ޗައިނާއިން ފޮނުވި އުޅަނދު ހަނދުގައި ޖައްސައިފި

ޗައިނާއިން އިން ހަނދަށް ފޮނުވި އުޅަނދުން ވަނީ ހަނދުގެ ފޮޓޯތަކެއް ފޮނުވާފައި -- ފޮޓޯ: ޗައިނާ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން

ހަނދުގެ ދުނިޔެއަށް ނުފެންނަ ފަޅިއަށް ޗައިނާއިން ފޮނުވި އުޅަނދު މިއަދު ހަނދުގައި ޖައްސައިފި އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އިންސާނަކާ ނުލައި ދިޔަ، "ޗަންގްއާ 4" ހަނދަށް ޖައްސާފައި ވަނީ އެގައުމުގެ ގަޑިން 10:26ގަ އެވެ. އެއުޅަނދު ލޯންޗު ކުރީ ޝީޗަންގް ސެޓެލައިޓް ލޯންޗް ސެންޓަރުން މިދިޔަ މަހުގެ ހަތެއްގަ އެވެ.

ފަހުގެ ތާރީހުގައި އެކި ގައުމުތަކުން ވަނީ ހަނދަށް އުޅަނދުތައް ފޮނުވާފަ އެވެ. ނަމަވެސް ގިނަ އުޅަނދުތައް ޖައްސާފައި ވަނީ ދުނިޔެއަށް ފެންނަން އޮންނަ ފަރާތަށެވެ.

އެހެންކަމުން އެމިޝަނަކީ އިންސާނުން އަދި ދިރާސާކޮށްފައި ނުވާ ހަނދުގެ ސަރައްހަދަށް އުޅަނދެއް ފޮނުވި ފުރަތަމަ ފަހަރެވެ. އެމިޝަންގައި ހަނދުގެ ޖިއޮލޮޖީ ދިރާސާކޮށް ބައޮލޮޖިކަލް އެކްސްޕެރިމެންޓުތައް ހަދަން ރާވާފައިވެ އެވެ.

އެއީ ޖައްވީ ދިރާސާތަކުގައި ޗައިނާއިން ވެސް އެމެރިކާ އާއި ރަޝިއާއާ އެއް ވަރު ކުރުމަށް އެޅި މުހިއްމު ފިޔަވަޅެކެވެ.

comment ކޮމެންޓް