އިންޑިޔާއިން އަފްޣާނިސްތާނުގައި ލައިބްރަރީއެއް ގާއިމް ކުރުމުން ޓްރަމްޕް ޖޯކު ޖައްސަވައިފި

ވައިޓް ހައުސް (3 ޖަނަވަރީ 2019): އިންޑިޔާއިން އަފްޣާނިސްތާނުގައި އާންމު ލައިބްރަރީއެއް ގާއިމް ކުރުމަށް އެހީ ދިނުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަށް މަލާމާތް ކުރައްވައި ޖޯކު ޖައްސަވައިފިއެވެ.

އިންޑިޔާއަށް މަލާމާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އަފްޣާން ހަނގުރާމައަށް ބިލިޔަނުން ޚަރަދުކުރާތާ ސޯޅަ ވަރަކަށް އަހަރުވެފައިވާއިރު އިންޑިޔާއަށް ކުރެވުނު ކަމަކީ އާންމު ކުތުބުޚާނާއެއް ކާބުލްގައި ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ކޮޅެއް ދިނުންކަމުގައެވެ. އިންޑިޔާއަކީ އެމެރިކާގެ ބައިވެރިއެއްކަމަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އަފްޣާން ހަނގުރާމައަށް ބިލިޔަނުން ޚަރަދުކުރާތާ ސޯޅަ އަހަރުވީއިރު ސަރަހައްދުގައިތިބި އެމެރިކާގެ ބައިވެރިން އެމެރިކާއަށް އެހީތެރިވެފައިނުވާ ކަމުގައެވެ.

އިންޑިޔާއިން އަފްޣާނިސްތާނުގައި އާންމު ލައިބްރަރީއެއް ގާއިމް ކުރުމުން އެކަމަށް މަލާމާތް ކުރައްވަމުން ޓްރަމްޕް ވަނީ ހަނގުރާމަކޮށް މީހުން މެރުމާއި ބޮންގޮއްވުން ނޫން ކަމެއްނެތް ގައުމެއްގައި އިންޑިޔާއިން ޖެނެރަލް ލައިބްރަރީއެއް ގާއިމް ކުރުމުން އެތަނަށް ދާނެ ބަޔަކު ތިބިތޯ ސުވާލުކުރައްވާފައެވެ.

ޓްރަމްޕް ވިދާޅުވީ އޭޝިޔާގައި އިންޑިޔާއާއި އެމެރިކާގެ މަސްލަހަތު ވަރަށް ބޮޑުކަމަށާ މި މަސްލަހަތުތައް ހިމާޔަތް ކުރުމަށް އިންޑިޔާ ކުރާ ގިނަކަންކަމުގައި ބޮޑުވަޒީރު ނަރަންދުރަ މޯދީއަށް ތާއީދު ކުރައްވާ ކަމުގައެވެ. ނަމަވެސް އިންޑިޔާއިން އަފްޣާނިސްތާނުގައި ޖެނެރަލް ލައިބްރަރީއެއް ގާއިމްކުރި ވާހަކަ މޯދީ ވިދާޅުވެ އެއީ އިންޑިޔާއިން އަފްޣާނިސްތާނަށް ކޮށްދިން މާބޮޑުކަމެއް ކަމަށް ހައްދަވައިގެން ފަޚުރުވެރި ކަމާއެކު މޯދީ ވާހަކަ ދެއްކެވުމުން އެއީ އަފްޣާން ރައްޔިތުންނަށް ބޭނުންވާނެ ތަނެއްތޯއާއި އެތަނަށް ދާނެ ބަޔަކު އަފްޣާނިސްތާނުގައި ތިބިތޯ ސުވާލު އުފެދުނުކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާއިން އަފްޣާނިސްތާނަށް އަރައިގެންފައިވަނީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު އެގާރައިގެ ހަމަލާތަކަށްފަހުއެވެ. އެމެރިކާ އަފްޣާނިސްތާނަށް އަރައި ތާލިބާނުންގެ ވެރިކަން ވައްޓާލި ނަމަވެސް އެނޫންކަމެއް އެމެރިކާއަށް އަފްޣާނިސްތާނުގައި ހާސިލް ކުރެވިފައެއް ނުވެއެވެ. އެމެރިކާ ހޯދަން އުޅުނު އުސާމާ ބިން ލާދިން ޕާކިސްތާނުގައި ފިލައި ހުރިކަންވެސް އެމެރިކާއަށް އެނގުނީ އަފްޣާނިސްތާނުގައި ދެލައްކައަށްވުރެ ގިނަ ސިފައިން ބައިތިއްބައިގެން އެގައުމުގެ ހަނގުރާމައަށް އެތަށް ސަތޭކަ ބިލިޔަން ޑޮލަރުން ޚަރަދު ކުރަމުންގެންދާތާ ދިހަވަރަކަށް އަހަރުފަހުން 2011 ވަނަ އަހަރުގައެވެ.

އަފްޣާނިސްތާނުގައި ތާލިބާން ޖަމާއަތް އަސްކަރީގޮތުން ބަލިކުރަން އެމެރިކާ ނުކުޅެދުމުން އެމެރިކާ ވަނީ 2014 ވަނަ އަހަރު އެމެރިކާގެ ހަނގުރާމަ މަތީ ލަޝްކަރުތައް އަފްޣާނިސްތާނުން ބާލާފައެވެ. މިހާރު އަފްޣާނިސްތާނުގައި ތިބެނީ އެމެރިކާގެ ހަތް ހާހެއްހާ ސިފައިންނެވެ. އެއީ އެމެރިކާގެ މަދަދު ލިބޭ އަފްޣާން ސަރުކާރު ވެއްޓިގެން ދިޔުމުން ސަލާމަތް ކުރުމަށާއި އަފްޣާން ސިފައިންނަށް ތަމްރީން ދިނުމަށް ބައިތިއްބާފައިވާ ބައެކެވެ. އަފްޣާނިސްތާނުގެ ބިމުގެ 45 އިންސައްތަ މިހާރުވެސް ކޮންޓްރޯލް ކުރަނީ ތާލިބާނުންނެނެވެ.

ތާލިބާނުން ބަލިކުރުމުގައި ނާކާމިޔާބުވުމުން އެމެރިކާވަނީ ތާލިބާނުންނާ ސުލްހަ ވުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް ހަނގުރާމައެކޭ އެއްގޮތަށް ސުލްހައިގެ ކަންތައްތަކުގައިވެސް އެމެރިކާއަށް ކުރިމަތިމަތިވަމުންދަނީ ހުސް ނާކާމިޔާބީއެވެ. ތާލިބާނުންވަނީ އެމެރިކާ ބޭނުންވާގޮތަށް ސުލްޙަ ވުމަށް ދެކޮޅު ހަދާފައެވެ. އެމެރިކާ މިއަދު އަފްޣާނިސްތާނުން ފޭބިނަމަވެސް ދެތިން މަސްތެރޭގައި ތާލިބާނުން އެގައުމުގެ ވެރިކަމަށް އަތްގަދަ ކުރާނެކަމަށް އެމެރިކާ ދެކެއެވެ.

ފާއިތުވި ސޯޅަ ވަރަކަށް އަހަރު ތެރޭގައި އިންޑިޔާއިން އަފްޣާނިސްތާނަށް ދިން އެހީތަކުގެ ތެރޭގައި ޖެނެރަލް ލައިބްރަރީއެއް ގާއިމްކުރުމަށް ބޭނުންވާ ފައިސާ ދިނުމުގެ އިތުރުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުރި ސްކޫލެއް މަރާމާތުކޮށް ދިނުން ހިމެނެއެވެ. މީގެއިތުރުން ޑޮކްޓަރީގޮތުން ބައެއް އެހީތައްވެދިނުމާއި އަފްޣާން ކިޔާވާކުދިންނަށް ސްކޯލަރޝިޕްތައް ދިނުންފަދަ އެހީތައް އިންޑިޔާއިން އަފްޣާނިސްތާނަށް ދީފައިވެއެވެ. އަދި އަފްޣާން މަދަނީ ޖަމްއިއްޔާތަކުން ހިންގާ އިންސާނީ އެހީގެ ބައެއް ޕްރޮގްރާމްތަކަށް އިންޑިޔާގެ ޖަމްއިއްޔާ ޖަމާއަތްތަކުން އެހީތައް ފޯރުކޮށްދީފައިވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް