މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ރަސޫލާ މަނާކުރައްވައިފައިވޭ: ޑރ. ޝަހީމް

ސަލްޓަން ޕާކު ތެރޭގައި މީގެ އެތަށް ޒަމާނެއް ކުރިން ހަދާފައި ހުރި ކަޅު ވަކަރު މިސްކިތް --

މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ކީރިތި ރަސޫލާ މަނާކުރައްވައިފައިވާ ކަމަށް ކުރީގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެހެން ވިދާޅުވީ ކަޅުވަކަރު މިސްކިތް އިސްލާމީ މަރުކަޒުގެ ކުރިމަތީގައި އަލުން ބަހައްޓަށް އުޅޭތީ އެކަމަށް އިޝާރާތްކޮށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރޫޅާލި ކަޅުވަކަރު މިސްކިތް ބަހައްޓާނީ ޗާންދަނީމަގު، ދިރާގު އޮފީސް ކުރިން ހުރި ބިމުގައި ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިއްޔެ ވަނީ ބުނެފައެވެ.

ޝަހީމް ވިދާޅުވީ އެ މިސްކިތް އަލުން ރާވާ ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ޖަމާއަތުގައި ނަމާދުކުރާ އިތުރު މިސްކިތެއްގެ ކުރިމަތީ ޖަމާއަތުގައި ނަމާދުކުރާ އިތުރު މިސްކިތެއް ނެހެދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" އެއީ ދީނީގޮތުން ބަލާއިރު އިލްމުވެރިން ބަހުސްކޮށްފައިން މައްސަލައެއް. މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ވަނީ މަނާކުރައްވައިފައި. ކަޅުވަކަރު މިސްކިތް ބަހައްޓަނީ އެތާގަ ނަމާދުނުކުރެވޭ ގޮތަށް ކަމަށް ވަންޏާ އަދި ތަރައްގީގެ ގޮތުން ހުންނަ އިމާރާތެއްގެ ގޮތުން ހުންނަ ނަމަ އެތާ ބެހެއްޓުން އެންމެ ރަނގަޅު" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި އެ މިސްކިތް ބަހައްޓަންވާނީ ކޮންމެވެސް އެހެން ސަރަހައްދެއްގައި ކަަމަށެވެ. އަދި އެފަދައިން ވިދާޅުވީ އެއްވެސް ސިޔާސީ މަގްސަދެއްގައި ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ހިލޭ ސާބަހަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

ކުރީން ކަޅުވަކަރު މިސްކިތް ހުރީ މިހާރު ސަލްޓަން ޕާކުގައި ހުންނަ ވިންޓާ ޕާކު ހުންނަ ތަނުގައެވެ. ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާނެ ތަނެއް ނިންމުމަށް ސަރުކާރުން ވަނީ އާންމުންގެ ހިޔާލު ހޯދުމަށް ފޯރަމެއް ވެސް ބާއްވާފައެވެ.

comment ކޮމެންޓް