އެންމެންގެ ސުވާލު:
"ސޭޓު، މިއިން ޖީއެސްޓީ ނަގަންތަ؟"

"ސޭޓް، ބިހަށް ކިހާވަރެއްގެ ޖީއެސްޓީއެއްތަ؟" ބިސް ގަންނަން ފިހާރައަކަށް ވަތް މީހަކު ބުންޏެވެ. "ތިއަކަށް ނުނަގައޭ،" ސޭޓް ޖަވާބުގައި ބުންޏެވެ.

އެ ސުވާލު ނުކުރާ މީހަކު އެއްވެސް ފިހާރައަކަށް ނުވަދެ އެވެ؛ ސޭޓުން ތިބެން ޖެހެނީ އެ ސުވާލުތަކަށް ޖަވާބު ދިނުމުގަ އެވެ. މިހާހިސާބުން ހިތަށް އަރާނެ އެވެ. ޖީއެސްޓީ ދައްކަންނުޖެހޭ މުދަލެއް ނޫނީ ހިދުމަތެއް އޮންނާނެ ބާއެވެ؟ އެ ސުވާލުގެ ޖަވާބަކީ "އާނއެކޭ" އެވެ. އަތުން ދާ ފައިސާއަށް ވުމުން ޖީއެސްޓީ ނެގޭ ތަކެއްޗާއި ނުނެގޭ ތަކެތި އަމިއްލައަށްވެސް ވަކިވެ އެނގެން ޖެހެ އެވެ.

ފުވައްމުލަކުގައި ތަސްދީގު ކުރި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު، ޖީއެސްޓީގެ ގާނޫނުގެ ދަށުން ޖީއެސްޓީ ނުނެގޭ ދެ ބައެއްވެ އެވެ. އެއީ އިސްތިސްނާ އާއި ސުން ރޭޓް ޖީއެސްޓީ އެވެ. މިދޭތީގެ ތަފާތު އެންމެ ފަސޭހައިން ދަނެ ގަނެވޭނީ އިސްތިސްނާއަކީ ހިދުމަތް ކަމުގައި ބަލައި ސުންރޭޓު ކެޓަގަރީއަށް ފެތެނީ ތަކެތި ކަމުގައި ބަލައިގެންނެވެ.

އިސްތިސްނާވާ ތަންތަން މީރާގައި ރަޖިސްޓްރީ ކުރުމެއް ނެތެވެ. ނަމަވެސް ސުންރޭޓް ޖީއެސްޓީގެ ތަކެތި ވިއްކާ ތަންތަނުންވެސް ޖީއެސްޓީގެ އިމަށް ފެތޭނަމަ ޖީއެސްޓީ ނަގާ ތަނެއްގެ ގޮތުގައި މީރާގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ.

"އިސްތިސްނާ ޖީއެސްޓީ" ކެޓަގަރީގައި ހިމެނެނީ ރަޖިސްޓްރީ ކޮށްގެން ހިންގާ ފެނާއި، ނަރުދަމާ އާއި ކަރަންޓާއި ސިއްހީ އަދި ތައުލީމީ ހިދުމަތްތައް އަދި މުއާސަލާތީ ހިދުމަތްތަކެވެ. އެފަދަ ތަންތަން މީރާގައި ރަޖިސްޓްރީ ކުރާކަށް ނުޖެހެ އެވެ. ނަމަވެސް އެފަދަ ތަންތަނަކީ އެ ހިދުމަތްތައް ދިނުމަށް ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުރި ތަންތަނަށް ވާންޖެހެ އެވެ. އޭގެ ދަށުން އެންމެ އާދައިގެ ފިހާރައިން ވިއްކާ ޕްރިޕެއިޑް، ދޭ ރިލޯޑުގެ ހިދުމަތުންވެސް ޓެކްސް ނެގިގެން ނުވާނެ އެވެ. އެންމެ ބޮޑަށް ގިނަ މީހުންނަށް އޮޅެނީ އިސްތިސްނާ ކެޓަގަރީން ކަމަށް މީރާއިންވެސް ގަބޫލުކުރެ އެވެ.

