ޓޮޓެންހަމްގެ މޮޅާ އެކު ބޮޑު އިއްތިފާގެއް!

ޓޮޓެންހަމްގެ ކޯޗް މޮރީޝިއޯ ޕޮޗެޓީނޯ އޭނާގެ އަންހެނުން ކަރީނާއާ އެކު --

މިދިޔަ އާދީއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން 6-2ގެ ނަތީޖާއިން ޓޮޓެންހަމް މޮޅުވީ، ޓޮޓެންހަމްގެ ކޯޗު މޮރީޝިއޯ ޕޮޗެޓީނޯގެ ކައިވެނީގެ 26 ވަނަ އެނިވާސަރީގައި ކަން ހާމަ ވެއްޖެއެވެ.

ބީބީސީ ސްޕޯޓްސްއާ ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ އެނިވާސަރީ ދުވަހުގައި އޭނާ ވިސްނަމުން ދިޔައީ އަންހެނުންނަށް ދޭން އެންމެ ރަނގަޅު ހަދިޔާއަކާ ބެހޭ ގޮތުން ކަމަށެވެ. އެހެން ނަމަވެސް، އެ ދުވަހު 6-2 ގެ ނަތީޖާގައި މެޗު ނިމުމުން އެއީ އެންމެ ފުރިހަމަ ހަދިޔާ ކަމަށް އޭނާއަށް ވިސްނުނު ކަމަށް އޭނާ ބުންޏެވެ.

ޕޮޗެޓީނޯގެ ކައިވެނީގެ 26 ވަނަ އެނިވާސަރީގައި އޭނާގެ ޓީމު 6-2 ގ ނަތީޖާއިން މޮޅުވުމުން، އެއީ ބޮޑު އިއްތިފާގެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހައިރާންކަން ފާޅު ކޮށްފައެވެ.

ޕޮޗެޓީނޯ އޭނާގެ އަންހެނުން ކަރީނާއާ ކައިވެނި ކުރީ 1994 ވަނަ އަހަރުއެވެ. އެ ދެމަފިރިންގެ ދެ ދަރިން ވެސް ތިބެއެވެ.

އެވަޓަންއާ ދެކޮޅަށް ނުކުތް މެޗުގައި ޓޮޓެންހަމްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ސޮން ހިއުން މިން، ޑެލެ އަލީ، ހެރީ ކޭން އަދި ކްރިސްޓިއަން އެރިކްސަން އެވެ. އޭގެ ތެރެއިން ސޮން އާއި ކޭން، މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލު ޖަހާފައެވެ.

އެވަޓަން އަތުން 6-2 އިން ހޯދި މޮޅާ އެކު ޓޮޓެންހަމް ވަނީ ދެވަނައިގައި އޮތް ސިޓީއާ ދެ ޕޮއިންޓަށް ގާތްކޮށްފައެވެ. ޕްރިމިއާ ލީގުގައި މިހާތަަނަށް މެޗަކުން ބަލިނުވެ ލީގުގެ އެއް ވަނައިގައި 18 މެޗުން 48 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 18 މެޗުން ވަނީ 44 ޕޮއިންޓް ލިބިފައެވެ.

comment ކޮމެންޓް