ސުއޫދުގެ ވާހަކަތަކަކީ މިނިވަން ޖުޑިޝަރީ އަޅުވެތިކުރުމަށް ދެއްކި ވާހަކަތަކެއް: ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓް ގެ އިސް ގާޒީ އަހްމަދު ހައިލަމް، އެ ކޯޓުގެ ބައެއް ގާޒީންނާއެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ކުރިމިނަލް ކޯޓާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ، މިނިވަން ޖުޑިޝަރީ އަޅުވެތި ކުރުމަށް ދައްކާފައިވާ ބިރުހުރި ނުރައްކާތެރި ވާހަކަތަކެއް ކަމަށް ކުރިމިނަލް ކޯޓުން ބުނެފިއެވެ.

މަރުތަކާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލާ މައްސަލަތައް ހާމަ ކުރެއްވުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެެ.

ސުއޫދުގެ އެވާހަކައްތައް ކުއްވެރިކޮށް މިއަދު ކުރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެއީ ނުރައްކާތެރި ބޮޑު ޖިނާއީ ތުހުމަތުތަކެއް ކަމަށާއި އެ ކޮމިޝަނަށް ލިބިފައިވާ ރަސްމީ ހައްސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކޯޓުގެ ހުރުމަތް ކެޑޭނެހެން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

އަދި އެ ވާހަކަ ތަކަކީ ނާޖާއިޒް މަންފާތައްކެއް ހޯދައި، ގައުމު ހަލަބޮލިކޮށް، މިނިވަން ޖުޑިޝަރީ އަޅުވެތިކުރުމަށް ދެއްކި ވާހަކަތަކެއް ކަމަށް އެކޯޓުން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"ނާޖާއިޒް މަންފާތައްކެއް ހޯދައި، ގައުމު ހަލަބޮލިކޮށް، މިނިވަން ޖުޑިޝަރީ އަޅުވެތިކުރުމަށް ދައްކާފައިވާ ބިރުހުރި ނުރައްކާތެރި ވާހަކަތަކެއް ކަމަށާއި، އަދި މިވާހަކަ ތަކަކީ ރާއްޖޭގެ އަދުލުގެ ނިޒާމާމެދު އާންމުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، ޝަރުއީ ނިޒާމުގެ ހުރުމަތް ގެއްލުވާލައި، ކޯޓުގެ ބާރު ކަނޑުވާޅުމުގެ ބޭނުމުގައި ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ވެސް މި ކޯޓުން ދެކެމެވެ،" ކްރިމިނަލް ކޯޓާ ބެހޭގޮތުން އިއްޔެ ސުއޫދު ދެއްކި ވާހަކަތައް ކުއްވެރިކޮށް އެކޯޓުން ނެރުނު ބަޔާންގައި ބުނެފައިވެއެވެ.

"މި ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވަރެއް ދެއްކުމުގެ ގޮތުން ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތައް މި ކޯޓުން ކުއްވެރިކުރަން،"

https://sun.mv/113451

އެ ބަޔާނުގައި ބުނެފައިވަނީ، ފަނޑިޔާރުންނާ މެދު ފިޔަވަޅުއެޅޭނެ ގާނޫނީ ނިޒާމު ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށާއި އެ ނިޒާމުގެ ތެރެއިން ފިޔަވަޅުއެޅުމަށް މަސައްކަތް ކުރުމަކާ ނުލައި، އެފަދަ ސާބިތު ނުހިފޭ ދޮގު އަދި ފިތުނަވެރި ވާހަކަތައް ފަތުރައި، ޖިނާއީ އަދުލުގެ ނިޒާމުގެ އިތުބާރު ގެއްލުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިގެން އިންސާފު ނުލިބޭނެ ކަމަށް ހުސްނުއްސުއޫދު ބުނެފައިވާއިރު، މި ކޯޓުގެ ފަނޑިޔާރުންނަށް ހުސްނުއްސުއޫދު ކުރާ ތުހުމަތުތާ ގުޅޭގޮތުން އަމިއްލައަށް ގޮތެއް ނިންމައިގެން ހުސްނުއްސުއުދު ވާހަކަ ދެކި ކަމީ، ހުސްނުއްނިއްޔާއެއް ނެތި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދެއްކި ވާހަކަތަކެއް ކަމުގައި މި ކޯޓުން ދެކެން،" ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެއެވެ.

އަދި ކޯޓާއި ފަނޑިޔާތުންގެ ހުރުމަތް ކެނޑޭނެހެން ކުރާ އެފަދަ ކަންކަން އެ ކޯޓުން ބަލަމުންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސުއޫދުގެ ވާހަކަތައް ކުއްވެރިކޮށް ކްރިމިނަލް ކޯޓުން ބަޔާނެއް ނެރެފައިވާ އިރު، މިއަދު ސުޕްރީމް ކޯޓުން ވަނީ އެ ވާހަކަތާކާމެދު ކަންބޮޑުވުން ފާޅުކޮށް، ބަޔާނެއް ނެރަފައެވެ.

މަރުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަދި ކޮމިޝަނުން ތުހުމަތުކުރާ ކަންކަމާއި ގުޅުންހުރި ހެކިތައްކުގެ މައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާ ކުރެއްވުމަށް އެދި އެކޯޓުން ވަނީ ކޮމިޝަންގައި އެދިފައެވެ.

https://www.sun.mv/113489

ސުއޫދު އިއްޔެ ވިދާޅުވެފައިވަނީ، ގޭންގު ތަކުން ނޮމިނޭޓު ކުރާ ފަނޑިޔާރުން ކޯޓަށް އައްޔަން ކޮށްފައި ހުންނަ ކަމާއި، ވަކި ވަކި ގޭންގުތަކަށް ފަނޑިޔާރުންގެ ކޯޓާއެއް ކަނޑައަޅާފައި ހުންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

އަދި ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވައިފައިވާ ސުއޫދު ވަނީ ތުހުމަތު ކުރައްވާފައެވެ.

comment ކޮމެންޓް