މޯލްޑިވް ގޭސްގެ މެނޭޖިންގް ޑިރެކްޓަރަކަށް ޝަޒައިލް

މޯލްޑިވް ގޭސްގެ އެމްޑީއަކަށް އައްޔަނުކުރެއްވި ޝަޒައިލް ޝިޔާމް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވް ގޭސްގެ މެނޭޖިންގް ޑިރެކްޓަރުކަމަށް ޝަޒައިލް ޝިޔާމް އައްޔަނުކޮށްފިއެވެ.

ޝަޒައިލް އެ މަގާމަށް އައްޔަނުކޮށްފައިވަނީ މިއަދުއެވެ. މާދަމާއިން ފެށިގެން އޭނާ ވަޒީފާއަށް ނުކުންނަން ފައްޓަވާނެއެވެ.

ޓެކްނޮލޮޖީ މެނޭޖްމެންޓްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލުކުރައްވާފައިވާ ޝަޒައިލް މީގެ ކުރިން ވަނީ، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މާގާމުގެ އިތުރުން، ސިވިލް ސަރވިސްގެ އެކި މަގާމުތަކުގައި 12 ވަރަކަށް އަހަރު ހޭދަކުރައްވައިފައެވެ. އަދި ކޫއްޑޫ ފިޝަރީޒް ކުންފުނީގެ ޗެއާމަންކަންވެސް ކުރައްވާފައިވާ އިރު، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވިއެވެ.

އެހެން ނަމަވެސް އޭރު ވެރިކަންކުރި ޕީޕީއެމްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ރައީސް މައުމޫނުގެ ފެކްޝަނާ ގުޅިވަޑައިގަތުމުން އޭރުގެ ސަރުކާރުން ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ.

އޭގެ ފަހުން އޭނާ މަސައްކަތް ކުރެއްވީ ރައީސް މައުމޫނުގެ އަރިހުގައި، އެމަނިކުފާނުގެ ސިޔާސީ މަސައްކަތުގައެވެ. އަދި ރިޔާސީ އިންތިހާބުގައި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކެމްޕޭން ކުރެއްވިއެވެ.

ޝަޒައިލްއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ކުރީގެ ރައީސް މައުމޫނުގެ ސްލޮޓެއްގައި ކުންފުންޏެއްގެ މެނޭޖިންގް ޑިރެކްޓަރަކަށް އައްޔަނުކުރެއްވި ފުރަތަމަ ބޭފުޅާއެވެ.

މޯލްޑިވް ގޭސްގެ މެނޭޖިންގް ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވީ އަބްދުﷲ މައުމޫނެވެ.

މޯލްޑިވް ގޭސްއަކީ އެސްޓީއޯއާއި ޗަމްޕާ އޮއިލް އެންޑް ގޭސް ކުންފުނީގެ ހިއްސާއާއެކު އުފައްދާފައިވާ ޖޮއިންޓް ވެންޗާއެކެވެ.

comment ކޮމެންޓް