ސިރޫ އާޓްސް ޕޭޖު ހިންގާ މުހައްމަދު ސިރުހާން ފުލުހަށް ހާޒިރުކޮށްފި

ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގު -- ސަން ފައިލް ފޮޓޯ

"ސިރޫ އާޓްސް"ގެ ނަމުގައި ފޭސްބުކް ޕޭޖް ހިންގަމުންދާ މުހައްމަދު ސިރުހާން ފުލުހަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުކުރިކަން ސިރުހާން ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސިރުހާން ބުނީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ފަދައިން ރާއްޖޭގެ ދީނީ ހަމަނުޖެހުމަށް ހުރަސްއެޅޭ ފަދަ ވާހަކަތައް ޕްރޮމޯޓްކުރާ މީހުން ވެސް އެތަނަށް ހާޒިރުކޮށް ހިފައި ހައްޔަކުރަން ޖެހޭނެ ކަމަށެވެ.

އަދި ފުލުހުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަަމަށް ކުރަމުންދާ މަސައްކަތަށާއި އަދި އޭނާއަށް ދިން އެއްބާރުލުމަށް ވަނީ ޝުކުރުއަދާކޮށްފަ އެވެ.

ސިރުހާން ފުލުހަށް ހާޒިރު ކުރި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ހަމަނުޖެހުން އުފެދޭނެ ވާހަކަ މީސް މީޑިއާގައި ނުދެއްކުމަށް ފުލުހުން ވަނީ ދާދި ފަހުން އިލްތިމާސްކޮށްފި އެވެ. އަދި މީސް މީޑިއާގައި އެކި ފަރާތްތަކުން މުޖުތަމައުގައި ހަމަނުޖެހުން އުފެދޭނެ ވާހަކަތައް ދައްކައި އެކަކު އަނެކަކަށް އިންޒާރުދީ ހަދާތަން ފެންނަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

"އަޅުގަނޑުމެން މިދަނީ އެފަދަ މައްސަލަތައް ބަލަމުން. އަދި އެއް ފަރާތުން އަނެއް ފަރާތްތަކަށް ކުޑައިމީސްކޮށް އަނެކާއަށް ހުތުރުވާ ގޮތަށް ބަސްތައް ބޭނުންނުކޮށް، ހާއްސަކޮށް އިންޒާރުދީ ނެހެދުމަށް ގޮވާލަމެވެ." ފުލުހުންގެ ޓުވީޓުގައިވެ އެވެ.

ފާއިތުވި ދުވަސްތަކުގައި މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކި މައްސަލަތަކާ މެދު ވަރަށް ހޫނު ބަހުސްތަކެއް ކުރަމުންނެވެ. އަދި އޭގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކަށް ނިސްބަތްކޮށް "ލާދީނީ" ފަދަ ނަންތައް ބޭނުންކުރުމާއި އަދި ދީނީ ގޮތުން މާނަ އޮޅި ހަމަނުޖެހުންތަކަށް ހިތްވަރުލިބޭ ފަދަ ގޮތަށް މީސް މީޑިއާގައި ދަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ.

comment ކޮމެންޓް