ސައީދު ޕީޕީއެމުން ވަކިވެ، ޕީއެންސީ އަށް ސޮއިކުރައްވައިފި

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މުހައްމަދު ސައީދު މިއަދު ޕީއެންސީއަށް ސޮއިކުރެއްވުން -- ފޮޓޯ/ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާދެއްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއިކުރައްވައިފިއެވެ.

ސައީދު ޕީއެންސީއަށް ސޮއިކުރެއްވިކަން އިއުލާނުކުރެއްވީ އެ ޕާޓީ އުފެއްދުމަށް ހުށަހެޅި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓްވީޓެއްގައެވެ.

އަދުރޭ އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުވެސް ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.

ޕީއެންސީ އުފެއްދުމަށްޓަކައި އަދުރޭވެސް ވަނީ އޭނާ ނައިބު ރައީސްކަން ކުރައްވަމުން ގެންދެވި ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.

އަދުރޭ ވަނީ އާ ޕާޓީ ރަޖިސްޓްރީ ކުރުމަށް މި ހަފްތާގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެކަަމަށްވެސް ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ ޕާޓީ ރަޖިސްޓްރީކުރަން ހުށަހަޅާއިރު، މިހާތަނަށް ސޮއިކުރި ހުރިހާ އެންމެންގެ ފޯމްތައް ހުށަހެޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. ގިނަ ފޯމްތައް ހުށަހެޅުމުގެ ބަދަލުގައި އަމާޒަކީ ވީ އެންމެ އަވަހަކަށް ޕާޓީ ރަޖިސްޓްރީ ކުރެވޭނެ ގޮތެއް ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޕާޓީ ރަޖިސްޓްރީވުމާއެކު ޕާޓީގެ ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށެވެ. އަދި ޕާޓީން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ވަނީ ޕީޕީއެމްއާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލަ އަކީ ޕީޕީއެމްގެ ރައީސްކަމަށް ރައީސް ޔާމީން އިންތިޚާބު ކުރުމަށް ބޭއްވި ކޮންގްރެސް ސައްހަކަމަށް ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރުމުގެ މައްސަލައެވެ.

comment ކޮމެންޓް