ފަސްޓް ލޭޑީ (18)

"ހަޔާ. އާ ޔޫ ސީރިޔަސް؟ ހަމަ އަމްރާން ބްލެކްމެއިލް ކުރަން؟ އެކަމަކު ކިހިނެއްތަ......އަޅެ ކޮންފަދަ ބްރިލިއެންޓް އައިޑިއާއެއް މަގޭ ޑިއަރެސްޓް ލަވްގެ ސިކުނޑީގައި ތީނީ. މާސްޓަމައިންޑެކޭ މަ ބުނަމެއްނު. ސްޕިލް އިޓް އައުޓް. ނަސީބެއްނު ކިޑްނެޕްކުރާ ވާހަކަ ނުބުނިކަން......ބަޓް....ޕްލީޒް ޑިއާ އަވަހަށް ބުނެބަލަ. ހަމަ ރަގަޅަށްވެސް މަގޭ ހަޔާގެ މިހިރަ ބްރެއިން ސައިންޓިސްޓުން ވަގަށް ނަގަން ބޭނުންވާނެ........ ........." ސަޖަލް މޭޒުމަތީ އަތުގެ އުޅަބޮށި ވިއްދާލައިގެން ޝައުގުވެރިކަމާއިއެކު އަޑުއަހަން އިނެވެ. ހަޔާތީ ބުނަން އުޅޭ ވާހަކައަށް ޝައުގުވެރިވެފައިވާ މިންވަރު އެލޮލުން ފާޅުވާންހުއްޓެވެ.

"މިއުޅެނީ އައްމާރު އަބުދުލްއަޒީޒު ރިޝްވަތުދޭން އުޅުނުކަން ބަސްޓްކޮށްލަން. އާޓިކަލްއެއްލިޔަން. އެޗްއެމް އަށް އޭނަގެ މެސެންޖާއެއް ފޮނުވި ވާހަކަ ލިޔާނީ. ބުނިވަރަކަށް ފައިސާ ނުދީފިއްޔާ އެ އާޓިކަލް ޕަބްލިޝްކުރާނަމޭ ބުނާނީ......" ހަޔާތީގެ ޖުމްލައިން ސަޖަލްއިނީ ހުއްޓުން އަރާފައެވެ.

"ގުޑް އައިޑިއާ ބޭބީ..." ސަޖަލްއަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ. ފައިސާއާއިމެދު ދަހިވެތިކަން ސިކުނޑިއަށް ސަވާރުވިއެވެ.

ހަޔާތީ ސަޖަލްގެ ބޮލުގައި މަޑުމަޑުން އަތުން ޖަހައިލިއެވެ.

"އައި ވޯޒް ކިޑިން...."

"ވޮޓް...." ސަޖަލް އަނގަޔަށް ހަދައިލިގޮތުން ލުނބޯކޮޅެއް އަނގަޔަށް ލެވުނު ކަހަލައެވެ.

" ހަހަ. އަދި ހާދަ ފަސޭހައިން ބުނެފިއޭ ގުޑް އައިޑިއާއެކޭ. ސަޖްއަށް ހީވޭތަ. އަހަރެން އެހާ ދަށު ދަރަޖައަކަށް ވެއްޓިގެންފާނެހެން ހީވޭތަ؟ ސަލާމްޖަހަން ޖެހުނަސް އެގޮތަށް މީހުން ބްލެކްމެއިލް ކުރުމާއި ރިޝްވަތުދިނުން ފަދަ ކަންތައްތަކާ އަހަރެން މުޅިން ދެކޮޅު. އަމްރާން އަބްދުލްއަޒީޒުމެންގެ ފެންވަރަށް ނުވެއްޓޭނަން. ސިޔާސީ ގިނަމީހުންގެ އެކަހަލަ ކަންތައްތައް ބޮޑުކަމުން ސަލާމަތް ނުވެގެން މިއުޅެނީވެސް.......އަހަރެމެންގެ ސަރުކާރު ކިރިޔާވެސް ކޮރަޕްޝަންނުވެ ސަލާމަތުން އޮތީ. އެކަމަކުވެސް އަހަރެން މި އާޓިކަލް ލިޔާނަން. ރިޝްވަތުދޭން އުޅުނުކަން ދިވެހިންނަށް ހާމަކުރާނަން. އެކަހަލަ ބަޔަކުވެރިކަމަށް އަތުވެއްޖެއްޔާ ދެން ވާނީ ކިހިނެއް......"ހަޔާތީ އޭނަގެ އާޓިކަލް ސަޖަލްއަށް ދައްކަންވެގެން ވޯޑް ހުޅުވައިލިއެވެ.

އިސްލާމިކް ސްޓޭޓާއި ގުޅެން ސީރިޔާއަށް ދިވެހިން އެތެރެވުމާއިއެކު އެ ޒުވާނުން ދުނިޔެއިން ވަކިވުމުގެ ޚަބަރު އިވޭކަށް ގިނަދުވަހެއް ނުވެއެވެ. ބައެއް މީހުން ބުނާގޮތުން ދިވެހިން ހިތްވަރުގަދަކަމުން ހަގުރާމައިގެ ކުރީ ސަފަށް ނިކުންނަން ޖެހިލުން ނުވަނީއެވެ. ސަޖަލްގެ ކޮއްކޮ ސުފްޔާން ނިޔާވީވެސް މާ ގިނަ ދުވަހެއް ނުވެއެވެ. އެ ޚަބަރު ލިބުމާއެކު ސަޖަލްގެ މަންމަގެ ޚަބަރު ހުސްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނެވެ. ސަޖަލް އެދުވަހު އޮފީހަށް ސަލާމް ބުނުމުން ޑިއުޓީ ނިންމާލާފައި ހަޔާތީ އެގެއަށް ގޮސް ތައުޒިޔާ ކިޔެވެ. ސަޖަލް ހަޔާތީގެ ގައިގާ ހިފައިގަނެގެން ރޯންފެށުމުން ހަޔާތީ ހިތްވަރުދޭން މަސައްކަތްކުރިއެވެ. މިކާލް ނިޔާވުމުން އާއިލާ މީހުން ހިތާމަކުރިގޮތުން މިކާލްދެކެ ލޯބިނުވަނީއޭ ހިތަށް އެރިއެވެ. މިގޭތެރެއިން ފެންނަނީ ތަފާތު މަންޒަރެކެވެ. މި އާއިލާގެ އެއްވެސް މީހެއްގެ ލޮލުން ކަރުނަނުހިކެއެވެ. މަންމައަށް ނިދާ ބޭސްކާންދީފައި އޮންނައިރުވެސް ލޯ ހުޅުވާލާ ކޮންމެ ފަހަރަކު ސުފްޔާންއަށް ގޮވައެވެ. މޮޔަވެފައިވާ ފަދައެވެ. ސަޖަލްވެސް ދޭތެރެއަކުން ރޮއިގަނެއެވެ. އެހެން ކުދިންވެސް އެވަރެވެ. ސަޖަލް ހަޔާތީއަށް ސުފްޔާންގެ އަލްބަމް ދެއްކިއެވެ. ކޮއްކޮގެ ހިތްހެޔޮކަމާއި އަޅާލާވަރާއި ރަގަޅުކަމުގެ ވާހަކަތައް ކިޔައިދިނެވެ. ސުފްޔާންގެ ކޮޓަރިއަށް ވަދެ އެތަނުގައި އޮތް ދިދައެއް ވެސް ދެއްކިއެވެ. އައިއެސްގެ މީހުން ބޭނުންކުރާ ކަޅު ދިދައިގާ ޝަހާދަތުގެ ދެކަލިމައާއި ލޯގޯ ހުއްޓެވެ. އެއަށް ބަލަހައްޓައިގެން އިންއިރު ހަޔާތީގެ ހިތަށްވެސް ދަތިވެ އަރުތެރެ ބެދޭގޮތްވިއެވެ. މިކާލްގެ ހަދާންތައް ވަކިން ގަދަވެގަތެވެ. މިކާލް ދުނިޔެއާއި ވަކިވިކަން މުޅިދުނިޔެއަށް އޮތީ ސިއްރުވެފައެވެ. ނަމަވެސް ސުފްޔާންގެ ވާހަކަތައް ހުރިހާ ނޫހެއްގެ ފުރަތަމަ ސަފުހާއިން ޖާގަ ހޯދައިފިއެވެ.

ހަޔާތީ ގެއަށް ވަންއިރު ވާރޭވެހޭލެއް ބޯކަމުން ފަޒާގައި ގުގުމަނީ ވާރޭގެ އަޑެވެ. ވިއްސާރަ ރެއެއްގައި އެކަނި އޮންނަން ވީމަ އިންތިހާއަށް ބިރުވެސް ގަތެވެ. ވަރުބަލިވެފައި ހުރުމާއެކުވެސް ކަފަލޮލީއާއި އަޅާނުލާ ތަންމައްޗަށް އަރާކަށް ނުކެރުނެވެ. ސިޓިންރޫމްގެ އެއްފަރާތުގައި އޮތް ބާ ރަޖާތެރޭ ފޮރުވިގެން އޮތް ކަފަލޮލީއަށް ކާން އެޅިއެވެ. މިކާލްގެ ޕެޓްއަށްވާތީ އެ ބުޅާ އެއްލާލާފައި އަންނާކަށް ހަޔާތީއަކަށް ނުކެރުނެވެ. އޭނައާއިއެކު ގެނައި އެއްޗެހި ތެރޭ ކަފަލޮލީވެސް ހިމެނުނެވެ. މިކާލްއަށްޓަކާ އެބުޅަލަށް އޭނަ ކަމޭހިތައެވެ. އޭނަ ބަނޑަށްހުރެވެސް އެސޮރު ބަނޑުފުރެންދެން ކާންދެއެވެ. ދޮރުތައް ރަގަޅަށް ތަޅުލައިގެން ރަޖާދަށަށް ވަދެ ހަމަޖެހިލިއެވެ. ފޯނު ހުޅުވާލިތަނާ ސަޖަލް ފޮނުވި ވީޑިއޯއެއް ފެނުނެވެ.

"މިވެސް ސުފްޔާން ފޮނުވި އެއްޗެއް. ބަލާބަލަ..."

ހަޔާތީ އެވީޑިއޯ ހުޅުވައިލިއިރު ކަޒަކްގެ ނުވަވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކު އޭނަގެ އިސްކޮޅަށްވުރެ ބޮޑު ރައިފަލެއް ހިފާފައެވެ. އައިއެސް މީޑިއާ ޓީމުގެ މެމްބަރެއް އެކުއްޖާއާއި ސުވާލުކޮށްލިއެވެ.

"ވަޓް ވިލް ޔޫ ބީ އިން ދަ ފިއުޗާ އިފް ގޯޑް ވިލްސް؟"

"އައި ވިލް ބީ ދަ ވަން ހޫ ސްލޯޓާސް ޔޫ އޯ ކުއްފާރު....." އެކުއްޖާ ކެމެރާއަށް ނަޒަރު ހުއްޓާލަމުން ހީލިއެވެ. " އައި ވިލް ބީ އެ މުޖާހިދު އިފް ގޯޑް ވިލްސް އިޓް"

މިއީ އާކަމެއް ނޫނެވެ. މަރާލާފައިވާ މީހުންގެ ބޯތައް ހިފައިގެންނާއި ކަތިލާފައިވާ މީހުން މަގުމައްޗަށް އެއްލާލާފައިވަނިކޮށް ކުޑަކުދިން މަގުމަތީ ކުޅެން އުޅެނިކޮށް އައިއެސް މެމްބަރުން ކިތަންމެފަހަރަކު ސޯޝަލް މީޑިއާގައި އެމަންޒަރުތައް ޕޯސްޓްކޮށްހަދައެވެ. އެކޭމްޕްތަކުގައި ކުޑަކުދިން ތަމްރީނުކޮށް އިންސާނީ އައްޑަނަތަކަށާއި ޖާނުން ފިދާވުމުގެ ހަމަލާތަކާއި ސްނައިޕަރުންގެ ގޮތުގައި ބޭނުންކުރެއެވެ. ހަޔާތީވަނީ އެފަދަ ކިތަންމެ ވީޑިއޯތައް ބަލާފައެވެ. ގައިން ހީބިހި ނަގާފަހަރުވެސް އާދެއެވެ. ތުއްތު ޅަ ދަރިންގެވެސް ސިކުނޑި ދޮވެލާފައޭ ހިތަށް އަރައެވެ. އެވިއްސާރަރޭ އެކަނި އޮވެ އެފަދަ މަންޒަރެއް ބެލުމުން ހަދާނަށް އައީ އޭނަގެ މިކާލްއެވެ. މިކާލްވެސް މިކުދިންތައް ތަމްރީން ކުރުމުގައި ބައިވެރިވާނެހެއްޔެވެ؟ އެފިކުރުގެ ޝިކާރައަކަށް މިކާލް ވީ ކޮން ސަބަބަބާ ހުރެހެއްޔެވެ. ހާދަ ގިނަ ސުވާލުތަކެއްގެ ޖަވާބު ނުދީ މިކާލް އެވަނީ ވަކިވެފައެވެ. ހިތް ނޭދުނަސް މިކާލްވެސް ވަނީ ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ދުނިޔެއާއި ވަކިވެގޮސްފައެވެ. ކަލެންޑަރުން ދުވަހެއް ފާއިތުވާވަރަކަށް މިކާލް ދެން އެނބުރި ނާންނާނެކަމުގެ އުއްމީދު ފަނޑުވެ މަރުވެއްޖެކަމަށް ގަބޫލުކުރުމަށް ހިތް ބާރު އަޅައެވެ. އެކަނިވެރިކަމާއި ހިތާމަ ވަށާލުމުން ފޯނުގެ ސްކްރީންގައިވާ މިކާލްގެ ރީތި ހިނިތުންވުން ފުސްވާންފެށީ ލޮލަށް އެއްވި ކަރުނުންނެވެ. ގޮދަޑީގައި މޫނު ޖައްސާ ބާރުކޮށްލުމަށްފަހު މުށުތެރޭ ރަޖާ ބޮނޑިކޮށްލުމާއިއެކު ހުރިހާ ޖަޒުބާތުތައް ބޭރުކޮށްލެވުނީ ގިސްލުންތަކުގެ ސިފައިގައެވެ.

"މިކާ ޕްލީޒް ކަމް ބެކް. ޕްލީޒް ޕްލީޒް ޑޯންޓް ލީވް މީ......އައި ނީޑް ޔޫ..." ހަޔާތީ ރޮމުން އެކަނި އޮވެ ވާހަކަދެއްކިއެވެ. ގޮތްހުސްވެ ދުނިޔެއިން މާޔޫސްވެ "ޑިޕްރެޝަން"ގެ ޝިކާރައަކަށްވާ ހިސާބަށް ގޮއްސިކަމުގެ އިހުސާސްތައްވެސް ކުރެވުނެވެ. ރޭގަނޑު ނުނިދުމާއި އެގޮތަށް ރޮވުމާއި ދުނިޔެދެކެ ފޫހިވުމާއި ރުޅިގަދަވުންފަދަ އުދަގޫތައް ހައްތާ ބޮޑުވަނީއެވެ. ނަފްސާނީ ޑޮކްޓަރަކަށް އެޕޮއިންޓްމެންޓެއް ހައްދަން ގުޅާފައިވެސް ލައިން ބިޒީކަމުން ފޯނު ބޭއްވިގޮތަށް އަދި އެކަމަށްވެސް މަސައްކަތެއް ނުކުރެވުނީއެވެ.

