއުފައްދަމާ ހިންގަވާށެވެ.

comment ކޮމެންޓް