2021ގައި އެމެރިކާ ފަހަތަށް ޖައްސާލައި ޗައިނާ ކުރިއަރާނެ!

އެމެރިކާގެ ލަޝްކަރުތައް ހުރިހާ ގޮތަކުންވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ގައުމަކީ ޗައިނާ ކަމަށް އެމެރިކާގެ އެކްޓިން ދިފާއީ ވަޒީރު (ގާއިމް މަގާމް) ޕެޓްރިކް ޝެނެހަން ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ދިފާއީ ވަޒީރުކަމުގައި ހުންނެވި ޖޭމްސް މަޓިސް މަގާމުން އިސްތިއުފާ ދެއްވުމާއެކު ދިފާއީ ވަޒީރުކަމާ ވަގުތީގޮތުން ހަވާލުވެ ވަޑައިގަތުމަށްފަހު އެމެރިކާގެ ލަޝްކަރުތަކަށް ފޮނުއްވި މެސެޖްގައި ޝެނެހަން ވިދާޅުވެފައިވަނީ އެމެރިކާ ހުރިހާ ކަމެއްވެސް ކޮންސެންޓްރޭޓްކޮށް ސްޓްރެޓީޖިކް ސިޔާސަތުތައް ރޭވުމުގައި ވިސްނަންޖެހޭ ފުރަތަމަ ގައުމަކީ ދެވަނަ ގައުމަކީ އަދި ތިންވަނަ ގައުމަކީވެސް ޗައިނާ ކަމަށާ ޗައިނާއަކީ އެމެރިކާގެ މައިގަނޑު ސްޓްރެޓީޖިކް ވާދަވެރިޔާ ކަމުގައެވެ.

ޝެނެހަން ވަނީ ޗައިނާގެ އަސްކަރީ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ބާރުވެރިކަމާއި ޗައިނާގެ ސިޔާސަތުތައް ބައްޓަންކުރާ ގޮތާބެހޭގޮތުން ހޭލުންތެރިވުމަށް އެމެރިކާ ސިފައިންގެ ލަޝްކަރުތަކަށް އިލްތިމާސް ކުރައްވާފައެވެ. އެމެރިކާ ދެކޭގޮތުގައި ދުނިޔޭގެ ބޮޑުބާރުގެ މަގާމުން އެމެރިކާ އެއްފަރާތްތަށް ޖައްސާލާނެ މައިގަނޑު ގައުމަކީ ޗައިނާއެވެ. ޗައިނާ މިހާރު ކުރިޔަށްދާ ބާރުމިނުގައި ކުރިޔަށްދާނަމަ 2021ގައި އެމެރިކާ ފަހަތަށް ޖައްސާލައި އިގްތިސާދީ ގޮތުން ދުނިޔޭގެ އެއްވަނަ ބާރުގެ މަގާމު ހޯދާނެކަމަށް ސްޓްރެޓީޖިކް ދިރާސާ ތަކުން ހާމަވެއެވެ.

މިހާރު އެމެރިކާއަކީ ދުނިޔޭގެ އެއްވަނަ އިގްތިސާދެވެ. ޗައިނާއަކީ ދެވަނަ އިގްތިސާދެވެ. ނަމަވެސް ޗައިނާގެ އިގްތިސާދީ ކުރިއެރުން އެމެރިކާއަށްވުރެ މަތިކަމުން ޗައިނާ ދަނީ ދެގައުމުގައިވާ އިގްތިސާދީ ފަރަގު ދުވަހެއް ދުވަހަކަށް ކުޑަކުރަމުންނެވެ. މިފަރަގު ނިމުމަކަށް އައިސް 2021 ގައި އެމެރިކާގެ އިގްތިސާދަށްވުރެ ޗައިނާގެ އިގްތިސާދު މައްޗަށް ޖެހިލާނެކަން ހުރިހާ ލަފާކުރުންތަކަކުންވެސް ދައްކައެވެ.

