ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ ފިތްކަނޑައިގެންދާ ވަރުގެ ވާހަކަތަކެއް!

ކުރިމިނަލް ނޯޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

މަރާލެވިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ފާއިތުވެދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް، ހުސްނުއްސުއޫދު ވަނީ ރާއްޖޭގެ ޖުޑިޝަރީއަށާއި، ހާއްސަކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އޭނާ ވަނީ މައްސަލަތައް ބެލުމުގައާއި، އެހެނިހެން ގޮތްގޮތުން ފަނޑިޔާރުންނާއި، ގޭންގުތަކާ ގުޅުން އޮންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންނަށް ފޯރާފައިވާ ކަމަށް އޭނާ ޔަގީންކަމާ އެކު ތުހުމަތު ކުރެއްވި އެވެ.

މީގެ ކުރީން ވެސް ރާއްޖޭގެ ޖުޑަޝަރީއަށް ނުފޫޒު ފޯރާފައިވާ ކަމަށް ގާނޫނީ ވަކީލުންނާއި، އާންމު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެއީ އާ ކަމެއް ނޫނެވެ. ނަމަވެސް، ދައުލަތުގެ ކޮމިޝަނެއްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ސުއޫދު ހިއްސާ ކުރެއްވި މައުލޫމާތުތައް ވެގެން ދިޔައީ ކުރީން ދެކެވުނު ވާހަކަތަކަށް އިތުރު ބާރެއް ލިބިގެން ދިޔަ ކަމަކަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހުސްނުއްސުއޫދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ސުއޫދު ދެއްކެވި ވާހަކަތައް ތެދުކުރައްވައި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވެސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. ނާޒިމް ވަނީ އޭނާގެ އަމިއްލަފުޅު ތަޖުރިބާއެއް ހިއްސާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، 2016 ވަނަ އަހަރު އޭނާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކާ ބެހޭ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުމުން، ގޭންގަކުން އޭނާގެ އޮފީހުގައި އޭނާއަށް އިންޒާރުދިން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ނާޒިމަށް އިންޒާރު ދީފައި ވަނީ މިހާރު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އައްސަދު އަލީ (އަޑުބަރޭ)، ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ފޮޓޯ ނެގި މައްސަލައާ ގުޅިގެންނެވެ. އޭރު ނާޒިމް މަސައްކަތް ކުރައްވަމުން ގެންދެވީ އަޑުބަރޭގެ ވަކީލެއްގެ ގޮތުގައި ކަމަށްވެ އެވެ.

އެއީ އެފަދަ ހަމަ އެންމެ ވާހަކަ އެކެވެ. ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނާއި ގޭންގުތަކާ ހުރި ގުޅުމާ ބެހޭ ގޮތުން، އެކަމުގެ މައުލޫމާތު ލިބިފައި ހުރި މުއުތަބަރު ފަރާތެއް ވަނީ، އޭނާ އަށް ލިބިވަޑައިގެންފާނެ ގެއްލުމަކަށް ޓަކައި ނަން ހާމަ ނުކުރުމަށް ޝަރުތުކުރައްވައި "ސަން"އާ ވާހަކަފުޅު ދައްކަވައިފަ އެވެ. ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކާއި، ޖިނާއީ ބޮޑެތި މައްސަލަތައް ފަނޑިޔާރުން ހިންގާފައިވާ ގޮތާ ގުޅޭ ގޮތުން އޭނާ ވަނީ އޭނާގެ ހިޔާލު ހިއްސާ ކުރައްވައިފަ އެވެ.

ފަނޑިޔާރުންގެ ޓީމެއް ކެމްޕެއިނުގައި؟

"ސަން"އާ ވާހަކަ ދެއްކެވި މީހާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބަކާ ދިމާކޮށް، ރާއްޖޭގެ ފަނޑިޔާރުންގެ ޓީމަކުން ވަނީ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓަކަށް ކެމްޕެއިން ކުރުމަށް ރާއްޖޭގެ އަތޮޅެއްގެ ރަށްތަކަކަށް ޒިޔާރަތް ކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެ ފަނޑިޔާރުން ޒިޔާރަތް ކުރެއްވީ، ޖިނާއީ އެކިއެކި މައްސަލަތުގައި ޖަލުގައި ތިބި ޒުވާނުންގެ އާއިލާތަކާއެވެ.

