ޕީއެސްއެމްގެ ޗެއާކަމަށް އިބްރާހިމް ހިލްމީ، މެމްބަރުކަމަށް މަރިޔަމް ވަހީދާ

ޕީއެސްއެމްގެ ބޯޑަށް އައްޔަނުކުރެއްވި މަރިޔަމް ވަހީދާ އަދި އިބްރާހިމް ހިލްމީ---

ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑުގެ ޗެއާމަނަކަށް އިބްރާހިމް ހިލްމީ އަދި އެ ބޯޑުގެ މެމްބަރަކަށް މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ އައްޔަނުކުރައްވައިފި އެވެ.

އެ ދެ ބޭފުޅުން ބޯޑަށް އިއްޔެ އައްޔަނުކުރެއްވިކަން ޕްރައިވެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

އެ ދެ ބޭފުޅުން ޕީއެސްއެމްގެ ބޯޑަށް އައްޔަނުކުރެއްވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ޕީއެސްއެމްގެ ބޯޑަށް އައްޔަނުކުރި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) އަދި އާއިޝަތު ހަފީޒް އިއްޔެ ވަނީ ބޯޑުން ވަކިކޮށްފަ އެވެ.

ޕީއެސްއެމްގެ ޗެއާއަކަށް އައްޔަނުކުރި އިބްރާހިމް ހިލްމީއަކީ ޕީއެސްއެމް އުފެއްދި އިރު އެ ކުންފުނީގެ އެންމެ ފުރަތަމަ ބޯޑުގައި ވެސް ހިމެނުނު، އެ ބޯޑުގެ ވައިސް ޗެއާއެވެ.

އަދި މީޑިއާ ދާއިރާގައި ތަޖުރިބާކާރު މަރިޔަމް ވަހީދާއަކީ ޓީވީއެމުގައި ގިނަ އަހަރުތަކެއް ވަންދެން ޚަބަރާއި ޕްރޮގްރާމުތައް ހުށަހަޅާ ދެއްވި ފަރާތެކެވެ. މީގެ ކުރިން ޓީވީއެމް ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްއެންބީސީ)ގެ ބޯޑުގައި ވެސް މަރީ ހުންނެވި އެވެ.

މީގެ ކުރިން މަރީ ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުކަމަށް ވެސް ކުރިމަތިލައްވައިފަ އެވެ. އެ ފަހަރު ކޮމިޓީ މަރުހަލާގައި އެންމެ މަތިން މަރީއަށް މާކްސް ލިބިވަޑައިގެންނެވި ނަމަވެސް މަޖިލީހުން އޭނާގެ ނަން ފާހެއް ނުކުރި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އާއެކު އެ ބޯޑުގައި ފަސް މެމްބަރުން ހިމެނެ އެވެ. ވެރިކަން ބަދަލުވުމަށް ފަހު އެ ބޯޑުގެ ކުރިން ހުންނެވި މެނެޖިން ޑިރެކްޓަރު އިބްރާހިމް ހަލީލްއާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު އިކްރާމް އަބްދުއްލަތީފް ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.

އަދި މީގެ އިތުރުން ކުރިން އެބޯޑުގެ ޗެއާއަކަށް ހުންނެވި މަރިޔަމް އަޒުރާ އަހްމަދު ވެސް ވަނީ ބޯޑު ވަކިކޮށްފަ އެވެ.

މިހާރު ޕީއެސްއެމްގެ އެމްޑީއަކީ، ޓީވީ މޯލްޑިވްސްގެ ކުރީގެ ސީއީއޯ އަލީ ހާލިދުއެވެ. އަދި މީހަރު ޑީއެމްޑީ އަކީ މުހައްމަދު ޝަމީމްއެވެ.

comment ކޮމެންޓް