ޕޮލިޓެކްނިކްގެ ސީއީއޯ އަކަށް ނާސިރު ހަމަޖައްސަވައިފި

އަޙްމަދު ނާޞިރު

މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ގދ. ގައްދޫ ފަހާގެ، އަޙްމަދު ނާޞިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޢައްޔަން ކުރައްވައިފި އެވެ.

އަޙްމަދު ނާޞިރު މި މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުންގެ ނައިބު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަޙްމަދު ނާޞިރަކީ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ގޮތުން އަޙްމަދު ނާޞިރު ވަނީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓް އުފެއްދުމާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

މީގެ އިތުރުން ވެސް އަޙްމަދު ނާޞިރު ވަނީ ޓިވެޓް އޮތޯރިޓީގެ އެސެސަރގެ މާގާމާއި ޓިވެޓް އޮތޯރިޓީގެ ކައުންސިލް މެންބަރުކަމާއި ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޓާއި ވިލާ ކޮލެޖާއި ޓްރެއިނިންގް މޯލްޑިވްސާއި މޯލްޑިވްސް އިންސްޓްޓިއުޓް ފޮ ޓެކްނޮލޮޖީ އާއި މަންދު ކޮލެޖްގައި ޕާޓް ޓައިމް ލެކްޗަރާއެއްގެ މަގާމު ވެސް އަދާކުރައްވާފައިފަ އެވެ.

އަޙްމަދު ނާޞިރަކީ މީގެކުރިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ އިސްވެރިޔާގެ މަޤާމު އަދާކުރެއްވާފައިވާ ބޭފުޅެކެވެ.

އަޙްމަދު ނާޞިރު ވަނީ އޯޕަން ޔުނިވަސިޓީ އޮފް މެލޭޝިޔާއިން "މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން" ހާސިލު ކުރައްވައިފަ އެވެ.

comment ކޮމެންޓް