"އެ ދާއިރާ ފުޅާވީމަ އެބަ އޮޅުންތައް އަރާ. އެކަމަކު މީގައި މި އިންނަ ރަޖިސްޓްރީ އެ ލަފުޒަށް ވިސްނާލީމަ އެ އޮޅުން ފިލާނެ. މިސާލަކަށް ދިރާގު ވަތަނިޔާ ފަދަ ތަންތަން ރަޖިސްޓްރީ ކުރެވިފައި ހުރީ މުއާސަލާތީ ހިދުމަތްދޭން. އެހެންވީމާ އެބޭފުޅުން އެދެއްވާ މުއާސަލާތީ ހިދުމަތުގެ އެއްވެސް ހިދުމަތަކުން ޖީއެސްޓީ ދައްކަވަން ނުޖެހޭނީ،" މީރާގެ އިސްއޮފިޝަލަކު ވިދާޅުވި އެވެ.

އިސްތިސްނާ ކެޓަގަރީ ފުޅާވުމުން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އޮޅުންއަރާ ހިސާބަށް ދެއެވެ. އެހެންވެ އެކަން ހައްލުކުރުމަށް އެ ގައުމުތަކުގެ މުޖުތަމައަށް ބެލިގެން ޖީއެސްޓީގެ ވެށި ބައްޓަން ކުރެ އެވެ. މިސާލަކަށް؛ ބަލާނަމަ ބައެއް ގައުމުތަކުގައި ދަތްޕިލާގައި ނަރުގަނޑު އެޅުވުމާއި ލޮލަށް ލައްވާ ކޮންޓެކްޓް ލެންސަކީ ސިއްހީ ފަރުވާއެއްގެ ގޮތުގައި ނުބަލަ އެވެ.

ޖީއެސްޓީ ނަގަން ކުޑަތަންވެފައި ވަނިކޮށް އާންމު ކުރި ޖީއެސްޓީގެ ގަވާއިދުގެ ދަށުން "ރަޖިސްޓްރީ" ކޮށްގެން ސިއްހީ ހިދުމަތްދޭ ކޮންމެ ތަނަކުން ހިދުމަތެއް ދިނަސް އެއިން ޖީއެސްޓީ ނުނަގާނެ އެވެ. އެއީ މަސާޖުޕާލާއެއް ކަމުގައިވިޔަސް "ރަޖިސްޓްރީ" ކޮށްފައި ހުރިނަމަ މައްސަލައެއްނެތެވެ. އެއީ އަދި ރާއްޖެއަށް ރަނގަޅު ގޮތްކަމައްވެސް ވެދާނެ އެވެ.

ސުން ރޭޓް ޖީއެސްޓީގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ރާއްޖެއިން އެކްސްޕޯޓް ކުރާ މުދަލާއި ޚިދުމަތް ތަކެވެ. އޭގެ ދަށުން އިންޓަނޭޝަނަލް ފުލައިޓްތަކުގެ ޓިކެޓުންނާއި ހިނގަމުން ދާގޮތަށް ވިޔަފާރިއެއް ވިއްކާލުން ފަދަ މުއާމަލާތްތަކުންވެސް ޖީއެސްޓީނެގުން މަނާވާނެ އެވެ.

ދެން އޮތީ ސުން ރޭޓު މުދަލެވެ. އެ ގާނޫނުގެ ޖަދުވަލް އެކެއްގައި ބަޔާކޮށްފައިވާ 17 އެ އައިޓަމްގެ ތެރޭގައި ހިމެނެނީ ހަނޑޫ، ހަކުރު، ފުށް، ލޮނު، ކިރު، ކުކިން އޮއިލާއި ބިހާއި ފުލެވާޑް ނުކޮށް ހުންނަ ސައިފަތެވެ. މަހުގެ ބާވްތަކުގެ ތެރެއިން ބަންދުކޮށްފައިވާ އެކި ބާވްތަތަކުގެ މަސްހިމެނޭ ގޮތަށް ފަރުމަހާއި ކަޑުމަސް އަދި ރިހާކުރުން ޖީއެސްޓީއެއް ނުނެގޭނެ އެވެ. މީގެ ބޭރުން ހަވާދުއުފެއްދުމަށް ބޭނުންކުރާ ފޮނިތޮށި ކާފޫރުތޮޅިން ގޮސް ހުރިހާ ބާވަތެއްގެ މިރުސް، ދިޔާ ހަކުރު، ކާށި، ކުރުނބާ، ރުކުރާ އަދި ކުރޮޅި އެއީ އެ އިމަށް ފެތޭ ބާވަތްތަކެވެ.

މޭވާގެ ހުރިހާ ބާވަތެއް ސުން ރޭޓަށް ފެތޭއިރު ތަރުކާރީގެ ތެރޭގައި ޓޮމާޓޯ، ކެރެޓް ކެބެޖް އަދި ތޮޅިންވެސް ޖީއެސްޓީއެއް ނުނެގޭނެ އެވެ. އާންމު ކާބޯތަކެތީގެ ތެރެއިން ސުން ރޭޓުގެ ގޮތުގައި ގާނޫނުގައި ބުނަނީ ޕާން، ބަނަސް، ފާރޮށި، ކުޑަކުދިންގެ ނެޕީ، ބޮޑެތި މީހުންގެ ނެޕީ، ތުއްތު ކުދިންގެ ކާނާ، ކައްކާ ގޭސް، ޑީސަލް އަދި ޕެޓްރޯލް އެވެ.

މީގެން އެއްވެސް އައިޓަމްއަކުން ޖީއެސްޓީ ނަގާނަމަ މިއީ މައްސަލަ އެކެވެ. ނަމަވެސް ކަން އޮތީ އެއާ ދިމާއިދިކޮޅަށެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ޖީއެސްޓީނަގަން ފެށިފަހުން މީރާއަށް ކުރިމަތިވި އެންމެ ބޮޑު ޝަކުވާއަކީ ޖީއެސްޓީ ނަގަން ނުޖެހޭ ބާވަތްތަކުންވެސް ޖީއެސްޓީ ނަގަމުން އަންނަ ކަމެވެ. މިއީ ނޭންގުމާއި އޮޅުންބޮޅުމުގެ އަސްލެއް ކަމުގައިވެދާނެ އެވެ.

"އަޅުގަނޑުމެންނަށް ޖީއެސްޓީ ވަރަށް އައު. އެހެންވެ އެފަދަ މައްސަލަތަށް ދިމާވަނީ. ބުކް ލެޓްވެސް މިކޮޅުން ފޯރުކޮށްދެން އެބަ. އޭނގައި ހުންނާނެ ސުންރޭޓާއި އިސްތިސްނާ ވަރަށް ރަނގަޅަށް ބުނެދީފައި. އެގެން ފެށުމުން ރަނގަޅުވާނެ،" މީރާގެ އޮފިޝަލެއްގެ ހިޔާލަކީމި އެވެ.

ކޮންމެ ކަމެއްވެސް ފަށައިގަންނައިރު މައްސަލަތަށް ހުންނާނެ އެވެ. ޖީއެސްޓީ ނުނެގޭ ބާވަތްތައް ފެންނަ ގޮތަށް ކެޓަލޮގެއް ބެހެއްޓުމަކީ މީރާގެ ނަޒަރުގައި މުހިންމު ކަމެކެވެ.

"ވަރަށް މުހިންމު ކަންނޭންގެ ކެޓަލޮގެއްގައި ސުން ރޭޓާއި އިސްތިސްނާވާ ބާވްތަތައް އެނގެން ހުރުން. އޭރުން އޮޅުންތައް މާބޮޑަކަށް ނާރާނެ،" ކުރިންވެސް ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

ޖީއެސްޓީއަކީ އެވާހަކަމާބޮޑަށް ދެއްކުމުން އިތުރަށް އޮޅުންވެސް އަރާފާނެ ކަމެކެވެ. ދިވެހިންގެ ދުލުގައި ޖީއެސްޓީ ހިނގިއަސް ޖީއެސްޓީގެ ވާނުވާ ދިވެހިންގެ މެދުގައި ހިނގާއެއްޗަކަށް ނުވެ އެވެ. މިހިސާބުން އިތުރު ތަފްސީލަށް ނުގޮސް ކުރުކުރާނަމެވެ. ޖީއެސްޓީ ނެގިދާނެތޯ ނުވަތަ ނޫން ތޯ ބެލުމަކީ ކަސްޓަމަރުގެ ޒިންމާ އެކެވެ. ޖީއެސްޓީ ދެއްކުމަކީވެސް އާންމު ފަރުދުގެ ޒިންމާއަކަށް ވާފައިދައިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް