އެޕްރީލު މަހަކީ ދުސްތޫރީ ނިޒާމު އަލުން ބައްޓަން ކުރުމުގައި ގޮތް ނިންމާނެ ދުވަހެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ކުރީގެ ރައީސް ނަޝީދުއާ ސަލާމް ކުރައްވަނީ -- ފައިލް ފޮޓޯ/ ރައީސް އޮފީސް

އަންނަ އެޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމު އަލުން ބައްޓަންކުރުމުގައި ރައްޔިތުން ގޮތް ނިންމަވާނެ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ މުނާސަބަތުގައި ރައީސް ސޯލިހު މިއަދު ނެރުއްވި ހިތޯބެއްގައި ވިދާޅުވީ "އެދުވަހުގެ އިންތިޚާބަށް ނުކުންނަ އިރު، ގައުމު މިއަދު އޮތް ޙާލަތާއި ގައުމު ކުރިއަށް ގެންދަންވީ މިޞްރާބު ރަނގަޅަށް އެނގި ތިބެ، ގައުމުގެ މަޞްލަޙަތު އިސްކުރައްވާނެ ކަމާ މެދު ޝައްކު ނުކުރައްވާ" ކަމަށެވެ.

ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުން އާ އަހަރަކާ ކުރިމަތިލާ އިރު، ގާނޫނު އަސާސީ އިން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްގުތައް، ނަގަހައްޓައި ދަމަހައްޓަން ދިވެހީން ބޭނުންވެފައި ތިބި މިންވަރު، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނި ސާބިތުވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ "ރައްޔިތުންގެ އެ އުންމީދުތައް ޙަގީގަތަކަށް ހަދައިދިނުމަށް ޓަކައި، ސިޔާސީ ލީޑަރުން އެއްބައިވެ އެކަތިގަނޑަކަށް ވެވަޑައިގެން ތިއްބެވިކަމީ، ދިވެހި ރައްޔިތުންނަށް، މާތް ﷲ މިންވަރުކުރެއްވި ހެޔޮ ނަސީބެއްކަން ޔަޤީން"ވި ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ބާރުގެ ތެރެއިން، ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ގާއިމުކޮށްފައި ވަނީ، ވަރަށް މަތިވެރި އަދި އެހާމެ ފޮނި އުންމީދުތަކަކާ އެކުގަ އެވެ. އެއީ، ޢަދުލުވެރިކަމާއި އިންޞާފާއި ހަމަހަމަކަމާ އެކު، ރައްޔިތުންގެ މެދުގައި މުޢާމަލާތު ކުރާނެ ކަމުގެ އުންމީދެވެ. އެއީ، ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިން ދިވެހި ދައުލަތް ސާފުކޮށްދޭނެ ކަމުގެ އުންމީދެވެ. އަސާސީ ޙައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުންމީދެވެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރެކޭ އެއްފަދައިން، 2019 ވަނަ އަހަރަކީ ވެސް، ހުރިހާ ގޮތަކުން ބާއްޖަވެރި އަދި އުފާފާގަތި އަހަރެއް ކަމުގައި ލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

comment ކޮމެންޓް