އިސްރާއީލާއި އަރަބިންގެ އެލަޔަންސެއް އުފެއްދުމަށް ޕޮމްޕެއޯ މެދުއިރުމައްޗަށް

ޕޮމްޕެއޯ މެދުއިރުމައްޗަށް ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި މަތިންދާ ބޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މެދުއިރުމައްޗަށް ކުރައްވާ ޚާއްސަ ދަތުރުފުޅެއް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމެޕެއޯ މިހާރު ވަނީ ފައްޓަވަފައެވެ. މިދަތުރުފުޅަށް ފުރާ ވަޑައިގަތުމުގެ ތަންކޮޅެއް ކުރިން ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ މެދުއިރުމައްޗަށް މިވަޑައިގަންނަވަނީ އީރާނާ ކުރިމަތިލުމަށްޓަކައި ގަލްފުގެ އަރަބި ގައުމުތަކާއި މިސްރާއި އިސްރާއީލު ބައިވެރިވާ ގޮތަށް އެމެރިކާގެ ބެލުމުގެ ދަށުން އެލަޔަންސެއް ހެދުމަށް ކަމަށާ އެއީ އިސްރާއީލާއި އަރަބިންގެ މަސްލަހަތަށް މިހާރު ބޭނުންވެފައިވާ އެލަޔަންސެއް ކަމުގައެވެ.

މިސްރު، ޔޫއޭއީ، ގަތަރު، ކުވައިތު، އުމާން އަދި ސައޫދީ އަރަބިޔާއަށް ކުރައްވާ ދަތުރުފުޅެއް ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޮމްޕެއޯ ވިދާޅުވީ އީރާނަކީ އިސްރާއީލަށާއި ގަލްފުގެ އަރަބި ގައުމުތަކަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށާ އީރާނަކީ ޓެރަރިސްޓް ޖަމާއަތްތަކަށްވެސް އެންމެ ބޮޑަށް އެހީތެރިވާ ގައުމު ކަމުގައެވެ.

ޕޮމްޕެއޯ ވިދާޅުވީ މައްސަލަތައްހުރީ އަރަބިންނާއި އިސްރާއީލާ ދެމެދުގައި ނޫންކަމަށާއި ހަގީގީ މައްސަލަތައް ހުރީ އީރާނާއި ސަރަހައްދުގެ އެހެން ގައުމުތަކާ ދެމެދުގައި ކަމުގައެވެ. އަދި އިސްރާއީލުގެ އިތުރުން އީރާނުގެ ނުރައްކާ އަރަބިންނަށްވެސް ކުރިމަތިވެފައިވާތީ މިފަދަ އެލަޔަންސެއް އުފެއްދުމަށް ބޭނުންވާ އަރަބިންނާއި އިސްރާއީލުގެ ގުޅިފައިވާ މަސްލަހަތުތަކެއް އެބަހުރިކަންވެސް ޕޮމްޕެއޯ ފާހަގަ ކުރެއްވިއެވެ.

ޕޮމްޕެއޯގެ ވާހަކާގައި ފަލަސްތީނުގެ ދައުލަތާއި ފަލަސްތީނުގެ ރައްޔިތުންގެ މައްސަލައަށް އެއްވެސް ވަރަކަށް އިޝާރާތް ކުރައްވާފައި ނުވުމުގެ އިތުރުން އެއީ އޮތް މައްސަލައެއްކަމަށްވެސް ހައްދަވާފައެއް ނުވެއެވެ.

ގަލްފުގެ އަރަބި ގައުމުތަކާއި މިސްރާއި އިސްރާއީލު ބައިވެރިވާ ގޮތަށް އެމެރިކާގެ ބެލުމުގެ ދަށުން އެލަޔަންސެއް ހަދާވާހަކައަކީ ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެމެރިކާ ދައްކަމުން ގެންދާ ނަމަވެސް އަމަލީ ސިފައެއް އަދި ނާންނަ ވާހަކަތަކެކެވެ. އަދި ގަލްފުގެ އަރަބި ގައުމުތަކާއި އިސްރާއީލު ގެ ސިފައިން ހިމެނޭގޮތަށް އީރާނާ ކުރިމަތިލުމަށްޓަކައި އަރަބި "ނޭޓޯ" އެއް (އަސްކަރީ ޖަމާއަތެއް) ހެދުމުގެ ވާހަކަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ އެހެން މަސްއޫލުވެރިން ވަނީ އެތައް ފަހަރަކު ދައްކަވާފައެވެ.

