ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފި

ރައީސް ޔާމީން -- ފައިލް ފޮޓޯ/ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމިން ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއްގައި މިދިޔަ މަހު 15 ވަނަ ދުވަހު ވެސް ވަނީ ފުލުސް އޮފީަހަށް ވަނީ ހާޒިރުކޮށްފަ އެވެ.

ދެވަނަ ފަހަރަށް މިއަދު މެންދުރު 1:30 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ރައީސް ޔާމީނަށް ޗިޓު ފޮނުވާފައިވެ އެވެ. ނަމަވެސް ހާޒިރު ކުރަނީ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި މުއްދަތުގައި ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތުކުރެވިގެން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަކުން ފުލުހުންނަށް ހުށަހެޅި މައްސަލަތަކެއް ފުލުހުން ބަލަމުން ދާކަމަށެވެ.

ފުލުހުން އޭރު ބުނެފައި ވަނީ ރައީސް ޔާމީނުގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އަދި އެ ފައިސާ އިން މުއާމަލާތްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، ރައީސް ޔާމީނުގެ އެ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށް ފުލުހުން ހާމަކުރި އެވެ.

comment ކޮމެންޓް