ޖެހިގެން އައިދުވަހު ހަޔާތީ ހޮސްޕިޓަލަށް ދިޔައީ ޑޮކްޓަރަކަށް ދައްކާލުމަށެވެ. ނުނިދުމާއި ހިތާމަތަކަށް ހައްލެއް ހޯދުމަށެވެ. މެމޯކޮޅު ހައްދައިގެން ލިފްޓާއި ދިމާލަށް ހިނގައިގަތްވަގުތު މިޝާއަށް ފެނިފައި ހަޔާތީއަށް ގޮވައިލިއެވެ. މިޝާބުނީ މަންމަ މުފުތިހާ ވަރަށް ބަލިކަމުގައެވެ. ފާޚާނާތެރެއަށް ވެއްޓިފައި ފައިގާ ރެދެއްލައިގެން ޕްލާސްޓަރު އަޅާފައި ވާކަމުގައެވެ. ލޭގެ ޕްރެޝާވެސް ދަށްނުވެ މަތިވާތީއާއިއެކު މިފަހަރުވެސް އެޑްމިޓްކުރަން ޑޮކްޓަރު ލަފާ ދިނީއެވެ. ހަޔާތީ އެދިފައިވާ ގޮތަށް މިކާލްގެ އެޕާޓްމެންޓް ކުއްޔަށް ދޫނުކުރިތާގައި މަންމަމެންވެސް އެބަޔަށް ބަދަލުނުވެ މިކާލްގެ ހަދާނުގައި އެބައި ހުރިގޮތަށް ބެހެއްޓީކަމުގައި ބުނުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. މިކާލްގެ ކޮޓަރީގައި ވާ ތިޖޫރީ އެހެންއެއްވެސް ބަޔަކަށް ފެންނާކަށް މިކާލް ނޭދޭނެއެވެ. ކޮންމެ ހާލެއްގައިވެސް އެޕާޓްމެންޓް އެހެން ފަރާތަކަށް ކުއްޔަށް ދެވިގެން ނުވާނެއެވެ. އެގޭ މީހުންނާއި ގުޅުން ކަނޑާފައި އޮތަސް ބައްދަލުކުރާ ހިތްނުވިޔަސް އިންސާނިއްޔަތަށްޓަކާ ހަޔާތީ އަށް ނުވަދެ ދާކަށް ނުކެރުނެވެ. އެހެންނޫނަސް އެންމެ ލޯބިވާ އިންސާނާގެ މަންމަ ނޫންހެއްޔެވެ؟ އެހާ ދެރަކޮށްލާކަށް ނުވާނެއެވެ. ހަޔާތީ ވޯޑަށް ވަންއިރު މުފުތިހާ ފައިގާ ބޭސްގަނޑު އަޅައިގެން ރޫމަށް ގެނައީއެވެ. އޭނަ އިނީ ފުރޮޅު ލީ ގޮނޑިއެއްގައެވެ. މުފުތިހާ ފެނުމުން ހަޔާތީއަށް ސިހުމެއް ލިބި ހިތަށް ރަހުމް ވަނެވެ. ހިކިކަމާއި ބަލިކަމުންކަން ނޭގެއެވެ. ދުވަސްވެފައިވާ މުސްކުޅި މާމައެކޭ ތަފާތެއްނެތެވެ. ދެލޮލުގައިވާ ރިހުން ހަޔާތީއަށް ފެނުނެވެ. މިކާލްއަށްޓަކާ އެމަންމަ ކުރާ ފުން ހިތާމަތައް ހަޔާތީގެ ހިތްވެސް ގުޑުވާލައިފިއެވެ. ގުދުވެ އެދެއަތުގައި ހިފައިލެވުނެވެ.

"މަންމާ...ކިހިނެއްތަ؟ " ހަޔާތީއަށް އަހައިލެވުނީ އޯގާތެރިކޮށެވެ.

"ރަގަޅެއްނޫން..." މުފުތިހާއަށް ރޮވޭގޮތްވިއެވެ.

"އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަގަޅުވާނެ......"

"ރަގަޅުވާނީ ކިހިނެއް؟ އެންމެ އަޅާލި އެންމެގާތުގައި ވި ފިރިހެން ދަރިފުޅު އެދިޔައީ. ޝައިޚާވެސް ބުނާނެ ހިތާމަނުކުރާށޭ. އާއިދު ޝަހީދުވިފަހުން އާއިދުގެ ހުވަފެންތައް ފެނެއޭ. ވަރަށް ރީތި ތަންތަނުގައޭ ހުންނަނީ. ކެތްކުރާށޭ. اِنَّ اللهَ مَعَ الصّٰبِرِيْن ގުރުއާނުގައިވާ މާތް ﷲގެ ވަހީ ބަސްފުޅު ހިތަށް އެރުމުން ބޭނުންވޭ ކެތްތެރިވާން. އިންސާނަކަށް ކެތްކުރެވޭނެ އެންމެ ގަދަޔަށް މި މަންމަ މިހިރީ ކެތްކޮށްލައިގެން ހަޔާތީ. އެކަމަކު މަޔެއްގެ ހިތަކަށް ކުޅަދާނަވާނީވެސް ވަކި ވަރަކަށް. ކޮއިފުޅުވެސް މި މަންމައަށް މާފުކޮށްދެއްޗޭ. އެންމެ ކުރިން ކަންތައް ކުރެވުނީ ރަގަޅަކަށް ނޫން. ހަޔާތީ އެހެން ސީދަލަށް ނުބުނިކަމުގައި ވިޔަސް މަންމައާއި ދޭތެރޭ ހިތް ސާފުނޫން ކަން އެނގޭ. މިކާލް ގެ އެޕާޓްމެންޓް އެއްވެސް މީހަކަށް ކުއްޔަށް ނުދޭނަން. އެތަން ހުރިގޮތަށް މިކާލްއަށްޓަކާ މިކާލްގެ ހަނދާނުގައި ހުންނާނީ. ހަޔާތީ ދުވަހެއްގެ ކޮޅުންވެސް ބޭނުންވެއްޖެއްޔާ އެތާގައި ހުރެވޭނެ. މިހާރުވެސް ބޭނުމިއްޔާ ހަމަ އަންނަންވީ........" މުފުތިހާގެ ދެލޮލުން ކަރުނަ ތިކިތައް ފޭބިއެވެ.

"މަންމާ އަޅުގަނޑު ހިތް ހެޔޮ. މަންމައަށްޓަކާ މި ހިތުގައި އެއްވެސް ބުރަކަމެއްނެތް. ދެރަވާފަދަ ގޮތަކަށް ނޫނީހިތުގައި ޖެހޭފަދަ ކަމެއް ކުރެވިފައިވާނަމަ ހިތްހެޔޮކޮށްދީ. މިކާލްއަށްވެސް. މިކާލްއަކީ ގޯސްކުއްޖެއްނޫން. މަންމަ މިކާލް ތަރުބިއްޔަތު ކޮށްފައިވަނީ މި ޒަމާނުގައި މަންމައަކަށް ދަރިއަކު ތަރުބިއްޔަތުކުރެވޭނެ އެންމެ ފުރިހަމައަށް. އެކަމުގައި އުނިކަމެއް ހުރެގެނެއް ނޫން އެހެން ދިމާވީ. މަންމަ މިކާލްއަށް ދުޢާކޮށް ދިނީމަ އިރާދަކުރެއްވިއްޔާ ފާފަ ތައް ފޮހެވޭނެ. އެތަންތަނަށް ދިޔައީމަ ޑްރަގް އެއްޗެހި ދީފައި އެކަހަލަ ސުއިސައިޑް ކަންތައް ކުރުވާނީ. މިކާލް ހަމަ ހޭ ހުރެގެން އަމިއްލައަށް މަރުވާނެހެނެއް ހިތެއްނުވޭ................" ހަޔާތީ މުފުތިހާގެ އަތުގައި ފިރުމައިލިއެވެ. މިކާލް އަމިއްލައަށް މަރުވިކަން ހިތަށް އަރާ ކޮންމެ ފަހަރަކު ހަޔާތީގެ ލޯ ކަރުނުން ފުރެނީ މިކާލް ކުފުރު މަރަކުން މަރުވުމުން ލިބިދާނެ އަޒާބަކާއިމެދު ވިސްނާފައެވެ.

"ހަޔާތީ. މިކާލް ކައިވެނި ރެޖިސްޓާ ނުކޮށް އޮތުމުން އެކައިވެނު ކުރެވުނުކަމެއް އިތުރު ބަޔަކަށް ނޭގޭނެ. ހަޔާތީ ޒަވާޖީ ހަޔާތެއް ފަށާ. ތީ އަދި ޅަ ޒުވާން އަންހެންކުއްޖެއް...." މުފުތިހާ ހީލަން މަސައްކަތްކުރިއިރުވެސް އެލޮލުން ކަރުނަ ފައިބަނީއެވެ. އެކަރުނަތަކުން މިއަދު ހަޔާތީއަށް ވަރަށް އަސަރުކޮށްފިއެވެ.

"މަންމާ އެހެން މީހަކާއި ގުޅޭކަށް ހިތަކު ނެތް.........." މިކާލްދެކެ ލޯބިވާވަރު ބަޔާންކޮށް ނުދިނަސް އެ ޖުމްލައިން މަންމައާއި މިޝާއަށް ސާފުވާނެކަމަށް އޭނަ އުއްމީދުކުރިއެވެ. އޭނަގެ އަޒުމަކީ ހިޔާމަތްދުވަހުވެސް މިކާލްއާއިއެކު ވުމެވެ. ދުނިޔެއިން އެކީވީ ފަދައިން އާޚިރަތުގައިވެސް އޭނަ މިކާލްގެ އަންބަކަށް ވުމަށް އޭނަ ދުއާކުރެއެވެ. ހިތްވަރުގަދަކަމުން އޭނަ އަނބުރައިގަނެ ނޫނީ މޮޔަނުވިޔަސް އޭނަގެ ހިތުގައި ވާ ލޯބި އެނގޭނީ ހަމަ އެކަނި އޭނައަށެވެ. އެހިތް ރޯވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ގަދަކަމުން ހިނިތުންވެލައިގެން ދުނިޔެއާއި ކުރިމަތި ލިޔަސް މާޔޫސްވެ ހިތާމަކުރާވަރު އެނޫން ފަރާތަކަށް ނޭގެނީއެވެ.

