މިއަހަރުގެ ފުރަތަމަ ހަފްތާގައި ސަރުކާރުން ހަރަދުކުރީ 4000 ރުފިޔާ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހުންނަ އިމާރާތް: ސަން ފައިލް ފޮޓޯ

މިއަހަރުގެ ފުރަތަމަ ހަފްތާގައި ސަރުކާރުން ހަރަދުކޮށްފައިވަނީ 4013 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ރިޕޯޓު ބުނެފި އެވެ.

މިހަފްތާގެ ރިޕޯޓު ނެރެފައިވަނީ މިމަހުގެ ހަވަނަ ދުވަހު އެވެ. އެ ރިޕޯޓުގައި ވާގޮތުން މިއަހަރު ފެށުނު ހަފްތާ ސަރުކާރުން ކޮށްފައިވަނީ ވަރަށް މަދު ހަރަދެކެވެ. އެގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 75 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އޭގެ އިތުރުން ޓެކްސް އެޕީލް ޓްރިބިއުނަލުން 95 ރުފިޔާ ހަރަދުކޮށްފައިވާ ކަަމަށްވެ އެވެ. އެންމެ ބޮޑު ހަރަދެއްކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކަނީ ހޯމް މިނިސްޓްރީ އެވެ. އެއީ 2600 ރުފިޔާ އެވެ. ހެލްތް މިނިސްޓްރީން ހަރަދުކޮށްފައިވަނީ 1243 ރުފިޔާ އެވެ.

މިއަހަރު ފެށުނު ހަފްތާގައި 4000 ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާއިރު އެ ހަފްތާގައި ސަރުކާރު މަސައްކަތް ކުރީ ދެ ދުވަހު އެވެ. އަނެއް ތިން ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެވެ.

ސަރުކާރުން ކޮންމެ ހަފްތާއަކުވެސް މާލީ ރިޕޯޓު އާންމު ކުރާގޮތަށް ވަނީ ނިންމާފަ އެވެ.

މިއަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވަނީ 30 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ.

comment ކޮމެންޓް