އެމެރިކާގެ މައްޗަށް އިގްތިސާދީ ގޮތުން ގަދަވުމުގައާއި ދުނިޔެއަށް ބާރާއި ނުފޫޒު ހިންގުމުގައި ޗައިނާ ބޭނުންކުރާ އެންމެ ކާމިޔާބު ވަސީލަތަކީ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވް އާއި ދުނިޔޭގެ ގައުމުތަކުގައި އާދަޔާ ޚިލާފަށް އިންވެސްޓްކޮށްދީ އެގައުމުތަކުގެ އިފްރާސްޓްރަކްޗަރ ކުރިއަރުވައި ތަރައްގީކޮށްދިނުމަށް ޓަކައި ޗައިނާ ކުރަމުން ގެންދާ އަދަޔާ ޚިލާފު މަސައްކަތްތައް ކަމަށް އެމެރިކާ ދެކެއެވެ.

ޗައިނާ އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއް މަދަނީ ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓްކޮށްގެން ދުނިޔޭގެ ފަގީރު އަދި މެދުފަންތީގެ ގައުމުތަކުގެ އިފްރާސްޓްރަކްޗަރ ކުރިއަރުވައި އެގައުމުތައް އުމްރާނީގޮތުން ތަރައްގީކޮށްދޭއިރު އެމެރިކާއަށް ލިބޭ ފައިސާގެ ބޮޑުބައެއް ޚަރަދުކުރަމުން ގެންދަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި ނަމުގައި ގައުމުތަކުގައި ހަނގުރާމަކޮށް ހަނގުރާމަވެރި ޖަމާއަތްތަކަށް ސިއްރިޔާތުގައި ހަތިޔާރުފޯރުކޮށްދިނުމަށެވެ.

ޒަމާނުއްސުރެ އެމެރިކާ ގެންގުޅެމުންދާ މިސިޔާސަތުގެ ސަބަބުން އެމެރިކާގެ އަސްކަރީ ޚަރަދުތައް ބޮޑުވެ އެމެރިކާގެ އެތެރޭގެ ކުރިއެރުމާއި ތަރައްގީއަށް ޚަރަދުކުރާނެ ފައިސާ ނެތުމުގެ މައްސަލަ އިންތިހާއަށް އެމެރިކާއަށް ކުރިމަތިވެފައިވެއެވެ. ޓްރަމްޕް ވިދާޅުވެފައިވާގޮތުން ފާއިތުވި ފަނަރަ ވަރަކަށް އަހަރު އެމެރިކާވަނީ އަފްޣާނިސްތާން، އިރާގު، ސޫރިޔާގެ ހަނގުރާމަތަކަށް 7 ޓްރިލިޔަން ޑޮލަރު ޚަރަދުކޮށްފައެވެ. ނަމަވެސް މިއިން ގައުމަކަށް އެމެރިކާގެ ވެރިއަކު ވަޑައިގަންނަވާނަމަ އަދިވެސް ވަޑައިގަންނަވަން ޖެހެނީ ފިއްލަވައިގެންނެވެ. ސިއްރިޔާތުގައެވެ.

މި 7 ޓްރިލިޔަން ޑޮލަރު އެމެރިކާގައި އިންވެސްޓް ކުރިނަމަ މިހާރަށްވުރެ ދެގުނަ ބާރުގަދަ އެމެރިކާއަށް މިހާރު އޮތީސްކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އެމެރިކާގެ ގިނަ ސިޓީތަކުގެ އިންފްރާސްޓްރަކްޗަރ ވަނީ 1960 ގެ އަހަރުތަކުގެ ފެންވަރުގައި ކަމަށާ މިއީ އެމެރިކާގެ ރައްޔިތުންނަށް ހައްގު މިންވަރު ނޫންކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. އަދި ހަނގުރާމައަށް ޚަރަދު ނުކުރާނަމަ އެމެރިކާގެ ރައްޔިތުންނަކީ މިހާރު ތިބި ވަރަށްވުރެެ މާ މުއްސަނދި އަދި މާ ފޯރާ ބައަކަށް ވީސް ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވީ އެމެރިކާގެ މި އިންޕީރިއަލިސްޓް ސިޔާސަތު ބަދަލުކޮށް ހަނގުރާމައާއި ތަޅާފޮޅުމަށް ކުރާ ޚަރަދުތައް ކުޑަކޮށް އޭގެ ބަދަލުގައި އެފައިސާ އެމެރިކާގެ އެތެރޭގެ ތަރައްގީއަށާއި ވަޒީފާގެ ފުރްސަތުތައް އިތުރުކޮށް އެމެރިކާ އާންމު ރައްޔިތުން މުއްސަނދި ކުރުމަށް ޚަރަދުކުރާނެ ކަމުގެ ބޮޑެތި ވައުދުތަކާއެކުގައެވެ. ނަމަވެސް ޓްރަމްޕަށްވަނީ އެމެރިކާގެ ޑީޕް ސްޓޭޓްގެ މުއައްސަސާތަކުގެ ބާރުގަދަކަމުން މިކަން ކުރެވޭނެ ނުވެފައެވެ.

