ޖީއެސްޓީއާ އެކު އިންފުލޭޝަންގެ ބިރު!

ވިއްކާ ތަކެއްޗާއި ދޭހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ނެގުމަށް ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ތައްޔާރު ވެވުނު ގޮތަކަށް ތައްޔާރުވެ، ޖީއެސްޓީ ފަށައިފި އެވެ. ރައްޔިތުނާއި ސީދާ ގުޅުންހުރި ޓެކްސްގެ ފެށުމަކީ މިއީ އެވެ. ޖީއެސްޓީއަކީ ސަރުކާރުން ތައާރަފުކުރާ ޓެކްސް ނިޒާމުގެ ފުރަތަމަ ބޮޅެވެ. ޓެކްސް ނިޒާމަށް ބަރޯސާވެފައިވާ އިގްތިސޯދީ ނިޒާމަކީ މައްސަލައެއް ނޫނެވެ. ފުއްދުންތެރި އިގުތިސޯދަކަށް ޓެކްސް މަގުފަހިކުރާ ނަމަ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ.

އިއްޔެ ރެއިން ފެށިގެން ޖީއެސްޓީ ނަގަން ފެށި އިރު އިގުތިސޯދަށް ލޮޅުންތަކެއް އަނެއްނާނެ ކަން މާކުރިން ވެސް ވަނީ އެނގިފަ އެވެ. ނިޒާމުގެ އައު ކަމާއި ހޭލުންތެރިވާން ޖެހޭ މިންވަރަށް ނިޒާމަށް ހޭނިފައި ނެތުމާއި ޖީއެސްޓީ އަވަސް ވުމަކީ ވެސް އޭގެ އަސްލުތަކެވެ. ޖީއެސްޓީ ގާނޫނު ތަންފީޒުކޮށް އޭގެ އަނެއް ދުވަހު ކަހަލަގޮތަކަށް އެއަށް އަމަލުކުރާ ނަމަ ނުނުކުމެ ނުދާނެ މައްސަލަތަކެއް ނުކުންނާނެ އެވެ. ޖީއެސްޓީއާ އެކު ޑަބަލް ޓެކްސޭޝަންގެ ބިރުވެރިކަން މިވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އޭގެ ނަތީޖާ އަކީ އިންފްލޭޝަން ނޫންބާ އެވެ؟

ވިޔަފާރިވެރިންގެ ގައުމީ ޖަމްއިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު ޑަބަލް ޓެކްސޭޝަން އަށް އިންޒާރުކުރައްވަމުން އިއްޔެ ވިދާޅުވީ "އިންފުލޭޝަން މައްޗަށް ދާނެ ކަން އެއީ ޔަގީންކަމެއް" ކަމަށެވެ. އޭގެ ތަފްސީލުގައި އަދީބު ދެ ޕޮއިންޓެއް ފާހަގަ ކުރެއްވި އެވެ. ފުރަތަމަ ކަމަކީ އިމްޕޯޓް ޑިއުޓީ ކަނޑާލުމެއް ނެތި ޖީއެސްޓީނެގުމެވެ.

"އަނެއްހެން ބަލާނަމަ އެއީ މުދަލަށް އަންނަ ޓެކްސްއެއް ދެއްތޯ. ދެ ގާނޫނަކުން އެ ނެގިޔަސް. ރައްޔިތު މީހާ އަޅުގަނޑުމެން ކައިރީގައި އެބަ މައްސަލަ ޖައްސައޭ އެބޭފުޅުން އަތުން އަޅުގަނޑުމެން ޑަބަލް ޓެކްސް ނަގަނިއްޔޭ ބުނެ،" އަދީބު ވިދާޅުވި އެވެ.

ހޯލްސޭލަރުންގެ އަތުން ރިޓެއިލަރުންނަށް ވިއްކާ އިރު ވެސް ޖީއެސްޓީ ޗާޖް ކުރާ ކަމަށާއި އަދި ރިޓެއިލަރު ވެސް ފައިނަލް ކަސްޓަމަރުގެ އަތުން ޖީއެސްޓީ ނަގާ ނަމަ އެއީ މުދަލުގެ އަގަށް އިތުރުވާ އަގެއް ކަމަށް ވެސް އަދީބު ދެކިވަޑައިގަންނަވަ އެވެ.

"މިވެސް ކަލެކްޓް މި ކުރަނީ ކަސްޓަމަރުގެ އަތުން. އޮން ބިހާފް އޮފް ގަވަރުމަންޓް އަޅުގަނޑުމެން އޭތި ކަލެކްޓް ކުރަނީ. އެހެންވީމަ މިއީވެސް މުދަލުގެ އަގަށް އިތުރުވާ އެއްޗެއް،" އަދީބު ވިދާޅުވި އެވެ.
~
އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނުގެ ދަށުން ވެސް ގިނަ ބާވަތްތަކެއްގެ ޑިއުޓީ އަންނަނީ ނަގަމުންނެވެ.
އަދީބުގެ ވާހަކަތަކުން ވެސް މުދަލުގެ އަގު ބޮޑުވާނެ ކަމުގެ ކޮޅުމަތި ފެނެ އެވެ. އެއީ ސިނާރިއޯއަކަށް ވުރެ ބޮޑަށް ހަގީގަތެވެ. ޖީއެސްޓީނަގަން ފެށިފަހުން އަދި 24 ގަޑިއިރު ވެސް ފާއިތުނުވަނީ ވެސް ވަކި ލާރި ދަތުވެ، މުދަލުގެ އަގަށް ބަދަލުތައް އަންނަން ވަނީ ފަށައިފި އެވެ.