މައިން ދަރިންދެކެ ލޯބިވާނީ އެކިގޮތްގޮތަށް ކަން އެ ހިދުކޮޅު ހަޔާތީއަށް އިހުސާސްކުރެވިއްޖެއެވެ. އާލިމާ ސުފްޔާން ދެކެ ވީ ލޯތްބާއި މުފުތިހާ ފިރިހެންދަރިފުޅުދެކެ ވީ ލޯބި ދެއްކުމުގައި ފަރަގުހުއްޓަސް ދެ މައިންވެސް ދަރިންދެކެ ވީ ފުން ލޯތްބެކެވެ. އެދަރިންތައް މައިން މުސްކުޅިވީ ދުވަހު އެކަންނުދެނެ އެއްލާލާފައި ދިޔައީކަމުގައި ހަޔާތީ ދެކުނެވެ. އާލިމާއާއި މުފުތިހާގެ ކަރުނަތައް ދެކެ ހިތަށް އަސަރުކުރިވަރުން އެޗްއެމްގައި އެވާހަކަ ގެނެސްދީ ޕްރޮގްރާމެއް ހުށަހަޅަންވެސް ހިތަށް އެރިއެވެ. އައިއެސްއާއި ގުޅެން ދާ ޒުވާނުންނަށް އިބުރަތަކަށެވެ.

ހަޔާތީ މުފުތިހާއާއި ވާހަކަދައްކަން ހުއްޓާ ޔާސިރު ބޭސްކޮތަޅެއް ހިފައިގެން އަންނަތަން ފެނުނެވެ. ހަޔާތީ ފެނުމުން ދަރިފުޅާއޭ ގޮވައިލުމުން ފިނި ގޮތަކަށް ހީލުމަށްފަހު އޭނަގެ ސަމާލުކަން މުފުތިހާއަށް ހުއްޓައިލިއެވެ. ޔާސިރުއާއި އަޅާނުލުމުން ލަދުގަންނާނެކަން އެނގުނެވެ. މިޝާއަށްވެސް އެކަން ފާހަގަކުރެވި ހައިރާންވެ އަންތަރީސްވެ ކުޑަކޮށް މޫނުވެސް ހެދުނެވެ. އެކަމުން ހަޔާތީއަށް ތަފާތު ހިތް ހަމަޖެހުމެއް ލިބުނެވެ. މަންމައަށް ޔާސިރު ދިން ހިތާމައިގެ ބަދަލު ކޮންމެވެސް ވަރަކަށް ހިފިއްޖެ ނޫންހެއްޔެވެ.

ދެ ދުވަސްފަހުން މުފުތިހާ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. މުފުތިހާ ހަޔާތީ ދެކޭހިތުން އުޅޭ ކަމަށް ބުނެ މިޝާ ގުޅައެވެ. ޔާސިރުއާއި ސަމާއާއި ދިމާވާނެތީ އެގެއަށް ދާކަށް ހަޔާތިގެ ހިތެއް ނުރުހުނެވެ. ނަމަވެސް މިކާލްގެ މަންމައަށްވެފައި އެހާ ބަލިކަމުން މަންމައަށް ދޭން ރަގަޅުއެއްޗެއް ތައްޔާރުކޮށްލައިގެން ދާންކަމަށް ނިންމިއެވެ. އޮފީހުގައި އަވަދިނެތި އުޅެފައި ގެއަށް ވަންނަގޮތަށް ކަންނެތްކަމުން އެހާ ހިތްވަރެއް ނުހުރެއެވެ. ސިޑިން އެޕާޓުމެންޓަށް އަރާނިމޭއިރު ގުބުހިލި ދެފައިގާ ކޮޅަށް ހުންނާނެހާ ހަކަތައެއްވެސް ނުހުރެއެވެ.

ހަފްތާއެއް ވީދުވަހު ހަޔާތީއަށް ލިބުނީ މުފުތިހާގެ މަރުގެ ޚަބަރެވެ. އެވެސް އެފްބީގެ ޕޯސްޓަކުންނެވެ. ހަޔާތީ މަންމަ ދެކެން ނައުމުން ރުޅިއައިސްގެން މަރުގެ ޚަބަރު އަންގަން މިޝާ ނުގުޅީއެވެ. އެ ޚަބަރު އިވިފާ ހަޔާތީ ގަނޑުވެފައި އިރުކޮޅެއްވާންދެން އެ ޕޯސްޓަށް ބަލަން އިނެވެ.

"މިކާގެ ފަހަތުން މަންމަވެސް އެދިޔައީ. އެއްގޮތަކަށްވެސް ހިތަކަށް ނާރާ މަންމަ އެހާ ބަލިއޭ. ޝީ ވޯޒް ފްރެޖައިލް އެކަމަކު ކިހާ ރީތިކޮށް ވާހަކަދެއްކި. މަރަކީ ހާދަ ކައިރީގައިވާ އެއްޗެކޭ. ދަންނަ ކިތައް މީހުން ވަކިވެގެން މިދިޔައީ. ޕުއަ މަމް.. މޭ ގޯޑް ބްލެސް ހާ ސޯލް.........." ހަޔާތީ މޫނުގައި އަތް އެޅިގޮތަށް އަތްނެގިއިރު ދެލޯ ކަރުނުން ފުރިއްޖެއެވެ. "މިކާ އައިމް ސޮރީ އައިމް ސޯ ސޮރީ މިކާ. އައި ފެއިލްޑް.... މިކާ ބުނީމެއްނު މަންމައަށް އަޅާލާށޭ މަންމައަށް ގަވާއިދުން ބޭސް ދޭށެ. އަޅާލާށޭ. މަންމައަށް މިކާ ބޭސްކާންދިންއިރު ކިހާ ކޮންޓްރޯލްވެފައި ހުރީ. އެމީހުންނަށް ބޭސްދޭން ނޭގުނީކަމަށް ވާނީ. ހާދަ ދެރައޭ. މިކާ ޕްލީޒް ފޮގިވް..........އައިމް ސޮރީ...."