ގަލްފުގެ އަރަބި ގައުމުތަކާއި މިސްރާއި އިސްރާއީލު ބައިވެރިވާ ގޮތަށް އެލަޔަންސެއް އުފެއްދުމާބެހޭ މަޝްވަރާތަކަށް ޕޮމްޕެއޯ މެދުއިރުމައްޗަށް ދަތުރުފުޅެއް ފައްޓަވާފައި މިވަނީ ސޫރިޔާގެ ރައީސް ބައްޝާރުލްގެ އަސަދުގެ ވެރިކަން ވައްޓާލުމަށްޓަކައި އެގައުމުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރާއި އަސްކަރީ ތަމްރީންދީގެން ގަލްފުގެ އަރަބި ގައުމުތަކުގެ އެހީގައި އެޖަމާއަތްތަކަށް ފަންޑްކޮށްގެން ސޫރިޔާގައި ފެށި ހަނގުރާމާ ނާކާމިޔާބުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އަސްކަރީ އެހީއާއި ގަލްފުގެ ގައުމުތަކުގެ މާލީ އެހީ ލިބުނު ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތައް ސޫރިޔާގައި ހަނގުރާމައިގާ ނާކާމިޔާބުވެ އެމެރިކާގެ ސިޔާސަތުތައް ސޫރިޔާގައި މުޅިން ފޭލްވުމުން ޓްރަމްޕް ވަނީ އެމެރިކާ ސިފައިން ސޫރިޔާއިން ފޭބުމަށް ނިންމަވައި އެކަން ދާދިފަހުން އިޢްލާން ކުރައްވާފައެވެ.

ސޫރިޔާއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައާއި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަން ފަދަ އެކި ނަންނަމުގައި އެމެރިކާ ހިންގި ކަންތައްގަނޑު ފޭލްވެފައިވަނީ ރަޝިޔާއާއި އީރާން ގުޅިގެން ސޫރިޔާގައި ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނާއި ތުރުކީ ކުރިން ސޫރިޔާއާމެދު ގެންގުޅުނު ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އައުމާއެކު ސޫރިޔާގައި ރަޝިޔާއާއި އީރާން އަދި ތުރުކީ ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ އެއްގެ ގޮތުންނެވެ. ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުގައިވި ބިންތަކުގެ 90 އިންސައްތަ މިނިވަންކުރުމުގައި (ރަޝިޔާއާއި އީރާންގެ އަސްކަރީ އެހީގައި) ސޫރިޔާ ސިފައިން ކާމިޔާބު ހޯދާފައިވާއިރު ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތައްވަނީ އަސްކަރީ ގޮތުން ބަލިކަށިވެފައެވެ.

އިސްރާއީލުގެ ބައެއް މަސްއޫލުވެރިން ދާދިފަހުންވަނީ ސިއްރިޔާތުގައާއި ފާޅުގައި ގަލްފުގެ ބައެއް އަރަބި ގައުމުތަކަށް ޒިޔާރަތް ކުރައްވާފައެވެ. މިގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދިފަހުން އުމާނަށް ވަޑައިގެން އެގައުމުގެ ރަސްގެފާނު ގާބޫސް ބިން ސައީދު އާ ބައްދަލުކުރައްވާފައިވާއިރު އިސްރާއީލުގެ ދެ ވަޒީރަކުވަނީ ޔޫއޭއީ އަށް ޒިޔާރަތް ކުރައްވާފައެވެ. އަދި އިސްރާއީލުގެ ކުޅިވަރާބެހޭ މަސްއޫލުވެރިއަކުވަނީ ގަތަރަށް ޒިޔާރަތް ކުރައްވާފައެވެ.

ގަލްފުގެ އަރަބި ގައުމުތަކާއި މިސްރާއި އިސްރާއީލު ބައިވެރިވާ ގޮތަށް އެމެރިކާގެ ބެލުމުގެ ދަށުން އެލަޔަންސެއް ހެދުމުގެ މަސައްކަތް އެމެރިކާ މިފަށަނީ ފަލަސްތީނުގެ މައްސަލަ އޮއްބާލުމަށާއި ފަލަސްތީނުގެ މައްސަލަ ވުޖޫދުން ފުލެހުމުގެ މަގްސަދުގައި "ޑީލްއޮފްދަ ސެންޗަރީ" ގެ ނަމުގައި ސުލްޙައިގެ އިނިޝިއޭޓިވް އެއް އިޢްލާން ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައްޔާރުވަމުން ގެންދަވާ ދަޑިވަޅެއްގައެވެ. މި އިނިޝިއޭޓިވް އަކީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް ނުއުފައްދާގޮތަށް އަދި ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފައިބާ ގޮތަށް އަދި ގުދްސަކީ އިސްރާއީލުގެ ތަނެއްކަމަށް ހަދާގޮތަށް ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމަށް އެކުލަވާލާފައިވާ ސުލްޙައިގެ އެއްބަސްވުމެއް ކަމަށް ޚަބަރުތައް ބުނެއެވެ. މި ކަމަށް މަގު ފަހިކުރުމުގެ ގޮތުން އެމެރިކާވަނީ ގުދްސަކީ އިސްރާއީލުގެ ތަނެއްކަމަށް ގަބޫލުކޮށް އިސްރާއީލުން ހިފާފައިވާ ގުދްސަށް އެމެރިކާގެ އެންބަސީ މިދިޔަ އަހަރު ބަދަލުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް