އިސްރާއީލާއި އެމެރިކާ ޔުނެސްކޯއިން ވަކިވެއްޖެ

އިސްރާއީލާއި އެމެރިކާއިން ވަނީ ޔުނެސްކޯއިން ވަކިވެފަ -- ފޮޓޯ: އޭޕީ

އދ. (ޖެނުއަރީ 2): އިސްރާއީލާއި އެމެރިކާއިން އދ.ގެ ތައުލީމާއި ސައިންސާއި ސަގަފަތާ ބެހޭ ޖަމްއިއްޔާ (ޔުނެސްކޯ)އިން ވަކިވެއްޖެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާއިން ޔުނެސްކޯއާ ވަކިވާން ހުށަހެޅީ އިސްރާއީލާ މެދު ތަފާތު ކުރުންތައް ގެންގުޅޭތީ ކަމަށް ބުނެއެވެ. އަދި އޭގެ ފަހުން އިސްރާއީލުން ވެސް ވަނީ ޔުނެސްކޯއިން ވަކިވާން ހުށަހަޅާފައެވެ.

ދެހާސްއެގާރަ ވަނަ އަހަރު ޔުނެސްކޯއިން ވަނީ ފަލަސްތީނަށް އެޖަމްއިއްޔާގެ ފުރިހަމަ މެމްބަރުކަންދީ، އިސްރާއީލުން އިރުމަތީ ގުދުސަށް ވެރިވުން ކުށްވެރިކޮށްފައެވެ.

ޔުނެސްކޯގެ އެނިންމުމާ ގުޅިގެން އިސްރާއީލާއި އެމެރިކާއިން ވަނީ އެޖަމްއިއްޔާއަށް ދޭ އެހީ ކަނޑާލާފައެވެ.

ޔުނެސްކޯގެ ފައުންޑިން މެމްބަރެއް ކަމަށްވާ އެމެރިކާއިން ވަނީ މީގެ ކުރިންވެސް އެޖަމްއިއްޔާއާ ވަކިވެފައެވެ. އެގޮތުން 1984 ވަނަ އަހަރު ރޮނަލްޑް ރޭގަންގެ ސަރުކާރުން ޔުނެސްކޯއާ ވަކިވާން ނިންމީ އެއީ ކޮރަޕްޓު ޖަމްއިއްޔާއެއް ކަމަށް ބުނެއެވެ. އޭގެ ފަހުން އެގައުމުން ޔުނެސްކޯއާ ގުޅުނީ 2003 ވަނަ އަހަރެވެ.

comment ކޮމެންޓް