ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ދީޕިކާ: ރަންވީރު

ބޮލީވުޑްގެ ދެތަރިން ކަމަށްވާ ރަންވީރާއި ދީޕިކާ. ރަންވީރު ބުނަނީ އޭނާގެ އެންމެ ބޮޑު ކާމިޔާބަކީ ދީޕިކާއާ ކައިވެނިކުރުން ކަމަށް--

ނިމިގެން ދިޔަ އަހަރަކީ ހަމަގައިމުވެސް ބޮލީވުޑް އެކްޓަރު ރަންވީރު ސިންގަށް ކާމިޔާބު އަހަރެކެވެ. ޕްރޮފެޝަނަލް ދިރިއުޅުމުގެ އިތުރުން އަމިއްލަ ދިރިއުޅުމުގައި ވެސް މެއެވެ.

ޖެނުއަރީ މަހު ރިލީޒްކުރި ފިލްމު 'ޕަދްމާވަތު' ވެގެން ދިޔައީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަށެވެ. އަދި އެ ފިލްމުގައި އަދާކުރި ރޯލަށް އެންމެންގެ ތައުރީފު ލިބި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ވަނީ ލިބިފައެވެ. އަދި މިހާރު ދައްކަމުން އަންނަ ފިލްމު 'ސިމްބާ' އަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

އަދި އަންނަ އަހަރުގެ ބާލިން ފިލްމު ފެސްޓިވަލުގައި އޭނާގެ ކުރިއަށް އޮތް ފިލްމު 'ގަލީ ބޯއީ' ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް ރަންވީރު ގަބޫލު ކުރާ ގޮތުގައި 2018 ވަނަ އަހަރު އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ އެވޯޑުތަކެއް ނޫނެވެ. އެއީ ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯން އާއި ކައިވެނިކުރުމެވެ. ރަންވީރު ބުނީ ދީޕިކާ އަކީ އޭނާގެ މުޅި ހަޔާތުގައި ވެސް ހާސިލު ކުރެވުނު އެންމެ ބޮޑު ކާމިޔާބީއެވެ.

"2018 އަކީ ވަރަށް އުފާވެރި އަހަރެއް. އެކަމަކު ލިބުނު އެންމެ ބޮޑު އުފަލަކީ ކައިވެނި ކުރެވުން. ހަގީގީ ކާމިޔާބެއް ހާސިލު ކުރެވުނު ކަމުގެ އިހުސާސް މިކުރެވުނީ ފުރަތަމަ ފަހަރަށް"، ރަންވީރު ބުންޏެވެ.

ރަންވީރު ބުނީ ދީޕިކާގެ ސަބަބުން އޭނާއަށް 'ސުޕަ ޕަވާ' އެއް ލިބިފައިވާ ކަހަލަ އިހުސާސެއް ކުރެވޭ ކަމަށެވެ. އަދި މިހާރު ދެމީހުންގެ ގުޅުން މިހާރު ވަރަށް ބޮޑަށް ބަދަހި ކަމަށެވެ.

ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރަންވީރު އަދި ދީޕިކާ ކައިވެނި ކުރީ މިދިޔަ ނޮވެމްބަރު މަހުއެވެ.

comment ކޮމެންޓް