"މި ބުނާ ގާޒީންގެ ޓީމު މިދަނީ، އިންތިހާބެއްގެ ތެރޭގައި ގޭގެއަށް ގޮސް ކެމްޕެއިންކޮށް، މި ބުނަނީ، ކަލޭގެ ދޮށީ ދަރީގެ މައްސަލައެއް މިވެނި ކޯޓެއްގައި އެބަ އޮތޭ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އަންނާނީ މިވަނި ވަރެއްގެ ހުކުމެކޭ. މައިންބަފައިން ބޭނުން ހެއްޔޭ ދަރީން އެހާ ޒުވާން، ޅަ އަމުރުގައި ޖަލުގައި އޮންނަން. މިއީ އޭނާގެ މައްޗަށް ޔަގީނުން ވެސް ސާބިތުވާނެ ދައުވާއެކޭ. ދެން މިބުނަނީ ތިމަންނަމެންނާ ގުޅޭށޭ، އޭރުންނޭ ސަލާމަތެއް އޮތީ. ދަރިފުޅަށް މުސްތަގުބަލެއް އޮތީ،"

"ސަން"އާ ވާހަކަ ދެއްކި މީހާ ވިދާޅުވީ، އެހިސާބުން އެ މައިންބަފައިންނަށްވެސް ދަރީންގެ މުސްތަގުބަލަށްޓަކައި އެ ގާޒީން ބުނާ ގޮތަކަށް ކަންތައް ކުރަން މަޖުބޫރުވާ ކަމަށެވެ. އެ ފަނޑިޔާރުން އެދޭ ކެންޑިޑޭޓަކަށް ތާއީދު ކުރާ ކަމަށެވެ.

"މިއީ ސިއްރެއް ނޫން. އެ ރަށްރަށުގެ މީހުންނަށް އެނގޭ ކަންތައްތައް. މިކަން މިގޮތަށް ހިނގި ކަމަށް ހެކިވާނެ އެތައް މީހުން ތިބޭނެ،" އޭނާ ބުންޏެވެ.

އޭނާ ވިދާޅުވީ، ފަނޑިޔާރަކާއި ކުރީގެ ޕީޖީއަކު ކޮފީ މޭޒެއްގައި ވާހަކަ ދައްކަވަން ތިއްބަވަނިކޮށް ފެނިފައިވާ ގައުމެއްގައި އެފަދަ ކަމެއް ހިނގުމަކީ ދުރު ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.

ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރަކާއި ކުރީން ޕީޖީކަން ކުރައްވާފައިވާ ބޭފުޅަކު މާލޭގެ ކެފޭއެއްގައި ވާހަކަފުޅު ދައްކަވަން ތިއްބެވި ކަމަށް ބުނާ މަންޒަރު ރާއްޖެ ޓީވީގެ ނޫސްވެރިންތަކެއް ވީޑިއޯ ކުރަން ތިއްބައި، އެސްއޯ ފުލުހުން އައިސް އެ ދެ ނޫސްވެރިން ހައްޔަރުކޮށް އެ ވީޑިއޯ ޑިލީޓު ކުރުމަކީވެސް ހިނގާފައިވާ ކަމެކެވެ. އެކަން ހިނގާފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

"ފަނޑިޔާރެއްގެ ވީޑިއޯއެއް ނަގަން ހުއްޓާ ޑިލީޓު ކުރުވީ ކީއްވެތޯ؟ ކޮން ވާހަކައެއްތޯ ދެއްކެވީ؟ ކީއްވެތީ ޑިލީޓު ކުރުވީ؟ ދެން އިތުރު ކޮން ވާހަކައެއްތޯ ދައްކަންވީ އަޅުގަނޑު. ވަރަށް ސާފު ދެއްތޯ؟"

އޭގެ އިތުރުން، ރާއްޖޭގެ ކޯޓުތަކުގައި ހިނގާފައިވާ އަދި ހިނގަމުންދާ ބޮޑެތި ޖިނާއީ ބައެއް މައްސަލަތަކާ ގުޅޭ ގޮތުންވެސް އޭނާ ވަނީ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.

