ރައީސް ނައިފަރަށް ވަޑައިގެންފި

ރައީސް ސޯލިހު މިއަދު ހެނދުނު ނައިފަރަށް ވަޑައިގަތުމުން އެ ރަށުން ރައީސް އަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުތުރުގެ ދެ އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ޅ. ނައިފަރަށް ވަޑައިގެންފި އެވެ.

ނައިފަރުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ނައިފަރު ކައުންސިލްގެ އިސްވެރިންނާއި ރަށުގެ ކަމުވޮށިގެންވާ ބޭފުޅުންނެވެ.

ރައީސް އިއްޔެ ވަނީ އެެ މަނިކުފާނުގެ އުފަން ރަށް ހިންނަވަރަށް ވެސް ވަޑައިގެންފަ އެވެ.

ރައީސް އުތުރުގެ ދެ އަތޮޅަކަށް ކުރައްވާ ދަތުރުފުޅަކީ އިއްޔެ، ދުވާފަހަރުގައި ފާހަގަ ކުރި އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅާއި ޅ. އަތޮޅު ކުޑަދޫގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ހިންގާ ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ބައި ހުރަވަޅި ރިސޯޓަށް ވަޑައިގެން އެ ރިސޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އަދި މިއަދު ނ. ހެނބަދޫއަށް ވަޑައިގެން އެ ރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް