ކަޅުވަކަރު މިސްކިތް ރަސްރަނި ބަގީޗާ ސަރަހަށްދުގައި ބެހެއްޓުމަށް ނިންމައިފި

ސަލްޓަން ޕާކު ތެރޭގައި މީގެ އެތަށް ޒަމާނެއް ކުރިން ހަދާފައި ހުރި ކަޅު ވަކަރު މިސްކިތް -- ސަން ފައިލް ފޮޓޯ

ކަޅުވަކަރު މިސްކިތް، ރަސްރަނި ބަގީޗާ، (ކުރީގެ ސަލްޓަން ޕާކު) ސަރަހައްދުގެ ތެރޭގައި ބެހެއްޓެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފިއެވެ.

ނިމިދިޔަ ސަރުކާރުން ރޫޅާލާފައި ހުރި ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ވައުދުވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭކަމެކެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހް ކަޅުވަކަރު މިސްކިތް ރަސްރަނި ބަގީޗާ ސަރަހަދުގައި ބެހެއްޓުމަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުންގެ ލަފާގެ މަތިން ކަމަށެވެ.

ކުރީގެ ސަލްޓަން ޕާކް އަދި މިހާރުގެ ރަސްރަނި ބަގީޗާގައި ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ނިންފައިވަނީ ބައްދަލުވުމުގައި ހެރިޓޭޖް މިނިސްޓްރީން ހުށަހެޅި ތަފްސީލުތަކަށް މަޝްވަރާކުރުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހެރިޓޭޖް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާ ބުދަ ދުވަހު އެ މިސްކިތް ބަހަށްޓާނެ ތަނަކާމެދު އާންމުންގެ ހިޔާލު ހޯދުމަށް ފޯރަމެއް ބާއްވާފައެވެ.

އެ ފޯރަމުގައި ހިޔަލު ފާޅުކުރެއްވި ބައެއް ބޭފުޅުން ވަނީ މިސްކިތް މާލެއިން ބޭރަށް ގެންދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މިއީ މާލޭގެ ތާރީހާ ގުޅުން ހުރި ތަނެއްކަމަށާއި އަންނަން އޮތް ޖީލުތަކަށް ވެސް މާލޭގެ ތާރީހާއި މިސްކިތާ ގުޅޭ ތާރީހު އޮޅުންފިލާނީ މިސްކިތް މާލޭގައި ބަހައްޓައިގެން ކަމަށް ފޯރަމްގައި ބައިވެރިވެ ހިޔާލު ފާޅުކުރެއްވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައިފައި ހުރި، ފާރުތައް ހިރިގަލުން ހަދައި، ބިންވަޅު ނަގައިފައި ހުރި މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ 1779މ. އިން 1799މ. އަށެވެ.

comment ކޮމެންޓް