މިސްކިތް ބަހައްޓާ ތަނާ މެދު އިލްމުވެރިންގެ ކަންބޮޑުވުންތަކަށް ވިސްނަން: ޔުމްނާ

ކަޅުވަކަރު މިސްކިތް ---

ކަޅުވަކަރު މިސްކިތް ކުރީން ދިރާގު މައިއޮފީސް ހުރިތަނުގައި ބަހައްޓަން ނިންމުމާ ގުޅިގެން އިލްމުވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ހެރިޓޭޖް މިނިސްޓްރީ އަދި ސަރުކާރުން ވިސްނައި މަޝްވަރާ ކުރަމުންދާ ކަމަށް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ކީރިތި ރަސޫލާ މަނާކުރައްވައިފައިވާ ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވަނީ ވިދާޅުވެފަ އެވެ.

ޝަހީމް ވިދާޅުވީ އެ މިސްކިތް އަލުން ރާވައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ޖަމާއަތުގައި ނަމާދުކުރާ އިތުރު މިސްކިތެއްގެ ކުރިމަތީ ޖަމާއަތުގައި ނަމާދުކުރާ އިތުރު މިސްކިތެއް ނެހެދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަޅުވަކަރު މިސްކިތަކީ ދިވެހި އިސްލާމީ ތާރީހު ދައްކުވައިދޭ މުހިންމު ބިނާއެއް ކަމަށެވެ. އެ މިސްކިތް އަލުން ބެހެއްޓުމުގެ ކަންކަމުގައި އިލްމީ ގޮތުން ހިޔާލުފާޅު ކުރާތީ އުފާ ކުރައްވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

" ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ ކަންކަމުގައި މިއަދު އިލްމީ ގޮތުން ހިޔާލު ފާޅުކޮށް ގައުމީ ފެންވަރުގައި މަޝްވަރާ ކުރެވޭތީ އަޅުގަނޑު އުފާ ކުރަން. އިލްމުވެރީންގެ ކަންބޮޑުވަންތަކާމެދު އަދުގެ ސަރުކާރުން ގެންދަވަނީ ވިސްނަވައި މަޝްވަރާ ކުރައްވަމުން." ޔުމްނާ ވިދާޅުވި އެވެ.

ދިވެހިން ކަޅުވަކަރު މިސްކިތުގައި ނަމާދު ކުރާތާ 200 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކޮށް ޔުމްނާ ވިދާޅުވީ ކުޅޭ ތަނެއް ހަދަން އެފަދަ މިސްކިތެއް ނެގިގެން ދިއުމަކީ މައްސަލައެއް ކަމަށެވެ.

ކުރީން ކަޅުވަކަރު މިސްކިތް ހުރީ މިހާރު ރަސްރަނިބަގީޗާގައި ހުންނަ ވިންޓާ ޕާކު ހުންނަ ތަނުގައެވެ. ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާނެ ތަނެއް ނިންމުމަށް ސަރުކާރުން ވަނީ އާންމުންގެ ހިޔާލު ހޯދުމަށް ފޯރަމެއް ވެސް ބާއްވާފައެވެ.

comment ކޮމެންޓް