މިނިސްޓަރު އަލީ ވަހީދު ރޯވި ރިސޯޓަށް ވަޑައިގެން ހާލަތު ބައްލަވާލައްވައިފި

ޓުއަރިޒަމް މިނިސްޓަރު އަލީވަހީދު ރީވި ގިލި ލަންކަން ރިސޯޓުގެ ހާލަތު ބެއްލެވުމަށް އެ ރިސޯޓިގައި -- ފޮޓޯ/ޓުއަރިޒަމް މިނިސްޓްރީ

މިރޭ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި ގިލި ލަންކަންފުށި ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގެ ހާލަތު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައްލަވާލައްވައިފިއެވެ.

އެމްއެެންޑީއެފްއަށް ރިސޯޓްގެ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް މައުލޫމާތު ލިބުނީ މިރޭ 11:32 ހާއިރުއެވެ. އެމްޑީއެފް އިން ބުނި ގޮތުގައި މި ހާދިސާގައި ރިސޯޓްގެ މޫދުކޮޓަރިތަކާއި ޖެޓީ އެކެއް ސަރަހައްދުގައި އަލިފާން ހިފިއެވެ.

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މިރޭ 12:30 ހާއިރު އެ ރިސޯޓަށް ވަޑައިގެން އެ ރިސޯޓްގެ ހާލަތު ބައްލަވައި، އެ ރިސޯޓް އިސްވެރިންގެ އިތުރުން ޓުއަރިސްޓުންނާ ވެސް ބައްދަލު ކުރައްވައިފައެވެ.

މިނިސްޓަރުގެ މި ދަތުރު ފުޅާ ގުޅިގެން އެ މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ހައްސާން "ސަން" އަށް ވިދާޅުވީ، މިނިސްޓަރު އަލީ ވަހީދު ރިސޯޓްގެ އިސްވެރިންނާ ބައްދަލު ކުރައްވައި ސަރުކާރުގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީން ކަން ދެއްވި ކަމަށެވެ.

"[ބައްދަލުވުމުގައި] މިނިސްޓްރީގެ ފަރާތުން ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރައްވާ އަދި މިނިސްޓްރީއާއި ސަރުކާރުން ދެވެން އޮތް އެހީތެރިކަން ރިސޯޓަށް ދޭނެ ކަމުގެ ޔަގީންކަން ޖީއެމްއަށް ދެއްވި،" މިނިސްޓަރު އަލީ ވަހީދާ ހަވަލާދެއްވައި ހައްސާން ވިދާޅުވިއެވެ.

އެނާ ވިދާޅުވީ އެއްވެސް ފަތުރުވެރިއަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް މިހާތަނަށް ރިޕޯޓެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް ފަތުރުވެރިން ކައިރި ރިސޯޓްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

އަދި އެ ބަދަލު ކުރުމުގައި މިނިސްޓްރީން ވެސް އެހީތެރިކަން ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ރިސޯޓްގެ ބަދިގެން ރޯވި އަލިފާން ގަނޑު ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެކޮށް އަލިފާން ގަނޑު ނިއްވާލެފައި ނުވާ ކަމަށެވެ.

comment ކޮމެންޓް