ނަވާޒް ޝަރީފް އަނެއްކާ ވެސް ހަތް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ހަތް އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައި -- ފޮޓޯ: ރޮއިޓާސް

އިސްލާމްއާބާދު (ޑިސެމްބަރު 24): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ޖަލަށް ލާން އަނެއްކާ ވެސް އެގައުމުގެ އެންޓި ކޮރަޕްޝަން ކޯޓަކުން ހުކުމްކޮށްފި އެވެ.

އިއްޔެ އިސްލާމްއާބާދުގެ ކޯޓަކުން ނަވާޒް ޝަރީފް ހަތް އަހަރަށް ޖަލަށް ލާން ހުކުމް ކުރީ، ސައުދީ އަރަބިއާގައި ހުރި ސްޓީލް މިލްއެއް ގަތުމަށް ފައިސާ ހޯއްދެވި ގޮތެއް ކޯޓުގައި ހާމަ ނުކުރެވުމުންނެވެ.

އެ ހުކުމް ކުރުމާ އެކު ޝަރީފް ހައްޔަރުކޮށްފައިވާ ކަމަށާއި މިއަދު ޖަލަށް ގެންދާނެ ކަމަށް ޕާކިސްތާނުގެ ނޫސްތަކުގައިވެ އެވެ.

ޝަރީފް ވަނީ އެއީ ސިޔާސީ ބޭނުމަކަށް ކުރި ހުކުމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެ އެވެ.

މި އަހަރުގެ ޖުލައި މަހު ޕާކިސްތާނުގެ އެކައުންޓެބިލިޓީ ކޯޓުން ވަނީ، ލަންޑަނުގައި ހުރި ހަތަރު ފްލެޓެއް ނަވާޒް ޝަރީފް ބައްލަވައިގެންނެވީ ނާޖާއިޒު ގޮތަކަށް ކަމަށް ބުނެ 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އަދި އެކުށް ކުރުމުގައި އެހީތެރިވުމުގެ ސަބަބުންނާއި މައްސަލައިގެ ޝަރީއަތަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ދަރިކަނބަލުން މަރްޔަމް ނަވާޒްގެ މައްޗަށް ވެސް އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.

ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު އިސްލާމްއާބާދުގެ ހައި ކޯޓުން ވަނީ އެހުކުމް ސަސްޕެންޑުކޮށްފަ އެވެ.

ނަވާޒް ޝަރީފް ވަނީ ތިން ފަހަރެއްގެ މަތިން ޕާކިސްތާނުގައި ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.

comment ކޮމެންޓް