ހަތަރު ގަޑިއިރަށް ފަހު ޔާމީން ފުލުސް އޮފީހުން ނުކުމެވަޑައިގެންފި

ޔާމީން އަބްދުލްގައްޔޫމް ---

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ފުލުސް އޮފީހުގައި ހަތަރު ގަޑިއިރު ހޭދަކުރައްވުމަށް ފަހު ނުކުމެ ވަޑައިގެންފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއްގައި މިދިޔަ މަހުގެ 15 ވަނަ ދުވަހު ވެސް ވަނީ ފުލުސް އޮފީަހަށް ހާޒިރުކޮށްފަ އެވެ.

ދެވަނަ ފަހަރަށް މިއަދު ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ހަތަރު ގަޑިއިރު ފަހުން ނުކުމެ ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއަދުވެސް ސުވާލު ކުރެވުނީ ހަމަ ކުރީ ދުވަހުވެސް ސުވާލު ކުރެވުނު މައްސަލައާ ގުޅިގެން ކަމަށެވެ.

"މިއަދުވެސް ހަމަ އެ ދުވަހުގެ މައްސަލައާ ގުޅިގެން ސުވާލު ކުރެވުނީ. އެއީ އަޅުގަނޑުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި،" ޔާމީން ވިދާޅުވި އެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި މުއްދަތުގައި ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތުކުރެވިގެން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަކުން ފުލުހުންނަށް ހުށަހެޅި މައްސަލަތަކެއް ފުލުހުން ބަލަމުން ދާކަމަށެވެ.

ފުލުހުން އޭރު ބުނެފައި ވަނީ ރައީސް ޔާމީނުގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އަދި އެ ފައިސާ އިން މުއާމަލާތްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، ރައީސް ޔާމީނުގެ އެ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށް ފުލުހުން ހާމަކުރި އެވެ.

comment ކޮމެންޓް