ޝައްކު އުފެއްދޭ ގިނަ މައްސަލަތަކެއް؟

އިސްކަންދަރު ސްކޫލް ކުރިމަތީގައި އޮންނަ ދީދީ ގޯޅި ތެރޭގައި ހުންނަ އަގޯރާ ފިހާރަ ކައިރިން ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާ ދީ އަސީލް އަހުމަދު މަރާލީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

އަސީލް މަރާލި މައްސަލާގައި ހިމެނޭ ދެ ކުޑަކުއްޖެއްގެ މައްސަލަ ހިންގީ ޖުވެނައިލް ކޯޓުންނެވެ. އެ މައްސަލާގައި ހިމެނޭ އެހެން ހަ މީހެއްގެ މައްޗަށް ދައުވާ ކުރީ ކްރިމިނަލް ކޯޓުންނެވެ. ދެ ކޯޓުގައި ވެސް އެ މައްސަލައިގައި ހެކިބަސް ނެގީ އެއްބައެއްގެ ފަރާތުންނެވެ.

ތ. ތިމަރަފުށީ ބްލޫނިޔާގޭ އަސީލު އަހްމަދު -- ސަންފައިލް ފޮޓޯ

އެހެން ނަމަވެސް، ނިމިގެން ދިޔަ ރިޔާސީ އިންތިހާބާ ކައިރިވެފައި ވަނިކޮށް، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އެ މީހުންގެ މައްޗަށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފަ އެވެ. ތަފްސީލެއް ނެތް އެ ހުކުމުގައި ހަމަ އެކަނި ބުނެފައި ވަނީ އެ ދައުވާ ސާބިތު ނުވީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބުނާ ވަރަށް ހެކި ލިބިފައި ނުވާތީ ކަމަށެވެ. އެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުވެސް ވަރަށް ކުރުކަން ފާހަގަ ކުރެވެއެވެ.

"މިއޮތީ ސާފުކޮށް އެނގެން، ނޫންތޯ. މަރުގެ މައްސަލައެއްގައި އެންމެ ކަމެއްގެ މައްޗަށް ނޫންތޯ ހުކުމްކޮށްފައި އެވަނީ. ހަމަ އެ މައްސަލަ ޖުވެނައިލް ކޯޓުން ސާބިވެފައި އޮއްވާ. ވިސްނާލައްވާ. މިއީ އެއްވެސް ނުފޫޒެއް ނެތިގެން ކުރި ކަމެއް ކަމަށް ބުނެވޭނެތޯ؟ ކިހިނެއްތޯ ހެޔޮވާނީ؟"

"ސަން"އާ ވާހަކަ ދެއްކި މީހާ ވިދާޅުވީ، ގޭންގުތަކާ ގުޅުން ހުރި ޖިނާއީ ބައެއް މައްސަލަތައް ކްރިމިނަލް ކޯޓުގެ ވަކި ފަނޑިޔާރަކަށް ބަދަލު ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ ފަނޑިޔާރު މެދުވެރިކޮށް މައްސަލަތައް ވަކި ކޮޅަކަށް ފައިދާވާ ގޮތަށް ނިންމާފައިވާކަން އެނގިފައިވާ ކަމަށެވެ. އަސީލްގެ މައްސަލައަށްވެސް ވެފައި ވަނީ އެހެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބު ކައިރިވެފައި އޮއްވާ އެ މައްސަލަ ނިންމީ. ކުރިން އެހެން ގާޒީއަކު ބަލަމުން ދިޔަ މައްސަލައެއް ކުއްލި ގޮތަކަށް މި ބުނާ ގާޒީ އަތައް ބަދަލުކޮށްފައި ހުކުމް މި ކުރީ. އެ މައްސަލާގައި ނިންމާފައި އެ އޮތީ މި ބުނާ ގޭންގުގެ މީހުން ސީދާ ފަނޑިޔާރާ ވާހަކަ ދައްކައިގެން،" އޭނާ ވިދާޅުވި އެވެ.

ތޫނު އެއްޗަކުން ހަމަލާދީ. ހ. ހަންޑްރެޑް ފްލާވާ، ޖައިލަމް އަހްމަދު ޝާކިރު މަރާލީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާ މަރާލި މައްސަލާގައި ދައުވާ ކުރީ ތިން މީހުންގެ މައްޗަށެވެ.

މިދިޔަ ރިޔާސީ އިންތިހާބު ކައިރިވެފައި އޮއްވާ ޖައިލަމް މަރާލި މައްސަލައިގައި ދައުވާ ކުރާ ތިން މީހުންވެސް ވަނީ ދުކޮށްލާފައެވެ. އެމީހުން ދޫކޮށްލާފައި ވަނީ ކުއްލިއަކަށް އަޑުއެހުމެއް ތާވަލުކުރުމަށް ފަހު މިދިޔަ އަހަރުގެ ސެޕްޓޭމްބަރު 20 ވަނަ ދުވަހުއެވެ.

ވަޅިން ހަމަލާދީ މަރާލި ޖައިލަމް --

"ސަން"އާ ވާހަކަ ދެއްކި މީހާ ވިދާޅުވި ގޮތުގައި، އެ ވާހަކަ ނޫސްތަކުގައި ޖެހުމުން، އޭރުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އެ މީހުން ދޫކޮށްލިކަން ނޫސްތަކަށް އެނގުމުން އެކަމާ ވަނީ ރުޅިވެރިކަން ފާޅުކޮށް، އެ މައުލުމާތު ލިބުނު ގޮތެއް ހޯދަން މަސައްކަތްކޮށްފަ އެވެ.

"އެމީހުން ދޫކޮށްލީ ސެޕްޓެމްބަރު 20 ވަނަ ދުވަހު. ރިޔާސީ އިންތިހާބު ސެެޕްޓޭމްބަރު 23ގައި. ގުޅުމެއް ނެތް ކަމަށްތޯ ދަންނަވަންވީ؟"

އަސީލް އާއި ޖައިލަމްގެ މަރުގެ މައްސަލަތަކުގެ އިތުރުން ވެސް މައްސަލަ ސާބިތު ނުވުމާއި މީހުން ދޫކޮށްލުމުގައި ޝައްކު އުފެދޭ ކަމަށް ބުނާ އިތުރު ބައެއް މައްސަލަތަކެއް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެގޮތުން އެނާ ފާހަގަ ކުރެއްވި އެއް މައްސަލަ އަކީ ލޮރެންޒޯ ޕާކު ތެރޭގައި އަހުމަދު އަރުހަމް މަރާލާފައި އޮއްވާ ފެނުނު މައްސަލައެވެ. އަރުހަމް މަރާލީ 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ހަތަރު މީހެއްގެ މައްޗަށެވެ.

އެ މައްސަލާގައި ކޯޓުގައި ހެކިބަސް ނަގަމުން ދަނިކޮށް، ކުއްލި ގޮތަކަށް އެއްވެސް ސަބަބެއް ނެތި އެ މައްސަލާގައި ހިމެނޭ މީހަކު ވަނީ ދޫކޮށްލައިފަ އެވެ. އޭނާ ދޫކޮށްލި ދޫކޮށްލުން ޕީޖީން އިސްތިއުނާފުކޮށްފައިވެސް ނުވެ އެވެ.

"އޭނަ ދޫކޮށްލުމަކީ ވެސް ހަމަ ސީދާ ޑީލްއެއްގެ ދަށުން ކުރި ކަމެއް. މި ދައްކަނީ މަރުގެ މައްސަލައެއްގެ ވާހަކަ. ކިހިނެއްތޯ ހެޔޮވާނީ ދޫކޮށްލަން؟" "ސަން"އާ ވާހަކަ ދެއްކި މީހާ ވިދާޅުވި އެވެ.

ދާދި ފަހުން ގއ. ވިލިނގިލީގައި ހުންނަ ބީއެމްއެލް ބްރާންުޗު ފަޅާލައި 15 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލަ ވަނީ މުޅި ރާއްޖޭގެ ސަމާލުކަން ހޯދައިފަ އެވެ. އެ މައްސަލައަކީ ރާއްޖޭގެ ތާރީހުގައި ހިނގި އެފަދަ އެންމެ ބޮޑު އެއް މައްސަލަ އެވެ.

ދުރާލާ ރާވައިގެން ހިންގި އެ ވަށްކަމުގައި ވަގަށް ނެގި ފައިސާގެ ބޮޑު ބައެއް ހޯދާފައި ވަނީ އެ ރަށުގެ ފަޅު ގެއެއްގެ ތެރޭގައި ހުރި ދޮންނަ މެޝިނެއްގެ ތެރެއިންނެވެ. އެ މައްސަލައާ ގުޅިގެން 13 މީހަކު ހައްޔަރު ކުރިއެވެ.

ބެންކް އޮފް މޯލްޑިވްސް ވިލިނގިލީ ބްރާންޗް --

މިހާރު އެ މައްސަލާގައި ހިމެނޭ ހުރިހާ އެންމެން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. ބަންދުން ދޫކޮށްލީ އޭގެ ތެރެއިން ބައެއް މީހުންނާ ދެކޮޅަށް ހެކިވެސް ހުއްޓައެވެ. ހެކި ހުއްޓައި އެ އެންމެން ދޫކޮށްލުމަކީވެސް ނުފޫޒެއްގެ ތެރެއިންކޮށްފައިވާ ކަމެއް ކަމަށް "ސަން"އާ ވާހަކަ ދެއްކި ފަރާތުން ތުހުމަތު ކުރައްވައެވެ.

ވެސްޓާން ޔުނިއަން ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައަކީ ބިރުވެރި މައްސަލައެކެވެ. އެ ފޭރުމުގެ އަމަލު ހިންގާފައި ވަނީ ވެސްޓާން ޔޫނިއަން އޮފީސް ތެރެއަށް ވަދެ އެތަނުގައި ތިބި މުވައްޒިފުން ބަނދެ ވަޅިން ބިރު ދައްކައިގެންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި 1.2 މިލިއަން ރުފިޔާއާއި ތިން ލައްކައަށް ވުރެ ގިނަ ޑޮލަރު ހޯދާފައި ވެއެވެ. އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ތިން މީހެއްގެ މައްޗަށެވެ. އެ ތިން މީހުންވެސް މިހާރު ޝަރީއަތް ނުނިމެނީސް ވަނީ ދޫކޮށްލައިފަ އެވެ.

"ސަން"އާ ވާހަކަ ދެއްކި މީހާ ވިދާޅުވީ އެމީހުން ދޫކޮށްލީި ސިޔާސީ ނުފޫޒެއް އޮވެގެން ކަމަށެވެ. އަދި އެ މީހުން ދޫކޮށްލީ އޭގެ ތެރެއިން އެކެއްގެ އާއިލާގެ މީހުންތަކެއް ރާއްޖޭގެ ބޮޑު ސިޔާސީ ޕާޓީއަކަށް ސޮއި ކުރި ފަހުން ކަމަށެވެ.

ޓާމިނަލް ކެފޭގެ ތެރޭގައި ކޮފީ ބޯން އިންދައި އުމުރުން 24 އަހަރުގެ ނަދީމް އަބްދުލް ރަހީމްގެ ބޮލަށް ވަޅިން ހަމަލާދީ މަރާލި ހާދިސާ އަކީ ދިވެހީން ސިއްސުވާލި ބިރުވެރި ހާދިސާ އެކެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ ހަތަރު މީހުންގެ މައްޗަށެވެ.

ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމު އަބްދުއްރަހީމް

ޖުވެނައިލް ކޯޓުން ވަނީ ގާނޫނީ ހުއްޖަތެއް ދައްކައި އެ މައްސަލާގައި ހިމެނޭ ކުޑަ ކުއްޖަކަށް އެ ދައުވާ ނުކުރޭނެ ކަމަށް ކަނޑައަޅައި މިނިވަންކޮށްފަ އެވެ. ނަދީމް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އަދިވެސް އޮތީ ނުނިމި އެވެ.

އިންސާފުން ކަން ހިނގާފައިވާ ކަމާ މެދު ޝައްކު އުފެދޭ އެތައް މައްސަލައެއް އެބަ ހުއްޓެވެ. އެފަދަ ސުވާލުތައް ރިޔާސީ ކޮމިޝަނެއްގެ ރައީސަކު ވަނީ އުފައްދަވައިފަ އެވެ. ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) ބުނެފައި ވަނީ ޝަރުއީ ނިޒާމާ މެދު ރައްޔިތުން އިތުބާރު ކުރާ ކަމަށެވެ. އެތަނުން ބޮޑަށް އިތުބާރު ކުރެވެނީ، ސުއޫދު ދެއްކެވި ވާހަކަފުޅުތަކަށް ތޯއެވެ. ނޫނީ ޑީޖޭއޭއަށްތޯ އެވެ؟

comment ކޮމެންޓް