ޕްލާސްޓިކް ނޫން ގޮތެއް: ވިޔަފާރި ކުރީމާ ދޭ ކޮތަޅު ވިއްކަން ފަށަން ވެއްޖެ

ވިޔަފާރިކޮށްގެން މީހަކު ދަނީ: ކޮތަޅު މަދު ކުރުމަށް ކޮތަޅު ވިއްކަން ފަށަން ޖެހޭ ---

ކަންމަތީ ފިހާރައަކުން ޖޫސްޕެކެޓެއް ގަތަސް ބިސްކޯދު ޕެކެޓެއް ގަތަސް އެއާ އެކު ޕްލާސްޓިކް ކޮތަޅެއް ދިނުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެ ކޮތަޅަކީ ފިހާރައިން އެއްޗިހި ގަތީމާ ކޮންމެހެން ދޭން ޖެހޭ އެއްޗަކަށް މި އޮންނަނީ ވެފައެވެ. އެކަމަކު އެއީ ތިމާވެއްޓަށް ހުރި ކިހާ ބޮޑު ގެއްލުމެއް ކަން ވިސްނޭ ހެއްޔެވެ. އަދި ކުރެވޭ ބޮޑު އިސްރާފެއްކަން އެނގޭ ހެއްޔެވެ.

އެންމެން ވެސް ދައްކާނީ ފިހާރައަށް ދާއިރު ގެއިން ޕްލާސްޓިކް ނޫން ކޮތަޅެއް ހިފައިގެން ދާންވާނެ ވާހަކައެވެ. ތިމާވެއްޓަށް ލޯބި ކުރާ ބައެއް ފަރާތްތަކުން އެގޮތަށް އަމަލުވެސް ކުރެއެވެ. އެކަމަކު އެއީ އިނގިލިން ގުނާލެވޭހާ މަދު ބައެކެވެ.

ހައްދެއް ނެތި ކޮތަޅު ބަހާ ބެހުމަށް ނިމުމެއް ގެނައުމަށް ފިހާރަތަކުން ކޮތަޅު ވިއްކަން ފަށަން ވެއްޖެއެވެ. އެގޮތަށް އަމަލު ކުރާ އެހެން ގައުމުތައް ވެސް އެބަހުއްޓެވެ.

އިނގިރޭސި ވިލާތަކީ މިސާލެއް

ވިޔަފާރިކޮށްގެން މީހަކު ދަނީ: ކޮތަޅު މަދު ކުރުމަށް ކޮތަޅު ވިއްކަން ފަށަން ޖެހޭ ---

އިނގިރޭސި ވިލާތުގެ ސިޓީތަކުގައި ވިޔަފާރި ކުރީމާ ހިލޭ ކޮތަޅެއް ނުދެ އެވެ. އެމީހުން ކޮތަޅު ވިއްކަނީ އެވެ. ވިއްކަނީ އަގުހެޔޮ ކޮށެއް ވެސް ނޫނެވެ. ރާއްޖޭގެ ފަސް ރުފިޔާ ނުވަތަ ބައެއް ފިހާރަތުން ރާއްޖޭގެ ތިން ރުފިޔާއަށް ވެސް ކޮތަޅު ވިއްކައި ހަދައެވެ.

ވިޔަފާރި ކުރާ ކޮންމެ ފަހަރަކު އެ ކޮތަޅު ގަތުމަކީ ބޭކާރު ބޮޑު ހަރަދަކަށް ވާތީ އެތަނުގެ ރައްޔިތުން ވިޔަފާރި ކުރަން ދަނީ ގެއިން ކޮތަޅު ހިފައިގެންނެވެ. ވިޔަފާރި ކުރަން ނޫނަސް ބޭރަށް ނުކުންނަ ނަމަ ކޮތަޅު ފަށްޖަހާލާފައި އަބަދު ވެސް ދަބަހުގައި ބާއްވަ އެވެ. ދަބަހަށް ކޮތަޅު ފަށްޖަހާލާފައި ލުމަކީ މާ ބޮޑު ކަމެއް ނޫނެވެ. މާބޮޑު ޖާގައެއް ހިފާ ކަމެއް ވެސް ނޫނެވެ.

"އަބަދު ވެސް ކޮތަޅު ހިފައިގެން ފިހާރައަށް ދަނީ. ދަބަހުގައި އަބަދު ވެސް ކޮތަޅު ބާއްވަން. ކޮންމެ ފަހަރަކު ގޮސް ކޮތަޅު ގަތުމަކީ ކިހާބޮޑު ހަރަދެއް. މިހާރު އަހަރެއް ވެދާނެ މިކޮތަޅު ގެންގުޅޭތާ." ސްކޮޓްލޭންޑްގެ ގްލާސްގޯގައި ހުންނަ ދިވެހި ކިޔަވާ ކުއްޖަކު ބުންޏެވެ.

އެތަނުގައި ހުރިހާ ރައްޔިތުންހެން އަމަލުކުރަނީ އެގޮތަށެވެ. ގެއިން ދަނީ ކޮތަޅު ހިފައިގެންނެވެ. ދަބަސް ނުގެންދާ ނަމަ ކޮތަޅު ފަތް ޖަހާލާފައި ޖީބަށް ނުނީ ވޮލެޓަށް ލައިގެންނެވެ. އެންމެންވެސް ގެންގުޅެނީ ގިނަ އެއްޗިހި އެޅޭ ވަރުގެ ބޮޑެތި ކޮތަޅެވެ.

ވިޔަފާރި ވެރިންގެ ޖީބަށް ވެސް ލުއި ގޮތެއް

ރާއްޖޭގައި ފިހާރަތުން ހިލޭ މިބަހާ ކޮތަޅަކީ އަގުހެޔޮ އެއްޗެއް ނޫނެވެ. ކޮތަޅު ރާއްޖެ އެތެެރެކުރަން ވެސް ބޮޑު ޑިއުޓީއެއް ނަގަ އެވެ. އެތެރެކުރަނީ ޕްލާސްޓިކް ކޮތަޅު ނަމަ އޭގެން 200 ޕަސެންޓް ޑިއުޓީއެއް ނަގަ އެވެ. އަދި ބައޯޑިގްރާޑަބަލް، ތިމާވެއްޓާ ރައްޓެހި ކޮތަޅުން ޑިއުޓީ ނުނެގި ނަމަވެސް ބޭރުން އެފަދަ ކޮތަޅު ގަންނަން ލިބެނީ އަގު ބޮޑުކޮށް ކަމަށް ވިޔަފާރިވެރިން ފާހަގަ ކުރެއެވެ.

ކަންމަތީ ފިހާރައެއްގެ ސޭޓަކު ބުނި ގޮތުން ދުވާލެއްގެ މައްޗަށް އެ ފިހާރައިން 200 އަށް ވުރެ ގިނަ ކޮތަޅު ވިޔަފާރި ކުރީމާ ދޭން ޖެހެ އެވެ. އެއީ މަހެއްގެ މައްޗަށް ހަ ހާސް ކޮތަޅެވެ. އަދި އަހަރެއްގެ މައްޗަށް 72،000 އަށް ވުރެ ގިނަ ކޮތަޅެވެ.

"ކޮތަޅު ދޭން މަޖުބޫރު އެބަވޭ. ކޮތަޅު ނުދިނީމާ ރުޅިއާދޭ. ކިތަންމެ ކުޑަ އެއްޗެއް ގަތަސް ކޮތަޅު އެބަޖެހޭ ދޭން." ސޭޓު ބުންޏެވެ.

އަހަރެއްގެ މައްޗަށް 72،000 ކޮތަޅު އެންމެ ފިހާރައަކުން ދާއިރު ހުރިހާ ފިހާރައަކަށް ބަލާ ނަމަ އެ އަދަދު ބިލިއަނަށް އަރާނެކަން ޔަގީންވެ އެވެ. އަދި ސުޕަމާކެޓްތަކުގައި އެއަށް ވުރެ ބޮޑެތި އަދަދުތަކުން ކޮތަޅު ހޭދަ ކުރަން ޖެހޭނެއެވެ.

ރާއްޖޭގެ ރަށެއްހެ ގޮނޑު ދޮށުގައި ގިނަ އަދަދެއްގެ ކޮތަޅު --

"ކުރިން މި ފިހާރައިން ދޫކުރިން ފޮތި ކޮތަޅު. އެކަމަކު ފޮތި ކޮތަޅު ހިފައިގެން ގޮސްފައި އަލުން ވިޔަފާރި ކުރަން އަންނަ އިރު އަނެއްކާ ޖެހެނީ އާ ކޮތަޅެއް ދޭން. ނުގެނޭ ކޮތަޅެއް. މިއީ ވަރަށް ބޮޑު އިސްރާފެއް." ކަންމަތީގެ ފިހާރައެއްގެ ސޭޓު ބުންޏެވެ.

އަހަރެއްގެ މައްޗަށް ބިލިއަނުން ކޮތަޅު ދޫކުރުމަކީ ތިމާވެއްޓަށް ހުރި ބޮޑު ނުރައްކަލެކެވެ. އަނެއްކާ އެ ކޮތަޅުތައް ފެންނަނީ މަގުތަކުންނާއި މޫދުންނާއި ރާއްޖޭގެ ހިތްގައިމު ގޮނޑުދޮއްތަކުންނެވެ. މިކަމަށް ހައްލު ހޯދަން ފިހާރަތަކުން ކޮތަޅު ހިލޭ ބެހުމުގެ ބަދަލުގައި ކޮތަޅަކީ ވިއްކާ އެއްޗަކަށް ހެދުމަށް ސަރުކާރުން މަސައްކަތެއް ކުރަން ޖެހެއެވެ.

ނުކުރެވޭނެ ކަމެއް ނޫން

ވިޔަފާރި ކުރީމާ ދޭކޮތަޅު ހިލޭ ދިނުން ސަރުކާރަށް މަނާ ކުރެވިދާނެ އެވެ. އިނގިރޭސި ވިލާތުން ވެސް އެކަންކޮށްފައި ވަނީ އެ ގައުމުގެ ޑިޕާޓްމެންޓް ފޯ އެންވަޔަރަމެންޓް ފުޑް އެންޑް ރޫރަލް އެފެއާޒްއިން ހެދި އުސޫލެއްގެ ދަށުންނެވެ.

މޫދުގައި އޮތް ޕްލާސްޓިކް ކޮތަޅެއް: ކޮތަޅު މަދު ކުރުމަށް ކޮތަޅު ވިއްކަން ފަށަން ޖެހޭ ---

އެ އުސޫލު ގާއިމްކޮށް އެ މަސައްކަތް ފަށާފައި ވަނީ 2015 އަހަރު އެވެ. ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުން އެ އުސޫލު ގާއިމު ކުރި ފަހުން މަގުތަކުންނާއި ބީޗުތަކުގައި އުކާލާފައި ހުންނަ ކޮތަޅު ފެނުން މަދެވެ.

މިއީ ރާއްޖޭގައި ނުކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖެ ފަދަ މީހުން މަދު ގައުމެއްގައި މިކަން ކުރަން މާ ފަސޭހަވެސްވާނެ އެވެ. ސަރުކާރުން މިކަމަށް އިސްކަމެއް ދީގެން އުސޫލެއް ގާއިމް ކުރަން އެބަޖެހެ އެވެ. އަހަރެއްގެ މައްޗަށް އެއް ފިހާރައަކުން 72000 ކޮތަޅު ބޭރު ކުރާއިރު އެހުރިހާ ކޮތަޅެއް ގޮސް ހަލާކުވަނީ އަހަރުމެންގެ ރީތި ވެއްޓެވެ. އެހެންވީމާ ކޮތަޅު ކޮންޓްރޯލް ކުރަން އިސްކަމެއް ދޭން ޖެހެއެވެ.

comment ކޮމެންޓް