ސްޓޫޑަންޓް ލޯން ދައްކާ މުއްދަތު އިތުރުކޮށް އިންޓަރެސްޓް ތިން ޕަސެންޓަށް ކުޑަކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ގޮތުން މިހާރު ވެސް ދަރިވަރުންނަށް ދެމުންގެންދާ ސްޓޫޑަންޓް ލޯން ދައްކާ މުއްދަތު އިތުރުކޮށް އިންޓަރެސްޓް ތިން ޕަސެންޓަށް ކުޑަކޮށްފި އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން މިއަދު މެންދުރު އެ މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްްއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ ސްޓޫޑަންޓް ލޯން ދައްކާ ފަރާތްތަކަށް އެކަން ބޮޑު ތަކުލީފަކަށް ވެގެން ދިއުން ނޫން ކަމަށެވެ. އާސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ސްޓޫޑަންޓް ލޯނު ދައްކަން ފަސޭހަވާނެ ގޮތަށް އެ ސްކީމް އަލުން ރީސްޓްރަކްޗާ ކުރުމަށް ވަނީ ހިމަނައިފަ އެވެ.

"ފަސް ޕަސެންޓް ތިން ޕަސެންޓަށް އަޅުގަނޑުމެން މިވަނީ ކުޑަކޮށްފައި. ދެން އަނެއްކާ އާ ސްކީމް ތިން ޕަސެންޓަށް ކުޑަކޮށްފައި ލޯނު ފައިސާ ދައްކާ މުއްދަތު ޖުމްލަ ގޮތެއްގައި 25 ޕަސެންޓްގެ މުއްދަތައް އަޅުގަނޑުމެން ދިގުކޮށްދެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ލޯން ސްކީމް ރީ ސްޓަރަކްޗާ ކުރުމާ ގުޅިގެން ކުރިން ސްޓޫޑަންޓް ލޯން ނަގައިފައިތިބި ދަރިވަރުން ވެސް އާ އުސޫލުގެ ދަށުން އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބޭންކްތަކާ މަޝްވަރާކޮށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އަބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަސް ތެރޭ މަތީ ތައުލީމު ހަރުދަނާ ކުރުމުގެ ގޮތުން ވައުދުވެވަޑައިގެންނެވި އިތުރު ދެ ވައުދެއް ވެސް ފުރިހަމަކޮށްފައިވާ ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

އެގޮތުން ޖީސީއީ އޭލެވަލް އިން އެއް ވަނަ ހޯދާ ދަރިވަރުން އިޚްތިޔާރު ކުރާ ޔުނިވާސިޓިއަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ސްކޮލާޝިޕް ދޭ ފެށުމުގެ އިތުުރުން ހައިއެޗީވާސް ސްކޮލަރޝިޕް ސްކީމު މުރާޖައާކޮށް، އެ ސްކީމަކީ އޯއީސީޑީ ގައުމުތައް ހިމެނޭ ގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމު، ޔުނިވަރސިޓީތަކުން ކިޔެވޭ ސްކީމަކަށް ވަނީ ހަދައިފަ އެވެ.

comment ކޮމެންޓް