ބިންހެލުމަކާ ގުޅިގެން ފިލިޕީންސް އާއި އިންޑޮނޭޝިއާއަށް ސުނާމީގެ އިންޒާރު ދީފި

އެބިންހެލުން އައީ ފިލިޕީންސްގެ ޖެނެރަލް ސަންޓޯސް ސިޓީ ކައިރިއަށް -- ފޮޓޯ: ގެޓީ

މިންޑަނާއޯ (ޑިސެމްބަރު 29): ފިލިޕީންސްގެ މިންޑަނާއޯ ކައިރިއަށް 6.9 މެގްނިޓިއުޑުގެ ބާރުމިނުގައި ބިންހެލުމެއް އައުމާ ގުޅިގެން އެގައުމަށާއި އިންޑޮނޭޝިއާއަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ޕެސިފިކް ސުނާމީ ވޯނިން ސެންޓަރު (ޕީޓީޑަބްލިއުސީ) އިން ދީފި އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި އެބިންހެލުން އައީ ފިލިޕީންސް ޖެނެރަލް ސަންޓޯސް ސިޓީގެ 193 ކިލޯ މީޓަރު އިރުން، 60 ކިލޯ މީޓަރު އަޑިއަށެވެ.

އެބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވި ކަމަށް އަދި ރިޕޯޓުކޮށްފައި ނުވެ އެވެ. އަދި ޕީޓީޑަބްލިއުސީ އިން ވަނީ އެހެން އެއްވެސް ސަރަހައްދަކަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ވެސް ވަނީ ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް ބުނެފަ އެވެ.

ފިލިޕީންސް އާއި އިންޑޮނޭޝިއާއަށް ސުނާމީގެ އިންޒާރު ދީފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިންޑޮނޭޝިއާގެ ޖާވާ އާއި ސުމަތުރާއަށް ސުނާމީ އަރައި، 430 މީހުން މަރުވި ފަހުންނެވެ. އެސުނާމީ އެރީ ޖާވާ އާއި ސުމަތުރާގެ މެދުގައި އޮންނަ ރަށެއްގެ އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެންނެވެ.

comment ކޮމެންޓް