ހަޔާތީ ގޮދަޑި މައްޗަށް ވެއްޓިގަތެވެ.

ކިތަންމެ ވަރަކަށް ރުޔަސް ފާއިތުވެ ދިޔަ ދުވަހެއް އަނބުރާ ނާންނާނެއެވެ. ކިތަންމެ ބޭނުންވިޔަސް ދެން އަލުން އެދުވަހެއް ނާންނާނެއެވެ. ހިތާމަކުރިޔަސް މުފުތިހާ އެންމެ ބޭނުންވީ ދުވަހު ދެކެލަން ދެވުނުކަމަކަށް ނުވާނެއެވެ. ހުރިހާ ހިތާމަތަކެއް އޭނަ ވަށާލާ ފިތާލާ ނޭވާއަށް ދަތިކުރުވިފަދައެވެ. ބާލީހުގައި ބައްދާލައިގެން ފާރަށް ލެނގިލައިގެން އެއް ދިމާލަކަށް ބަލަހައްޓައިގެން އިރުކޮޅެއްވާންދެން އިނދެފައި ހަޔާތީ ތެދުވެއްޖެއެވެ. އެގޭ މީހުން ނުރުހުނަސް އޭނަ މިކާލްގެ މަންމަގެ މޫނު ދެކެލަން ދާނެއެވެ. އެންމެ ފަހު ފަހަރަށެވެ.

ސަމާގެ ހިތްވަރުގަދަކަން ފެނުމުން ހަޔާތީ ވިސްނީ ތަފާތުކޮށެވެ.

"ޔަގީން ޝީޒް މެންޓަލް. އަމިއްލަ މަންމަ މަރުވީމަވެސް ދެލޯ ގަބުޅިއެއްހެން ހަދައިގެން އެއިންނައިރު ލޮލުން ކަރުނަ ތިއްކެއްވެސް ވައްޓާނުލާ. ސީރިޔަސްކޮށް މޮޔަކުއްޖެއް. މިއަދު ޔަގީން މިވީ...." ހަޔާތީ ހިތާހިތުން ކިޔައިލިއެވެ. މުފުތިހާގެ އަލި މޫނު ފެނުމުން ހަޔާތީގެ ދެލޯވެސް ކަރުނުން ފުރުނެވެ. ޓިޝޫއަކުން މަޑުމަޑުން ދެލޮލުގައި ޖައްސާލަމުން އޭނަ ގޮސް އެއްފަރާތުގައި އިށީނެވެ. އަންހެންވެރިންގެ ނަޒަރު އޭނައަށް ހުއްޓުނެވެ. ޚާއްސަކޮށް އަވަށްޓެރި ޒުލޭޚާއެވެ. އެމީހުންނަށް އޭނަ އެނގިފައިވާނީ މިކާލްގެ "ލޯބިވެރިޔާ" ގެ ގޮތުގައެވެ. އެންމެން ބަލާވަރުން އުދަގޫވެސްވިއެވެ.

މުފުތިހާގެ މޫނު އަޅަން ކައިރިވުމުން އެތާ ހުރުމުގެ ބޭނުމެއް ނުފެނުނެވެ.

މަގުމަތި ހަލަބޮލިކަމުން ހިނގާކަށް ފަސޭހައެއް ނޫނެވެ. ސަރުކާރާއި ދެކޮޅަށްކުރާ މުޒާހަރާތައް ފުޅާވެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ފެންނަނީ އެއް މަންޒަރެވެ. އަމްރާންމެންގެ ޕާޓީއިން އިސްވެ އޮތް ރާއްޖޭގެ ހަމަޖެހުން ނަގާލައިފިއެވެ. ޑިމޮކްރެސީގެ ނަމުގައެވެ. މި ރީތި ރާއްޖޭގެ އަމާންކަމާއި އެއްބައިވަންތަކަން ނަގާލުމުގެ އިލްޒާމްވެސް ހަޔާތީ އަޅުވާނީ އަމްރާންގެ ޕާޓީގެ އިސްވެރިންގެ ބޮލުގައެވެ. ވެރިކަން ބޭނުންވެގެން ކޮންމެ ބަޔަކުވެސް އަނެއްބަޔެއްގެ އަބުރު ކަތިލާ ކޮރަޕްޝަންއޭ ކިޔައިގެން ބުހުތާން ދޮގުވެސްހަދަނީއެވެ. އަނެއްކޮޅުން ދުނިޔޭގެ މަސްރަހު އެހާ ހޫނެވެ. އައިއެސް އިން އިރާގާއި ސީރިޔާގެ އެތައް ސިޓީއަކާއި އަވަށްތަކެއް ހިފާ ޔަޒީދީންގެ އެތައް ބަޔަކު އަޅުވެތިކޮށްފިއެވެ. ވައިޓްހައުސްގައި އެމީހުންގެ ދިދަ ނަގާނެކަމުގެ އިންޒާރުދެނީއެވެ. މުސްލިމުންގެ ޚަލީފާގެ އަޅުވެތިކަމުގެ ދަށުގައި އެމެރިކާއައި ޔޫރަޕް އޮންނަތަން ދެކެން ބޭނުންވާ ޒުވާނުން އެކަމަށްޓަކާ ނުކުރާކަށް މަސައްކަތެއް ނެތެވެ. ހުޅަގުން އެ މަންޒަރު ވަރަށް ގާތުން ބަލާއިރު މުސްލިމުންގެ ގިނަ ބަޔަކު ބުނަނީ އެއީ އިޒްރޭލާއި އެމެރިކާގެ އެޖެންޓުންކަމުގައެވެ. މުސްލިމް ގައުމުތައް ބައިބައިކޮށް ހަލަބޮލިކޮށްލަންވެގެން އެމީހުން ފަށައިގެން އުޅޭ ހަގުރާމައެކެވެ. އެމީހުންނަށް ފަންޑުކުރަނީ ސީދާ އެމެރިކާއިން ކަމަށް ތުހުމަތު ކުރާ މީހުން އުޅެއެވެ. ނޫސްތަކުގައި މުޅިންވެސް އައިއެސްއާއި ރާއްޖޭގެ ސިޔާސީ މަސްރަހެވެ.

ހަޔާތީ އަމްރާން އޭނައަށް ރިޝްވަތުދޭން އުޅުނުކަމަށް ބުނެ އާޓިކަލް ޖެހުމުން މިފަހަރު އަޒިކިއަލްމެންގެ ޚަބަރެއްނުވިއެވެ. އެއަށްވުރެ މުހިއްމު ކަންތައް ހުރީކަން ނޭގެއެވެ. ހަޔާތީގެ ލިޔުންތަކާއި އެމީހުން އަޅާނުލާން ފެށުމުން ލިޔުމަށް ހުރި ފޯރި ކޮންމެވެސް ވަރަކަށް ގެއްލުނެވެ. އަމްރާންމެން ދެރަކޮށްލާ އެމީހުން ނުތަނަވަސްކުރަން ލިޔާ އެއްޗަކުން އަސަރު ނުކުރަންޏާ އޭގައި ހުންނާނީ ކޮން ބޭނުމެއް ހެއްޔެވެ. ނަމަވެސް ސަރުކާރަށް ކުރާ ތާއީދުގެ ކުޑިފަށެއްވެސް ގެއްލުވާނުލާ ހަޔާތީ އެކަމުގައި އެންމެ ކުރީ ސަފުގައި ހުންނާން ނިންމިއެވެ.

ހަޔާތީއާއި ސަޖަލް ވަދެލީ މޫދުގައި އަޅާފައިވާ ރެސްޓޯރެންޓަކަށެވެ. ފެހިކުލައާއި ނޫކުލަ އެކުލެވޭ ދޫލައެއްފަދައިން މޫދުގެ ސަތަހަ ފެންނައިރު އިރުގެ ދޯދިތަކުގެ ސަބަބުން ރިހިފަތްގަނޑެއްހެން ވިދާ ބަބުޅައެވެ. ތެތް ފިނިކަން އެކުލެވޭ ވައިރޯޅިތަކުގެ މަޑު ފިރުމުންތަކުން ހިތްގައިމު ފިނިކަމެއް ލިއްބާދެއެވެ. ކޮފީއަށް އޯޑަރު ދިނުމަށްފަހު ސަޖަލް ގިނައިން ދެއްކީ ސުފްޔާންގެ ވާހަކައެކެވެ. މަންމަ އަދިވެސް ހަމަޔަކަށް ނޭޅެއެވެ. އިންޓަވިއު އެއް ދެވޭނީވެސް މަންމަގެ ހިތާމަތަކަށް ކުޑަ ނަމަވެސް ލުޔެއްލިބިގެންނެވެ. ހަޔާތީ ހިތްވަރު ދިނެވެ.

"ސަޖް. އެބައޮތް ވާހަކައެއް ބުނެލަން...." ހަޔާތީ ކޮފީތަށިން ކޯވަރެއް ބޯލިއެވެ. ހަޔާތީގެ މޫނުމަތިން ފެނުނު ސީރިޔަސްކަމުން ސަޖަލްއަށް އެބުނަން އުޅުނު ވާހަކައިގެ ސީރިޔަސްކަން އަންދާޒާ ކުރެވުނެވެ. އޮފީސް ނޫން ތަންތާ އާއްމުކޮށް ހަޔާތީ އުޅޭނީ ކޮންމެވެސް ކަހަލަ ސަކަރާތެއް ޖެހޭތޯއެވެ. ހަޔާތީ ދެން ބުނެލި ޖުމްލައިން ސަޖަލްގެ ފައިދަށުން ބިންގަނޑު ދެމިގަތްފަދަ އިހުސާސެއް ކުރެވުނެވެ. ދެލޯ ބޮޑުކޮށްލިގޮތަށް އަނގަމަތީ އަތްއެޅިއްޖެއެވެ. ލިބުނު ޝޮކްގެ ސަބަބުން މުޅި ކުއްޖާ ގަނޑުފެންކޮޅެއްހާ ފިނިވިއެވެ.

"ހަޔާ......."

"ސަޖް. ސަމާސާއަކަށް ދެއްކިވާހަކައެއް ނޫން......" ހަޔާތީ ޔަގީންކޮށްދިނެވެ.

(ނުނިމޭ...)

https://sun.mv/113562

comment ކޮމެންޓް