އެމެރިކާ ސިފައިން ސޫރިޔާއިން ފައިބަން ޓްރަމްޕް ނިންމެވީވެސް ސޫރިޔާގެ ހަނގުރާމައަށް 70 ބިލިޔަން ޑޮލަރު ޚަރަދުކުރިއިރުވެސް އެމެރިކާގެ މަގްސަދު ޙާސިލްނުވެ އެމެރިކާގެ މަދަދު ލިބުނު ސޫރިޔާގެ ޖަމާއަތްތަކުގެ މައްޗަށް ރަޝިޔާއާއި އީރާނުގެ އެހީތެރިކަމާއެކު ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން ނަސްރު ހޯދުމާއެކު ސޫރިޔާގައި އެމެރިކާގެ ސިޔާސަތު ފޭލް ވުމުގެ ސަބަބުންނެވެ. ނަމަވެސް އެމެރިކާގެ ޑީޕް ސްޓޭޓާ ގުޅިފައިވާ ފަރާތްތަކާއި އިސްރާއީލުގެ މަސްލަހަތު ދިފާއު ކުރާ ފަރާތްތަކުން ގެންދަނީ ޓްރަމްޕްގެ މިނިންމުމަށް ދެކޮޅުހަދައި އެކަން ތަންފީޒުކުރުން ލަސްކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ދިފާއީ ވަޒީރުކަމުން ޖޭމްސް މަޓިސް އިސްތިއިފާ ދެއްވި ސަބަބުތަކުގެ ތެރޭގައިވެސް މިކަން ހިމެނެއެވެ.

އެމެރިކާގެ އަސްކަރީ ޚަރަދުތައް ކުޑަކޮށް ޗައިނާއާ ކުރިމަތިލުމަށްޓަކައި މިހާރަށްވުރެ ބޮޑަށް އިގްތިސާދީ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން އެމެރިކާގެ މުޖްތަމައު ތައްޔާރު ކުރުމަށްޓަކައި ޓްރަމްޕް ބޭނުންވަނީ އަފްޣާނިސްތާނުންވެސް އެމެރިކާގެ ސިފައިން ބޭލުމަށެވެ. މިކަމަށް ޓްރަމްޕް ވަނީ އިޝާރާތްވެސް ކުރައްވާފައެވެ. ނަމަވެސް އެމެރިކާގެ ޑީޕް ސްޓޭޓްގެ ބާރުގަދަކަމުން މިފަދަ ނިންމުމެއް ނިންމަން ޓްރަމްޕަށް އަދި ކެރިވަޑައިގެންފައެއް ނުވެއެވެ. އަދި ހަތިޔާގެ ވިއްކައިގެން އާމްދަނީގެ ބޮޑުބައެއް ހޯދާ އެމެރިކާއަށް ހަނގުރާމައާ ދުރަށްދިޔުމަކީ ފަސޭހައިން ކުރެވޭނެ ކަމަކަށްވެސް ނުވާނެއެވެ.

އެމެރިކާގެ ޑީޕް ސްޓޭޓްގައި ހިމެނެނީ އެމެރިކާގެ ބާރުގަދަ ޖެނެރަލުންނާއި ކޮންގްރެސް އާއި ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކާއި ހަތިޔާރު އުފައްދާ ކުންފުނިތަކާއި ހަތިޔާރުގެ ވިޔަފާރިކުރާ ބޮޑެތި މަހުޖަނުންނާއި އެމެރިކާހެ މީޑިޔާގެ ވަސީލަތްތަކާ އަދި އެމެރިކާގެ ޖާސޫސީ އިދާރާތަކެވެ. އެމެރިކާގެ ވެރިކަމުގެ ނިޒާމުގެ ހަގީގީ ބާރުވެރިކަން އޮންނަނީ މިފަރާތްތަކުގެ އަތްމަތީގައެވެ.