ފަސް ރުފިޔާ އަށް ވިއްކާ ފެންފުޅިއަކަށް، 3.5 ޕަސެންޓް ޖީއެސްޓީއާ އެކު ޖެހޭނީ 5.18ރ. އެވެ. ނަމަވެސް ބައެއް ތަންތަނުން 1.5 ލީޓަރުގެ ފެންފުޅިއެއް ވިއްކަނީ 5.50ރ. އަށެވެ. އަދި 23ރ. އަށް ވިއްކަމުން އައި ރެޑްބުލް ދަޅެއް ޖީއެސްޓީއާ އެކު ޖެހެނީ 23.81ރ. އަށެވެ. ނަމަވެސް ވިއްކަނީ 24ރ. އަށެވެ. ހަމަ އެހެންމެ 12 ރ. އަށް ވިއްކާ ފަސް ލިޓަރުގެ ފެންފުޅިއެއް 3.5 ޕަސެންޓްގެ ޖީއެސްޓީއާ އެކު ޖެހެނީ 12.42ރ. އެވެ. ނަމަވެސް ވިއްކަނީ 12.50ރ. އަށެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑައިރެކްޓާ ފަތުހުﷲ ޖަމީލް ވެސް ދެކިވަޑައިގަންނަވަނީ ވަކި ލާރީގެ ތަދުކަމަށް އޮތީ އެ ލާރި ސަޕްލައިކުރުމުގެ އިތުރަށް ވަކި ލާރި ފަސޭހައިން ދެވޭނެ ގޮތަށް ތަކެތީގެ އަގަށް ބަދަލު ގެނައުމެވެ.

މީރާގެ ދެ އޮޕްޝަނުން ކުރެ، އަތޮޅުތަކުގެ ފިހާރަތަކަށް އޮތް ހަމައެކަނި ގޮތަކީ ތަކެތީގެ އަގަށް ބަދަލު ގެނައުން ކަމަށް އެފަދަ ވިޔަފާރިވެރިން ގަބޫލުކުރެ އެވެ.

"ކިހިނެއްތަ ވަކި ރުފިޔާ އެ ވަރަށް ގެންދާނީ. އަހަރުމެން އެ ލާރި ދޫކޮށްލިތާ ކިތަންމެ ދުވަހެއް. ދެން އޮތީ އަގަށް ބަދަލު ގެނައުން. ރީތި އަދަދެއް ޖީއެސްޓީއަށް އަންނަ ގޮތަށް. އެނޫން ގޮތެއް ނޯނާނެ،" ލ. އަތޮޅުގައި ތިން ފިހާރަ ހިންގާ ވިޔަފާރި ވެރިޔަކު ބުންޏެވެ.

އެގޮތުންވެސް އަގަށް ބަދަލު އަންނާނެ އެވެ. ޔޫރޯ ސްޓޯރުގެ ވެރިމީހާ އަލީ ވަސީމްގެ ނަޒަރުގައި އެހެން ގޮތެއްވެސް އެބައޮތެވެ.

"މީގައި އެބައޮވޭ ވަރަށް ބައިވަރު ލިޔެ ކިޔުމުގެ ކަންތައްތަކެއް. އެވްރެޖްކޮށް މި އުޅޭ ކުދި ފިހާރަތައް ނޫނީ ކެފޭތަކުގެ މީހުންނަކީ މިކަހަލަ އެއްވެސް ކަމަކަށް އަހުލުވެރިވެފައި ތިބި ބައެއް ނޫން. ބޮޑު ބުކް ކީޕިންއަކާއި މީހުން އެމްޕުލޮއި ކުރުމާއި ސިސްޓަމް ބެހެއްޓުމަށް ބޮޑަތި ހަރަދުތަކެއް ހިނގާ. އެހެން ވީމަ މި ހަރަދުތައް ފޫބެއްދޭ ގޮތަށް އަގުހަނދާނީ،" ވަސީމް ވިދާޅުވި އެވެ.

އެއީ ސިމްޕަލް ބިޒްނަސް ލޮޖިކެކެވެ. އެއަށް ފުންކޮށް ނުވިސްނިއަސް އެވަރު ދެނެގަނެވޭނެ އެވެ. މިއަހަރުގެ ނިޔަލަށް 3.5 ޕަސެންޓްގެ ޖީއެސްޓީ ނެގިއަސް އަންނަ އަހަރު ނަގާނީ ހަ ޕަސެންޓް ޖީއެސްޓީ އެވެ. އަދި 2013ގައި އަށް ޕަސެންޓެވެ.

އެ އަދަދުތަކަށް ބަލާލިޔަސް އިންފުލޭޝަންގެ ޕީކް ލެވަލް ހުރީ މައްޗަށެވެ. މެކުހަށެވެ. ކުރިމަގަކީ އިގުތިސޯދީ ގޮތުން ދަތި ދުވަސްތަކަކަށް ވެދާނެ އެވެ. ނޫނީ ކުރިމަގު އުޖާލާ ވެސް ވެދާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް