ބުޅާ މެރުން: ނުރައްކާތެރި ނިޝާނެއް!

ރާއްޖޭގެ ރަށެއްގައި ބުޅަލެއް މަރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް ---

ރާއްޖޭގައި ފާއިތުވި 10 އަހަރު ތެރޭގައި ހިނގާފައިވާ ލާއިންސާނީ، އަނިޔާވެރި މަރުތަކާއި މާރާމާރީތަކަކީ ދިވެހީންގެ ތެރޭގައި އިންސާނެއްގެ ހައިސިއްޔަތުން އެކަކު އަނެކަކަށް އޮންނަން ޖެހޭ ކުލުނެއް ނެތް، އަނިޔާވެރި ޒުވާނުންތަކެއް މުޖުތަމައުގައި އުޅޭ ކަމުގެ ހެއްކެކެވެ. އެއީ އާ މައުލޫމާތެއް ނޫނެވެ. ދާދި ފަހުން މާލޭގައި ބުޅާތަކެއް މަރާލި މައްސަލަ ފެންމަތިވުމަކީވެސް އަނިޔާވެރިކަމުގެ އިތުރު މިސާލެކެވެ.

ބުޅާ މަރާތީ އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް، ރާއްޖޭގެ ރަށެއްގައި މީހަކު ދަނޑިބުރިއަކުން ބުޅަލެއް މަރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ވައިރަލްވެފަ އެވެ. އެ ވީޑިއޯއިން އެތައް ބައެއްގެ ހިތަށް އަސަރު ކުރި އިރު، އެއްބަޔަކަށް އުފެދިގެން ދިޔަ ސުވާލަކީ އެފަދަ އަމަލުތައް ހިންގާ މީހުން، އެހެން ކުށްކުށަށް އަރައިގަންނަން ޖެހިލުން ވާނެތޯ އެވެ.

ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި ބައެއް އާންމުން ދެކޭ ގޮތުގައި، ބުޅާ މެރުމަކީ އެހެން ކުށްކުށާއި ގުޅިފައިވާ ކަމެކެވެ. އެމީހުން ދެކޭ ގޮތުގައި ބުޅާ ފަދަ ޖަނަވާރުތައް މަރަމުން ދަނީ އެހެން ކުށްކުށަށްވެސް އަރައިގަންނަން ޖެހިލުން ނުވާ މީހުންނެވެ.

"އަހަރެންނަށް ހީވަނީ ހަމަ، ބައެއް ކަންމަތިތަކުގައި ބައިގަނޑުތަކަށް އުޅޭ މީހުންހެން އެކަން ކުރަނީ. މަޖަލަކަށް ހަދައިގެން. އެކަންތައް ހަމަ އެ ކުރަނީ އެހެން ކަންކަންވެސް ބިރެއް ނެތި ކުރާ މީހުން،" އާންމުންގެ މީހަކު ބުންޏެވެ.

ފަހަރެއްގައި އެއީ ތެދަކަށް ވެދާނެއެވެ. އެހެން ނަމަވެސް، ދެން އޮތީ އެއަށް ވުރެ ބިރުވެރި ވާހަކައެކެވެ. އެއީ އެކަން ކުރަނީ ފުރާވަރުގެ ކުދިން ކަމަށް ދައްކާ ވާހަކަތަކެވެ. ފުރާވަރުގެ ކުދިން އެފަދަ އަމަލުތައް ކުރާ ނަމަ އެއީ ބަލަން ޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ސަބަބަކީ އެ ކުދިން ބޮޑުވެގެން، އެހެން އަނިޔާވެރި އަމަލުތައް ހިންގަން ޖެހިލުން ކުޑަވެދާނެތީ އެވެ. ޖަނަވާރެއް ވިޔަސް ފުރާނައެއް ދުއްވައިލުމަށް ޖެހިލުން ނުވާ ބަޔަކު މުޖުތަމައުގައި އުޅުމަކީ ބިރުހުރި ކަމެކެވެ.

މެދު ޒިޔާރަތްމަގުން، އިސްލާމީ މަރުކަޒާއި ސަލްޓަން ޕާކު ހިމެނޭ ސަރަހައްދުގައި، އޮތް ބުޅަލެއް. އެ ސޮރަށް ވަނީ އަނިޔާއެއް ލިބިފައި -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ލަވަކިޔުންތެރިޔާ އަދި ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ މީރާ މާޖިދަކީވެސް އެ ކަންބޮޑުވުން ފާޅު ކުރާ އެކަކެވެ.

"މިސާލަކަށް މިކަން ކުރީ ސާދަ ފަނަރަ އަހަރުގެ ކުދިންގެ ގްރޫޕަކުން ކަމަށް ވިއްޔާ، އެ ކުދިން ބޮޑުވެގެން އައިސް އެކާވީސް ބާވީސް އަހަރަށް އަރާ އިރު ނޭނގޭނެ ދޯ ކޯންޗެއް ކަމެއް ދެން މަރާނީއެއް. މީހުން ނޫން ކަމެއް،" މީރާ ބުންޏެވެ.

އޭގެ އިތުރުންވެސް މީރާ ވަނީ މާލޭގައި ބުޅާ މަރާާ މައްސަލައާ ގުޅިގެން އޭނާގެ ޝުއޫރު ފާޅުކޮށްފަ އެވެ. އޭނާ ވަނީ އެކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފަ އެވެ.

މާލޭގެ މަގެއްގައި މަރާލާފައި އޮތް ބުޅަލެއް --

"ވަރަށް ސައިކޯ ބިހޭވިއާއެއް ދޯ އެއީ. ސޯޝިއޯޕާތިކް ބިހޭވިއާއެއް ދޯ އެއީ. އެ އެއްޗެހި މީރާ މެންނަކަށް އެކްސެޕްޓަބަލް އެއް ނޫން. މީރާ މި އަހަރުގެ ތެރޭގައި މީރާއަށް ކުރެވޭ ހުރިހާ ކަމެއް ކުރާނަން އެނިމަލް ރައިޓްސް ރާއްޖޭގައި ސީރިއަސް އިޝޫއަކަށް ހަދަން،" މީރާ ބުންޏެވެ.

މީރާ ވަނީ ބުޅަލަށް އަނިޔާ ކުރާ ފަރާތްތަކާ ގުޅޭ ގޮތުން އޭނާއަށް ލިބިފައިވާ ބައެއް މައުލޫމާތުތައްވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި، ބައެއް މީހުން ސްނޯކްލިން ގިއަރުގައި މޫދަށް އެރި، ބުޅާ މޫދަށް އެއްލާލައި، ބުޅާ ގެނބިގެން މަރުވާތަން މުނިފޫހިފިލުވުމުގެ ގޮތުން ބަލައެވެ.

"އެހާ ލޯބި، ލޯބި އެއްޗެއް އެހާ އަނިޔާވެރިކޮށް މަރާލީމަ އަސްލު މިއީ އަސްލު އަހަރެމެން ބިރުގަންނަން ޖެހޭނެ ކަމެއް. އެކަމުން އެނގެނީ އެމްޕަތީ ނެތް ބަޔަކު އުޅޭ ކަން. އެއީ ސޮސައިޓީއަށް ނުރައްކަލެއް ދޯ. ސިކް ކަމެއް އަސްލު،" ބުޅާ މަރާ މައްސަލައާ ގުޅޭ ގޮތުން އާންމުންގެ މީހަކު ހިޔާލު ފާޅު ކުރަމުން ބުންޏެވެ.

ނޮޓިންހަމް ޓްރެންޓް ޔުނިވާސިޓީގެ ޗާޓާޑް ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. މާކް ގްރިފިތްވެސް ދެކިވަޑައިގަންނަވާ ގޮތުގައި ޖަނަވާރަށް އަނިޔާ ކުރުމަކީ، މުސްތަގުބަލުގައި އެ މީހަކުގެ އުމުރުގެ ކޮންމެވެސް ހިސާބެއްގައި އިންސާނުންނަށް ވެސް އަނިޔާ ކޮށްފާނެ ކަމުގެ ނިޝާނެކެވެ. 2014 ވަނަ އަހަރު "އިންޑިޕެންޑެންޓް" އަށް އޭނާ ލިޔުއްވި ލިޔުއްވުމެއްގައި ވަނީ، 1970ގެ ކުރީ ކޮޅު އެމެރިކާގެ ފެޑެރަލް ބިއުރީ އޮފް އިންވެސްޓިގޭޝަނުން ހެދި ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންގެ ބިހޭވިއަރަލް ޕްރޮފައިލްތަކުން، ބޮޑެތި ޖަރީމާތައް ހިންގާ "ސީރިއަލް ކިލާރ" އިން ފަދަ މީހުން ކުޑައިރު ޖަނަވާރުންނަށް އަނިޔާ ކުރި ކަން އެނގިފައިވާކަން ފާހަގަކުރައްވާފަ އެވެ.

"ސީރިއަލް ކިލާރ" އިންނަކީ ގިނަ އަދަދެއްގެ މީހުން މަރާލި ކަމުގެ ރެކޯޑު އޮންނަ މީހުންނެެވެ. އެފަދަ މީހުންނަކީ އެމީހުންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން މުޅި ދުނިޔެއަށް ގިނަވެފައި ތިބި މީހުންނެވެ. ދިރާސާތަކަށް ބަލާލާ އިރު އެފަދަ ގިނަ މީހުންގެ ކިބައިން އެއް ކަމެއް ފާހަގަ ކުރެވެ އެވެ. އެއީ އެފަދަ މީހުން ޅަ އުމުރުގައި ޖަނަވާރަށް އަނިޔާ ކޮށްފައިވާ ކަމެވެ.

ޖަނަވާރަށް އަނިޔާ ކުރުމުގެ މާޒީއެއް އޮތް، ބޭރުގެ ބައެއް ސީރިއަލް ކިލާއިންނާއި، ބޮޑެތި އެފަދަ ޖަރީމާތައް ހިންގާފައިވާ ބައެއް މީހުންނަށް ބަލާލަމާ ހިނގާށެވެ.

އެމެރިކާގެ ބޮސްޓަންގައި 1960ގެ އަހަރުތަކުގެ ތެރޭގައި ނޭވާ ހާސްކޮށްގެން 13 އަންހެނުން މަރާލި އެލްބާޓް ޑިސަލްވޯ (ބޮސްޓަން ސްޓްރޭންގްލާ) އަކީ ފުރާވަރުގައި ބުޅަލާއި ކުއްތާތައް ހައްޔަރުކޮށްގެން އެއަށް ތީރު ޖަހައި މެރި މީހެކެވެ.

ކެންސަސްގައި 1974 ވަނަ އަހަރާއި 1991 ވަނަ އަހަރާ ދެމެދު 10 މީހުން މެރާލި ޑެނިސް ރޭޑާ (ބީޓީކޭ ކިލާރ) އޭނާގެ ފުރާވަރާ ބެހޭ ގޮތުން ލިޔުނު ލިޔުމެއްގައި ވަނީ އޭނާ އޭރު ބުޅަލާއި ކުއްތާ ދަންޖައްސައި މެރި ކަމަށް ބުނެފަ އެވެ.

10 މީހުން މަރާލި ޑެނިސް ރޭޑާ (ބީޓީކޭ ކިލާ): އޭނާ އަކީ ވެސް ޖަނަވާރުންނަށް އަނިޔާ ކުރި މީހެއް --

އެމެރިކާގެ ނިއުޔޯކް ސިޓީ ދުށް އެންމެ ނުރައްކާތެރި އެއް ސީރިއަލް ކިލާ ކަމަށްވާ ޑޭވިޑް ބާކޮވިޓްސް އަކީ ކުޑަ އިރު ޖަނަވާރުންނަށް އަނިޔާ ކުރި ކަމުގެ ރެކޯޑު އޮންނަ މީހެކެވެ. 1977 ވަނަ އަހަރު ނިއުޔޯކްގެ ފުލުހުން ބާކޮވިޓްސް ހައްޔަރު ކުރި އިރު އޭނާ ވަނީ އަށް މީހުން މަރާލާފަ އެވެ.

ޓެޑް ބަންޑީ އަކީ އެމެރިކާ ދުށް އެންމެ ނުރައްކާތެރި އެއް ސީރިއަލް ކިލާ އެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން ވަނީ އެމެރިކާގެ ހަތް ސްޓޭޓެއްގައި 30 މީހުން މަރާލާފަ އެވެ. ބަންޑީ އަކީވެސް ކުޑަ އިރު ޖަނަވާރުންނަށް އަނިޔާ ކުރުމުގެ ރެކޯޑެއް އޮންނަ މީހެކެވެ.

މިއީ ހުސް މިސާލެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ފުރާވަރުގެ ކުދިންނާއި ބޮޑެތި މީހުން ބުޅާ ފަދަ ޖަނަވާރުންނަށް އަނިޔާ ކުރާ ކަމީ ހަގީގަތެކެވެ. އެފަދަ ކަންކަން ހުއްޓުވެން ޖެހެ އެވެ. އަދި އެފަދަ ކަންކަން ކުރާ މީހުންނާ މެދު ފިޔަވަޅު އެޅެން ޖެހެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 625 ވަނަ މާއްދާގައި ބުނެފައި ވަނީ ޖަނަވާރަކާ މެދު އަނިޔާވެރި އަމަލު ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން، އެ ކުށަށް އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެ އެވެ. އެންމެ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވި ދާނެ އެވެ.

އެފަދަ މައްސަލަތައް މަދު ކުރުމުގެ އުންމީދު ރޭ ވަނީ އާވެފަ އެވެ. ފުލުހުން ރޭ ބުނެފައި ބުޅާ މެރުމުގެ މައްސަލަތައް ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާނެ ކަމަށެވެ.

comment ކޮމެންޓް