ނައިބު ރައީސް އޭނާޖީ ޑްރިންކް އާ ދުރަށް ޖެހިވަޑައިގެންފި

ސިއްހަތަށް ރަނގަޅުނޫން ބާވަތްތަކާއި ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ ހޭދަ އިތުރުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް މިއަދު ވާހަކަފުޅު ދައްކަވަނީ... ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެނާޖީ ޑްރިންކްސް އާއި ސިއްހަތަށް ގެއްލުން ހުރި އެކި އެކި ބުއިންތައް ބުއިން މިއަދުން ފެށިގެން ހުއްޓަވައިލައްވާނެ ކަން ނައިބު ރައީސް ފައިސަލް ނަސީމް އިއުލާން ކުރައްވައިފި އެވެ.

ނައިބު ރައީސް އެކަން އިއުލާންކުރެއްވީ ސިއްހަތަށް ރަނގަޅުނޫން ބާވަތްތަކާއި ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ ހޭދަ އިތުރުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަންވާލަން އިރާދަކުރެއްވިއްޔާ އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން، އަޅުގަނޑުގެ އަމިއްލަ ނަފްސަށް އަޅުގަނޑު މިކަންތައްތަކާ ދުރިހެލިވުމަށް ޓަކައި އެނާޖީ ޑްރިންކްތަކާއި މިކަންތައްތަކުން މިއަދުން ފެށިގެން އަޅުގަނޑު ދުރިހެލިވާންނަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ދުންފަތާއި ސުޕާރީ އާއި އެނާޖީ ޑްރިންކް އަދި ހަކުރު ގިނަ ބުއިންތަކުން ރައްޔިތުން ދުރުކުރުވަން ހޭލުންތެރި ކުރުމަށް ވަރަށް ބޮޑު ހޭދައެއް މި ސަރުކާރުން ކުރަން ނިންމަވާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއްދޭ ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށެވެ.

"އަޅުގަނޑުމެން ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް އަޅުގަނޑުމެން ކިތަންމެ ޖަލްސާއެއް ބޭއްވި ނަމަވެސް އަޅުގަނޑުމެން ގައުމުގެ ހުރިހާ ދާއިރާތަކަކުން، ސުކޫލްތަކުން ފެށިގެން ގޭބިސީތަކުން، ސަރުކާރު އޮފީސްތަކާއި ހަމައަށް، ކުލަބް ޖަމިއްޔާތަކާއި ކުޅިވަރު ކުޅޭ ތަންތަނުން މިކަންކަމަށް ސަމާލުކަން ނުދެވިއްޖެ ނަމަ ފަސް އަހަރު ފަހުން ވެސް އަޅުގަނޑުމެން ދައްކަން ޖެހޭނީ މިވާހަކަ،" ފައިސަލް ވިދާޅުވި އެވެ.

ދުންފަތާއި، އެނާޖީ ޑްރިންކްސް އާއި ގިނައިން ހަކުރު އެކުލެވޭ ބާވަތްތައް ބޭނުން ކުރުން ހުއްޓާލަން ޖެހޭ ކަމަށާއި އެކަން ހުއްޓުވޭނީ ފަރުދީ ޒިންމާ ނަގައިގެން ކަމުގައި ނައިބު ރައީސް އެ ރަސްމިއްޔާތުގައި ވިދާޅުވި އެވެ.

ނާއިބު ރައީސް ވިދާޅުވީ، ސަރުކާރުން ކުރިން ނުކުރާ ފަދަ ބޮޑު ހޭދައެއް ކޮށްގެން މިއަދު ފަށާ ޕްރޮގްރާމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި ސިއްހީ ކަންކަމަށް ކުރަން ޖެހޭ ހަރަދު އެހާ ބޮޑުވެފައި ވަނީ ރައްކާތެރިވާންޖެހޭ ވަރަށް ރައްކާތެރި ނުވެވުން ކަމަށެވެ.

އޭގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ދުންފަތާއި އެނާޖީ ޑްރިންކްސްތަކާއި ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކުން ދުރުހެލިވުމަށް ވާހަކަ ދައްކާ އިރު، އެކަންކަން އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމާ މެދު ވެސް ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ.

comment ކޮމެންޓް