ލުބުނާނުގެ ހޮސްޕިޓަލްތަކުން ފަރުވާ ދޭން ދެކޮޅު ހެދި ފަލަސްތީނުގެ ކުއްޖަކު މަރުވެއްޖެ

ލުބުނާނުގެ ތިން ހޮސްޕިޓަލަކުން ފަރުވާ ދޭން ދެކޮޅު ހެދި ފަލަސްތީނުގެ ތިން އަހަރުގެ ކުއްޖަކު ވަނީ މަރުވެފައި -- ފޮޓޯ: އަލްޖަޒީރާ

ބޭރޫތު (ޑިސެމްބަރު 24): ލުބުނާނުގެ ތިން ހޮސްޕިޓަލަކުން އައިސީޔޫގައި ފަރުވާ ދޭން ދެކޮޅު ހެދި ފަލަސްތީނުގެ ތިން އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

މުހައްމަދު ވަހުބީއަށް ވަނީ، ސިކުނޑި އާއި ސްޕައިނަލް ކޯޑް ރައްކާތެރިކޮށްދޭ ސެރެބްރޯސްޕައިނަލް ފްލުއިޑް ބޮލުގައި އިތުރުވުމަށް ކިޔާ ކޮންޑިޝަންއެއް ކަމަށްވާ ހައިޑްރޯސެފަލަސް ޖެހިފަ އެވެ.

އަދި އެ ކުއްޖާގެ ހާލު ދެރަވެގެން ޓްރިޕޮލީގައި ހުންނަ އިސްލާމިކް ހޮސްޕިޓަލުގައި އެޑްމިޓު ކުރީ މިމަހުގެ 14ގަ އެވެ. ނަމަވެސް، އައިސީޔޫގައި އެނދެއް ނެތުމުން، ކުއްޖާގެ އާއިލާއިން ވަނީ އެހެން ތިން ހޮސްޕިޓަލަކަށް ގުޅައިފަ އެވެ. އެ ތިން ހޮސްޕިޓަލުން ވެސް ވަނީ އައިސީޔޫގައި އެނދެއް ނެތް ކަމަށް ބުނެފަ އެވެ.

އޭގެ ތިން ދުވަސް ފަހުން މުހައްމަދު މަރުވީ އެވެ.

"އެފުރަތަމަ ދުވަހު އައިސީޔޫގައި އެޑްމިޓު ކޮށް، ބޭނުންވާ ފަރުވާ ދިން ނަމަ މުހައްމަދުގެ ފުރާނަ ސަލާމަތް ކުރެވުނީސް،" ކުއްޖާގެ މަންމަ ބުންޏެވެ.

ކުއްޖާގެ މަންމަ ބުނި ގޮތުގައި އެކުއްޖާއަށް ފަރުވާ ނުދިނުމަށް އެކި ހޮސްޕިޓަލްތަކުން ދެއްކީ އެކި ބަހަނާ އެވެ. އެގޮތުން، މީގެ ކުރިން މުހައްމަދަށް ފަރުވާ ދިން ހަމޫދު ހޮސްޕިޓަލުން ވަނީ ކުއްޖާގެ އާއިލާއިން ދައްކަން ޖެހޭ ބިލެއް ނުދައްކާ އޮތް ކަމަށް ބުނެފަ އެވެ.

އަދި އަނެއް ދެ ހޮސްޕިޓަލުން ވަނީ އެހެން ހޮސްޕިޓަލްތަކުން ފަރުވާ ދިން މީހުންނަށް ފަރުވާ ނުދޭ ކަމަށް ބުނެފަ އެވެ.

މުހައްމަދަށް ފަރުވާ ދޭނެ ހޮސްޕިޓަލެއް ނުވުމުން، އެކުއްޖާ ވަނީ ޓްރިޕޮލީ ގަވާމެންޓު ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އެމާޖެންސީ ވޯޑަށް ގެންގޮސް، ހޮސްޕިޓަލުގައި އެޑްމިޓު ކުރުމުގެ ކުރިން މުހައްމަދު މަރުވީ އެވެ.

މުހައްމަދުގެ އާއިލާއިން ދިރިއުޅެމުން ދަނީ ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގަ އެވެ. އަދި މުހައްމަދުގެ މަރާ އެކު ކޭމްޕުގައި ދިރިއުޅޭ މީހުން ވަނީ ހޮސްޕިޓަލްތަކުގެ އިހުމާލު ކުށްވެރިކޮށް، މުޒާހަރާ ވެސްކޮށްފަ އެވެ.

އެކޭމްޕުގެ އެކްޓިވިސްޓެއް ކަމަށްވާ މިލާދު ސަލަމާ ވަނީ މުހައްމަދަށް ފަރުވާ ދިނުން ލަސްވީ، އޭނާގެ ފަރުވާއަށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ (އުންރުވާ) އިން ފައިސާ ދިނުން ލަސްވުމުގެ ސަބަބުން ކަމަށް ބުނެފަ އެވެ.

އުންރުވާ އިން ދަނީ ސީރިއާ، އުރުދުން އަދި ލުބުނާނުގައި ދިރިއުޅޭ ފަސް މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ ރެފިއުޖީންގެ ސިއްހީ ފަރުވާއަށާއި ތައުލީމަށް ހަރަދު ކުރަމުންނެވެ. ސަލަމާ ބުނި ގޮތުގައި އެމެރިކާ އިން އެ ޖަމްއިއްޔާއަށް ފައިސާ ދިނުން ހުއްޓާލުމުން އެއޭޖެންސީން ދޭ އެހީ ވަނީ ކުޑަކޮށްފަ އެވެ.

ނަމަވެސް އުންރުވާ ވަނީ އެތުހުމަތު ދޮގު ކޮށްފަ އެވެ. އަދި މުހައްމަދަށް ފަރުވާ ނުދެވުނީ، އެކުއްޖާއަށް ފަރުވާ ދެވޭނެ ފަދަ ހޮސްޕިޓަލަކުން ޖާގަ ނުލިބުމުން ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް