ސިލްކުރޯޑު މަޝްރޫއުތަައް ކުރިއަށް ގެންދާނެ ކަމަށް ރާއްޖެއިން ބުނުން ބަލައިގަންނަން: ޗައިނާ

ފޮރިން މިނިސްޓަރު ޝާހިދު ޗައިނާ ސަފީރާ ބައްދަލު ކުރެއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާގެ ސިލްކް ރޯޑު އެއްބަސްވުމުގައި ހިމެނޭ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމުން އެކަން ބަލައިގަންނަ ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާގެ ޒިންހުއާ ނޫހަށް މިިދިޔަ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާ ސަރުކާރުން، ޗައިނާއާ ރާއްޖެއާ އެކު ހަދާފައިވާ ސިލްކް ރޯޑު އެއްބަސްވުމުގެ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ހުއާ ޗުންޔިން އެކަމާ ގުޅޭ ގޮތުން ވިދާޅުވީ، ޝާހިދުގެ ވާހަކަފުޅުން ދޭހަވަނީ ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ ވިސްނުން ރައީސް ސޯލިހުގެ ސަރުކާރުން ގެންގުޅޭކަން ކަމަށެވެ. އަދި އެކަން ބަލައިގަންނަ ކަމަށް ޗުންޔިން ވިދާޅުވި އެވެ.

ޗުންޔިން އިތުރަށް ވިދާޅުވީ، ސިލްކް ރޯޑް މަޝްރޫތަކުގެ ތެރެއިން ދެ ގައުމަށް ފައިދާވާ ގޮތުގެ މަތީން ތަރައްގީގެ ޕްލޭނުތައް އެކުލަވާލައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ޗައިނާއިން ތައްޔާރު ކަމަށެވެ.

އޭގެ އިތުރުން އޭނާގެ ވާހަކަފުޅުގައި ވަނީ ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިގްތިސާދީ ފައިދާތަކެއް ރާއްޖެއަށް ލިބޭ ކަމަށް ވިދާޅުވެފަ އެވެ.

ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުގައި ޝާހިދު ވަނީ މި ސަރަހައްދުގެ އެހެން ގައުމުތަކާއި ދުނިޔޭގައި ބޮޑެތި ގައުމުތަކުން ވެސް ޗައިނާއާއެކު މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި އެކަމުގައި ރާއްޖެއިން ބާކީ ނުވާނޭ ކަމަށް ވިދާޅުވި އެވެ.

ބެލްޓް އެންޑް ރޯޑް އިނިޝިއޭޓީވް ނުވަތަ ސިލްކް ރޯޑަކީ އޭޝިޔާ އާއި ޔޫރަޕް އަދި އެފްރިކާގެ ގައުމުތަކުގެ ތަރައްގީއަށް ޗައިނާއިން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ.

comment ކޮމެންޓް