ޖަލުގައި ހުރި ޔަމަންގެ މީހާއާ ގުޅޭ ސީރިއަސް ކަންތައްތަކެއް އެބަ ހުރި: އިމްރާން

ޔާސިރު ޔަހްޔާ އަހުމަދިއްޔާ ސްކޫލްގެ ޓީޗަރުގެ ދުވަހުގެ ހަފްލާގައި: ފޮޓޯ އަހުމަދިއްޔާ

ދިވެއްސަކާ ކައިވެނިކޮށް އަހުމަދިއްޔާ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި އުޅެނިކޮށް ހައްޔަރުކުރި ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރުގެ މައްސަލައިގައި ސީރިއަސް ކަންތައްތަކެއް އެބަހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އިމްރާން ވިދާޅުވީ އެ މައްސަލަ ވަރަށް ސީިރިއަސް ކަމަށާއި އަދި އެކަމުގައި އާންމުންނަށް ނޭނގޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އެންމެ ރަނގަޅު މައުލޫމާތެއް ނޫން ޕަބްލިކާ ހިސާބަށް އައިސްގެން މިއުޅެނީ. އެކަމުގައި ސީރިއަސް ކަންކަން އެބަހުރި. އަޅުގަނޑު އެބަ ވިސްނަން އެއާގުޅޭ ބައެއް މައުލޫމާތު ޕަބްލިކަށް ގެންނަން. އެކަމަކު މިވަގުތަށް އެ މައުލޫމާތު ހާމަކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމަންއަމާންކަމާއި ރައްކާތެރިކަމަށް ކޮންމެ ވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި މައްސަލައެއް. އެކަމުގައި ސީރިއަސް ކަންތައްތަކެއް އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

ޔާސިރު ހައްޔަރުކުރީ އޭނާގެ އަންހެނުން މާބަނޑުވެ، ވިހަން ގާތްވެފައި ވަނިކޮށެވެ. ދަރިއަކު ލިބުނު އިރު ވެސް ޔާސިރު ހުރީ ބަންދުގަ އެވެ. ޔާސިރުގެ ދަރިފުޅަށް މިހާރު ދޮޅު އަހަރު ވެއްޖެ އެވެ.

ޔާސިރަށް އޭނާގެ ދަރިފުޅާ ބައްދަލު ކުރެވެނީ ގާތްގަނޑަކަށް މަހަކު އެއްފަހަރު ކަމަށް އޭނާގެ އަންހެނުން "ސަން"އަށް މައުލޫމާތު ދެމުން ބުންޏެވެ. އަދި އޭނާ ހައްޔަރުކުރި ފަހުން އަދި އަދަށް ދާންދެން އެކަހެރިކޮށް އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތެއް ވެސް ދީފައި ނުވާ ކަމަށް އޭނާގެ އަންހެނުން ބުންޏެވެ.

ޔާސިރުގެ އަންހެނުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ޔާސިރު ބަންދުކޮށްފައި ހުންނަނީ އެކަހެރިކޮށް ކަމަށެވެ. އޭނާ ބުނީ އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ޔާސިރު ބަލިކަށިވެފައިވާ ކަމަށެވެ. އޭނާ ގޮޅިން ނެރެނީ ވެސް ބިޑި އަޅުވައިގެން ކަމަށާއި އޭނާ ބަހައްޓާފައި ހުންނަ ގޮޅިއަކީ ހޫނުގަދަ ގޮޅިއެއްކަމަށް ވެސް އޭނާގެ އަންހެނުން ބުނެފައިވެ އެވެ.

ޔާސިރު ހައްޔަރުގައި ބަހައްޓާފައިވާ އިރު އޭނާގެ މައްޗަށް ދައުވާއެއް ކޮށްފައެއް ނުވެ އެވެ. އޭނާގެ މައްޗަށް އެއްވެސް ކޯޓަކުން ހުކުމެއް ކޮށްފައެއް ނުވެ އެވެ. އޭނާ ހައްޔަރު ކޮށް "ނިޒާމުން ގެއްލުވާލާފައި"ވާ ސަބަބާއި އޭނާ ހައްޔަރު ކުރީ އޭނާއާ ދެކޮޅަށް ކޮން ހެކިތަކެއް ހުރެގެން ކަމެއްވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އިމިގްރޭޝަންގެ ބަންދުގަ އެވެ.

comment ކޮމެންޓް