ހުޅުމާލޭ އެސްޓީއޯ ހޮޓެލް ގަންނާނެ ފަރާތެއް ހޯދަނީ

ހުޅުމާލޭގައި އެސްޓީއޯއިން ހަދަމުން އަންނަ ހޮޓަލުގެ އިމާރާތް --- ސަން ފައިލް ފޮޓޯ

އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން ދިޔަ ހޮޓެލް ގަންނާނެ ނުވަތަ އެ ހޮޓަލަށް އިންވެސްޓް ކުރާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ޖުމްލަ 250 ކޮޓަރިއާއެކު ފަސް ތަރީގެ ފެންވަރަށް ހޮޓަލެއް އެޅުމުގެ މަސައްކަތް އެސްޓީއޯއިން ފެށީ 2011 ވަނަ އަހަރުއެވެ. އެ ހޮޓެލް އިމާރާތުގެ އޮނިގަނޑުގެ ބޮޑުބައި ނިމިފައި އޮތް ނަމަވެސް އިތުރު މަސައްކަތެއް ނުކޮށް ހޮޓަލުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ.

އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި އެކުންފުނިން ތަރައްގީކުރަމުން އަންނަ ހޮޓަލުގެ މަސައްކަތުގެ ބޮޑު ބައެއް ނޮވެމްބަރު 2018 އާ ހިސާބަށް އޮތީ ނިމިފައި ކަމަށާއި، ދެން ކުރަންޖެހޭނީ އިންޓީރިއާއާއި ފާރނިޝިންގް މަސައްކަތް ކަމަށެވެ.

އަށް ބުރީގެ މި ހޮޓެލުގައި ހުންނާނީ 195 ސްޓޭންޑަޑް ކިންގް ގެސްޓްރޫމާއި، 24 ސްޓޭންޑަޑް ޓްވިން ރޫމާއި 27 ޑިލަކްސް ރޫމުގެ އިތުރުން ފަސް ސްޓީޑުއޯ ރޫމެވެ. އަދި އޭގެ އިތުރުން އޯލް ޑޭ ޑައިނިންގް ރެސްޓޯރަންޓަކާއި، މަދުވެގެން އެއް ސްޕެޝަލްޓީ ރެސްޓޯރަންޓާއި، ހަފްލާތައް ބާއްވާ މާލަމަކާއި ޝޮޕިންގް ސަރަހައްދެއް ހިމެނޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.

https://sun.mv/90560

މީގެ އިތުރުން 40 މީޓަރުގެ ޕޫލަކާއި، މޫދުކުޅިވަރު ކުޅެވޭނެ އިންތިޒާމަކާއި ޕާކިންގް އޭރިއާއާއި ސްޕާއެއް އަދި ޖިމްއެއް ހުންނާނެ ކަމަށް ބުންޏެވެ.

އެސްޓީއޯއިން ބުނީ ހުޅުމާލޭގައި އެކުންފުނިން ތަރައްގީކުރަމުންދާ ހޮޓަލަށް އިންވެސްޓުކުރުމަށް، ނުވަތަ އެ ހޮޓެލް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ވަނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހާ ހަމައަށް ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ.

އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު

comment ކޮމެންޓް