ގޮތް ނޭނގޭ ބައްޔެއްގެ ޝިކާރައަކަށްވެ ދިރިއުޅުމަށް ހުރަސްތަކެއް، އެހީއެއް ދެއްވާ!

އައިޝަތު ކައިލީން ސާއިގަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލައްވާ--

"ބޭބީ އުފަންވީއްސުރެ ބޭބީ އުޅެނީ ބަލިވެ. ހުންއައިސް ހޮޑުލާ ކަންތައްތައްވޭ. އޭރު ވެސް ހީކުރީ އާދައިގެ ކަމެއްކަމަށް. އެކަމަކު ފަހުން ފަހުން އައިސް މާގިނައިން ހޮޑުލާ އެޑްމިޓްކޮށް އުޅެންޖެހޭތީ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސްވި،" ޝެލީން ޝާކިރު އޭނާގެ ލޯބުވާ ދަރިފުޅުގެ ވާހަކަ "ސަން ކުލުނު"އާ ހިއްސާކުރިއެވެ.

ޝެލީންގެ ދަރިފުޅު އެއް އަހަރުގެ އައިޝަތު ކައިލީން ސާއިގަށް މިވަނީ ގޮތް ނޭނގޭ ބައްޔެއް ތަހައްމަލުކުރަންޖެހިފައެވެ.

އޭރު އަބަދުހެން ދަރިފުޅު ގޮވައިގެން ހޮސްޕިޓަލްގައި އުޅެންޖެހޭ ކަމަށާއި އެކިއެކި ޑަކްޓަރުންނަށް ދައްކައިގެންވެސް ދަރިފުޅުގެ އަސްލު ބަލި ހާމަނުވާ ކަމަށް ޝެލީން ބުންޏެވެ.

ދަރިފުޅުގެ އުމުރުން އެންމެ އަށް މަހުގައި ޑަކްޓަރަށް ދައްކައިގެން އެނގުނީ ދަރިފުޅަށް ލޭގެ ބާވަތެއް މަދުކަމަށެވެ. ލޭ ގަނޑުކުރާ މާއްދާއެއް ދަށްވުމުގެ ސަބަބުން ދަރިފުޅަށް ގިނަ އުނދަގޫތަކެއް ތަހައްމަލުކުރަންޖެހޭ ކަމަށް ޝެލީން ބުންޏެވެ.

"އެކަމުގެ ސަބަބުން މަހަކު އެއްފަހަރު ކަހަލަ ގޮތަށްކަށް ބޭބީ އެޑްމިޓް ކުރަންޖެހޭ. އެއްވެސް ކަހަލަ ނިޝާނެއްވެސް ނުފެނޭ ލޭ މަދުވާއިރު. އެހެން ހުރެފައި ކުއްލިއަކަށް މަދުވެދާނެ،"

"ދަރިފުޅު އެވޭނުގައި އުޅޭތަން ފެނުމުން ވަރަށް އަސަރުކުރޭ،"

ޝެލީން ބުނީ ޑަކްޓަރުންނަށް ބަލީގެ އަސްލު ސަބަބު ދެނެގަންނަން ދަތިވުމުގެ ސަބަބުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ދިޔުމަށް ކަމަށެވެ.

"މިކޮޅުގެ ޑަކްޓަރުން އެބަ ބުނޭ އިތުރު ފަރުވާއެއް ދެވެން ނެތް ވާހަކަ. ޑަކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރަށް ގޮސް ބޯންމެރޯ ޓެސްޓެއް ހަދަން،"

މި މަހު 12ގައި އިންޑިއާގެ ކޮޗިން އަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށާއި ދަރިފުޅުގެ ބޭސްފަރުވާއަށް އާސަންދަ ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގައި ހޭދަވާނެ ދުވަސްތަކަކީ ގިނަ ހަރަދުތަކެއް ހިނގާނެ ދުވަސްތަކެކެވެ. ބޭސްފަރުވާއަށް އާސަންދަ ހަމަޖެހުނު ނަމަވެސް އިތުރު ފަރުވާކުރުމަށް ޚަރަދު ހިނގައެވެ.

ޝެލީން އެދެނީ އޭނާގެ ލޯބިވާ ދަރިފުޅަށް ތިބޭފުޅުންގެ ދީލަތި އެހީއެއް ދިނުމަށެވެ. އަދި ހެޔޮ ދުޢާކޮށްދިނުމަށެވެ.

އައިޝަތު ކައިލީން ސާއިގަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 9899868 / 9511161 (ޝެލީން ޝާކިރު/ ކައިލީންގެ މަންމަ)

ބީއެމްއެލް އެކައުންޓް ނަންބަރު: 7730000001172 (ކައިލީންގެ ބައްޕަ ސާއިގާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް