އާދީއްތަ ދުވަހު ވީއައިއޭގައި 729 ފްލައިޓް މޫމަންޓް، ރެކޯޑެއް!

އާދިއްތަ ދުވަހު ވީއައިއޭގައި އިންޓަނޭޝަނަލް ފްލައިޓުތަކަށް ހިދުމަތް ދެނީ -- ފޮޓޯ: އެމްއޭސީއެލް

މިދިޔަ އާދީއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 110 އިންޓަނޭޝަނަލް ފްލައިޓް އަދި 102 ޑޮމިސްޓިކް ފްލައިޓްގެ ހަރަކާތް ހިނގި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އާދިއްތަ ދުވަހު ވީއައިއޭގައި 110 އިންޓަނޭޝަނަލް ފްލައިޓު އަދި 102 ޑޮމެސްޓިކް ފްލައިޓްގެ މޫމަންޓް ހިނގުމުގެ އިތުރުން 517 ސީޕްލޭން މޫމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. އެއީ ޖުމްލަ 729 މޫމަންޓެވެ.

އެމްއޭސީއެލް އިން ބުނީ މިއީ 1966 ވަނަ އަހަރު އެއާޕޯޓުގައި ހިދުމަތް ދޭން ފެށީއްސުރެ އެހާ ގިނަ އަދަދެއްގެ ފްލައިޓުތަކެއް އެއް ދުވަހެއްގައި ހިދުމަތް ދިން ފުރަތަމަ ފަހަރު ކަމަށެވެ.

އެއާ އެކު އެދުވަހު 21،992 ފަސިންޖަރުންނަށް ހިދުމަތް ދިން ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެއާޕޯޓްސް ކުންފުނިން ބުނީ އާދީއްތަ ދުވަހު 17723 އިންޓަނޭޝަނަލް ފަސިންޖަރުންނާއި 4269 ޑޮމެސްޓިކް ފަސިންޖަރުންނަށް އެއާޕޯޓުން ހިދުމަތް ދިން ކަމަށެވެ.

މީގެ އިތުރުން އާދީއްތަ ދވަހަކީ ވީއައިއޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް އެއާ ޓްރެފިކް މޫމަންޓު (އޭޓީއެމް) ހިނގި ދުވަސް ވެސްމެ އެވެ. އެގޮތުން އާދީއްތަ ދުވަހު 729 އެއާ ޓްރެފިކް މޫމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށް އެއާޕޯޓު ކުންފުނިން ބުނެ އެވެ. މިއީ މިހާތަނަށް އޭޓީއެމް އެންމެ ގިނަވި އަހަރު ކަމަށާއި މިދިޔަ އަހަރަށް ވުރެ މިއަހަރު 58 އޭޓީއެމް އިތުރު ކަމަށް ވެސް ވީއައިއޭ ހިންގާ ކުންފުނިން ވަނީ ބުނެފަ އެވެ.

އާދިއްތަ ދުވަހު ވީއައިއޭގައި ޑޮމެސްޓިކް ފްލައިޓުތަކަށް ހިދުމަތް ދެނީ -- ފޮޓޯ: އެމްއޭސީއެލް

comment ކޮމެންޓް