ނަމަވެސް އިގްތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ޗައިނާ އާދަޔާ ޚިލާފަށް ކުރިއަރައި އެފްރިކާގެ ގައުމުތަކާއި ކުރިއަރަމުން އަންނަ އެހެން ގައުމުތަކުގައި ޗައިނާ ބޮޑެތި އިންވެސްޓްމެންޓްތައްކުރަމުން ގެންދިޔުމާއެކު އެގައުމުތަކުގައި ޗައިނާގެ ބާރާއި ނުފޫޒު ގަދަވަމުން ދިޔުމަކީ އެމެރިކާގެ ޑީޕް ސްޓޭޓްވެސް ކަންބޮޑުވަމުންދާ ކަމެކެވެ. ހަތިޔާގެ ވިއްކައިގެން އާމްދަނީގެ ބޮޑުބައެއް ހޯދާ އެމެރިކާއަށް ހަނގުރާމައާ ދުރަށްދެވޭކަށް އަދި ހަންފެތުރުމުގެ ސިޔާސަތު ދޫކޮށްލެވޭކަށް އަދިނެތެވެ. އެއީ އެމެރިކާގެ މުއްސަނދިންނާއި ކުންފުނިތަކުގެ މަސްލަހަތާ ފުށުއަރާ ކަމަކަށްވާތީއެވެ. އެމެރިކާގެ ހަންފެތުމުގެ އުސޫލުތަކާ ފުށުއަރާކަމަކަށްވާތީއެވެ.

ޒަމާނުއްސުރެ އެމެރިކާ ގެންގުޅޭ ދުނިޔޭގައި ހަންފެތުރުމާއި އަސްކަރީގޮތުން ދުނިޔެއަށްވެރިވެގަތުމުގެ ސިޔާސަތުތައް ކުއްލި ގޮތަކަށް އެނޫންގޮތަކަށް އަނބުރާލުމަކީ އެމެރިކާގެ ޑީޕް ސްޓޭޓްގެ މުއައްސަސާތަކަށް އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. މެދުއިރުމަތީގައާއި އަފްޣާނިސްތާނުގައި އެމެރިކާ ހިންގަމުން ގެންދާ ހުރިހާ ހަރަކާތްތައްވެސް ކުރިޔަށްގެންދަނީ ޗައިނާގެ ސިޔާސަތަށް ވަރަށްބޮޑަށް ކޮންސެންޓްރޭޓް ކޮށްގެންނެވެ.

އުތުރުކޮރެޔާއާ ގާތްވާން އެމެރިކާ މަސައްކަތް ކުރަނީވެސް ޗައިނާއާ ކުރިމަތިލުމުގައި އުތުރުކޮރެޔާގެ ބޭނުންހިފުމުގެ ނިޔަތުގައެވެ. ޖަޕާނާއި ދެކުނު ކޮރެޔާގައި އެމެރިކާ އަސްކަރީ ވުޖޫދު ބާއްވައި އަސްކަރީ ބޭސްތައް ގާއިމްކޮށްފައިވަނީ ޗައިނާއާއި ރަޝިޔާއަށް އަމާޒުކޮށްގެންނެވެ.

އެހެންކަމުން ޗައިނާގެ އިތުރުން ޗައިނާއާއި ރަޝިޔާގެ ގުޅުންތަކަކީވެސް އަދި ރަޝިޔާއަކީވެސް އެމެރިކާ ވަރަށް ސީރިޔަސްކޮށް ބަލަމުން ގެންދާ ކަންކަމެވެ. ޗައިނާއާއި ރަޝިޔާ މިހާރުވަނީ ބައިނަލްއަގްވާމީ މަހްފަލްތަކުގައި ފާޅުގައި އެމެރިކާއަށް ގޮންޖަހަން ފަށާފައެވެ. މިއީ މީގެ ހައެއްކަ އަހަރު ކުރިން މިދެގައުމަށް ކުރަންކެރުނު ކަންކަމެއް ނޫނެވެ.

comment ކޮމެންޓް