މާލޭ ސިޓީ ކައުންސިލަށް ތިމާވެއްޓާ ރައްޓެހި ފުޅި ހަދިޔާކޮށްފި

އެންވަރަމަންޓް މިނިސްޓަރު ހުސައިން ރަޝީދު، މާލޭ ސީޓީ ކައުންސިލް މޭޔާރު ޝީފާ އާދަމްއާ ތިމާވެއްޓާ ރައްޓެހި ފުޅި ހަދިޔާ ކުރަނީ --

ސިންގަލް ޔޫސް ޕްލާސިޓިކް މަދުކުރުމުގެ ގައުމީ ކެމްޕެއިންގެ ދަށުން މާލެ ސިޓީ ކައުންސިލަށް ގިނަ ފަހަރު ބޭނުންކުރެވޭ އަދި ތިމާވެއްޓާއި ރައްޓެހި ފުޅި، އެންވަޔަރަމެންޓް މިނިސްޓްރީން ހަދިޔާކޮށްފި އެވެ.

ސިންގަލް ޔޫސް ޕްލާސިޓިކް މަދުކުރުމުގެ ކެމްޕެއިނަކީ ރައީސުލްޖުމްހޫރިއްޔާގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސަރުކާރުން ނިންމާފައި ވަނީ މީގެ އެއްމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ސިންގަލް ޔޫޒް ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ހުއްޓާލުމަށެވެ.

އިއްޔެ އެންވަޔަރަމަންޓް މިނިސްޓްރީ އިން މާލެ ސިޓީއަށް ހަދިޔާކޮށްފައި ވަނީ ގިނަ ފަހަރު ބޭނުންކުރެވޭ ތިމާވެއްޓާ ރައްޓެހި 100 ފުޅި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ސިންގަލް ޔޫސް ޕްލާސްޓިކަކީ އޭގެ ސަބަބުން ކަނޑުގެ ދިރުމަށް ނުހަނު ގެއްލުން ހުރި އެއްޗެއްކަމަށާއި ރާއްޖޭގައި އުފައްދާ ކުނީގެ ތެރޭގައި ގިނަ ޢަދަދަކަށް މިބާވަތުގެ ކުނި ހުންނަކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި މަދުކުރިކަމުގައި ވިއަސް މިކަމަށް އަދި މުޅިން ހައްލެއް ލިބުނީ ކަމުގައި މިނިސްޓްރީއިން ނުދެކޭ ކަމަށާއި ރާއްޖެއަށް އެތެރެކުރާ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ހުރިހާ ބާވަތެއް ފޭސް އައުޓް ޕްލޭނެއްގެ ދަށުން ހުއްޓުވުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާކަމަށެވެ.

އެގޮތުން މިކަމަށް ވަކި ސްޓްރެޓެޖީއެއް އެކުލަވާލާ އޭގެ ދަށުން ފޭސްއައުޓް ޕްލޭނެކާއި އެކްޝަން ޕްލޭނެއް އެކުލަވާލާ މި އަހަރު ތެރޭ މިކަން ފެށިގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ކެމްޕެއިންގެ ދަށުން މިހާރު ބައެއް މިނިސްޓްރީތަކާއި ސަރުކާރުގެ އޮފީސް ތަކުގައި ތިމާވެއްޓާ ރައްޓެހި ފުޅިތައް ބޭނުންކުރަން މިހާރު ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް