ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ލީޑަރުންނާ ރައީސް ސޯލިހު ބައްދަލު ކުރެއްވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފައިލް ފޮޓޯ: އަހްމަދު އަވްޝަން

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިކުމެވަޑައިގަތީ ގުޅިފައިވާ ކޯލިޝަނަކުންނެވެ. ރައީސް ޔާމީނަކީ އިންތިހާ އަށް "ކޮރަޕްޓް" އަދި "އަނިޔާވެރި" ބޭފުޅެއް ކަމަށް ބުނެ އެވެރިކަން ނިމުމަކަށް ގެނައުމަށެވެ. އަދި އަޑުހަރުކޮށް ބުނަމުން ދިޔައީ މި ފަހަރުގެ ކޯލިޝަން ނުރޫޅޭނެ ކަމަށާއި މި ކޯލިޝަނަކީ ކުރީގެ މާޒީން އިބުރަތްލިބިގަނެގެން އުފެއްދި ކޯލިޝަނެއް ކަމަށެވެ. ހަމަ އެހެންމެ ރައީސް ސޯލިހަކީ ތަފާތު ބޭފުޅެއް ކަމަށާއި ރައީސް ޔާމީންގެ "އަނިޔާވެރި" ވެރިކަމުގައި ސިއްކަ ޖެހުމަށް ރައީސް ސޯލިހު އިދިކޮޅު އެންމެހާ ބޭފުޅުން އެއްގަލަކަށް އަރުވައިގެން ކުރެއްވި މަސައްކަތަކީ ލާމަސީލު މަސައްކަތެއް ކަމަށެވެ.

ތެދުފުޅެކެވެ. ރައީސް ސޯލިހަކީ މަޑުމައިތިރި އަދި ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސަތަކެއް ވަންދެން މަސައްކަތް ކުރެއްވުމާ އެކު، ސިޔާސީ ގޮތުން ބުރަދަން ހުރި ބޭފުޅަކަށް ވެދާނެ އެވެ. ކޯލިޝަނުގައި ހިމެނޭ ގިނަ ބޭފުޅުންގެ ރުހުން ރައީސް ސޯލިހަށް ލިބުނީ ވެސް އެހެންވެގެން ކަމަށް ވެދާނެ އެވެ.

ހަމަ އެހެންމެ ކޯލިޝަން ހެދީ ވެރިކަން ލިބިއްޖެ ނަމަ ސަރުކާރާއި ދައުލަތުގެ މަގާމުތައް އެއްބަސްވެފައިވާ ގޮތަށް "ހަތަރު ޕާޓީގެ" މެދުގައި ބެހުމަށް ޝަރުތުކޮށްގެންނެވެ. އަދި އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހަށް ގުޅިގެން ވާދަކުރުމަށް އެއްބަސްވެގެންނެވެ. އެ އެއްބަސްވުމަކީ ހަތަރު ޕާޓީ އިން އެއްގަނޑެއްގައި ސޮއިކޮށްފައި ނެތަސް، އިއުތިރާފުވެފައިވާ ގޮތެވެ. ރިޔާސީ ނިޒާމެއްގައި ކޯލިޝަނަކީ މަސައްކަތް ކުރުމަށް ވުރެ، ނުކުރުން ދުރު ކަމަކަށް ވިއަސް، އެ ކާޑު ކުޅުނީ އެ ހުވަފެންދައްކައިގެންނެވެ. އެކަން ގަބޫލުކުރަން ޖެހެ އެވެ. ރައްޔިތުން އެ ހުވަފެން ގަބޫލުކުރި އެވެ.

އެކަމަކު ރައީސް ސޯލިހުގެ ސަރުކާރަށް 100 ދުވަސް ނުވަނީސް، ކޯލިޝަން އޮތީ ރެނދުލައި ހަތަރު އަނގޮޅި މައްޗަށް ހުރަސްވެފަ އެވެ. އަންނަ އެޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރާނެ، ފޯމިއުލާއެއް ވަނީ ނުހޯދި އެވެ. އެ ވިދާޅުވާ ހަތަރު ލީޑަރުން ދެ ފަހަރު ބައްދަލުކޮށްގެން ވެސް އެކަމަށް ގޮތެއް ނުހޯދުނެވެ.

ކޯލިޝަން ރޫޅެން ދިމާވި ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ފުރަތަމަ ކަމަކަށްވީ ހަތަރު ލީޑަރުންގެ އެއްބަސްވުމެއް ނޯންނާނެ ކަމަށް ބުނެ، އެމްޑީޕީ އިން އެކަމަށް އިންކާރު ކުރުމެވެ. އަދި އަވަސް އަރުވާލައިގެން އެމްޑީޕީގެ ގައުމީ މަޖިލީސް ބާއްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުށަހެޅުމަކާ އެކު، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީ އިން ވާދަކުރުމަށް ނިންމުމެވެ. އެ ނިންމުން ނިންމުގައި ރައީސް ސޯލިހު ބައިވެރިއެއް ނުވެ އެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެ ބައްދަލުވުމުގައި އިންނެވުމަށް ފަހު، ވޯޓަށް އެހި އިރު ވަނީ "ގެއްލި"ފަ އެވެ.

ރައީސް ސޯލިހު އެމްޑީޕީގެ ގައުމީ މަޖިލީހާ ބައްދަލުކުރައްވައި ފަހުން ވިދާޅުވީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތަކީ ކޯލިޝަންގެ މެންބަރުން މަޝަވަރާކޮށް ގުޅިގެން ގޮނޑިތަކަށް ވާދަކުރެވޭނެ ފޯމިއުލާއެއް ހޯދުން ކަމަށެވެ.

އެއީ އެ ފަރާތެވެ. އެނެއް ފަރާތުން ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ބާރުތައް ނަންގަވަން މަސައްކަތް ކުރެއްވުމުގެ އިތުރަށް ދެ ކޮމިޝަނަށް ގާނޫނީ ބާރުދޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް މަޖިލީސް ޗުއްޓީ އަށް ދިއުމަކީ ގިނަ ބަޔަކު އެކަމާ ދޭތެރޭ ހިތްކަޅުކުރި ކަމަކެވެ. ފަހަރުގައި އެ ދުވަހު ކޯރަމް ހަމަނުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ބައެއް މެންބަރުން ބޭނުންފުޅު ނުވުމުން ކަމަށް ވެސް ވެދާނެ އެވެ. އެހެނީ އެއިން ބައި ނޭޅޭ ބަޔަކު މަދުކަމަށް ބުނާތީ އެވެ. އަދި އޭގައި ޕީއެމްއެމް މެންބަރެއް، އެމްޑީޕީ މެންބަރެއް އިސްތިސްނާ ނުވާ ކަމަށް ވެސް ބުނާތީ އެވެ.

ކެޔޮކެއިވަރު އެނގޭނީ ބިތުފަންގި ނެގިވަރަކުންނެވެ.

އެމްޑީޕީ އިން ދައްކަނީ ވެސް ރަނގަޅު ވާހަކަ އެކެވެ؛ ކޮންމެހެން ތަބަކަކަށް ލާފައި ޓިކެޓްތައް ދޭކަށް ނުޖެހެ އެވެ. ކޮންމެ ބައެއްގެ ވެސް ހަކަތަ ހުރި ވަރު އެނގޭނީ ވަކަރަށް ޖަހާލުމުންނެވެ. އެ ޖާގަ ވެސް އޮންނަން ޖެހެ އެވެ. ޕާޓީތަކުގެ މެދުގައި ގޮނޑިތައް ބަހައި ރައްޔިތުންނަށް ފުރުސަތު ނުލިބޭ ގޮތަށް އެކަން ކުރުމަކީ، އެއް ނަޒަރިއްޔާތަކުން ބަލާ އިރު، އެންމެ ރަނގަޅު ޑިމޮކްރަސީ ކަމުގައި ނުވެދާނެ އެވެ. އަދި ރައްޔިތުންގެ މަސްލަހަތު އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދޭ ގޮތް ކަމަށް ވެސް ނުވެދާނެ އެވެ.

އަދި ވަކިވަކީން އިންތިހާބުގައި ވާދަކޮށްފި ނަމަ ގިނަ ގޮނޑި މިފަހަރު ލިބޭނީ އެމްޑީޕީ އަށް ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އެހެނީ އެމްޑީޕީއަކީ އެމްޑީޕީގެ ފިކުރު ގެންގުޅޭ ބަޔަކަށްވެފައި އެ ޕާޓީގެ މެންބަރުންގެ ވިސްނުން ވަހުތާން ނުވާނެ ކަމަށް ފެންނާތީ އެވެ. އަދި މިތާ މި އޮތީ އިނގިރޭސި ބަހުން ބުނާ ނަމަ، ލިބަރަލް ވިސްނުމާއި ކޮންޒަވޭޓިވް ވިސްނުން ކަމަށް ވާތީ އެވެ؛ އެމްޑީޕީ ވިސްނުމާއި އިދިކޮޅު ވިސްނުމެވެ. އެދެބައި އެއްވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ހައްލުހޯދަން ޖެހެނީ އެކަމަށެވެ. ފޯމިއުލާ ނެރެން ޖެހެނީ ވެސް އެކަމަށެވެ. މިވަރަށް ވެސް އެއްގަލަކަށް އެރިފައި ވަނީ ރައީސް ސޯލިހު ލީޑާޝިޕްގައި ހުންނެވުމުންނެވެ. އެމްޑީޕީގެ އެންމެ އިސް ފަރާތަކީ ރައީސް ކަމަށް އަސާސީ ގަވާއިދުގައި އޮތަސް، އަމަލީ ގޮތުން އެކަން ހިނގަނީ އެހެންތޯ އެއީ ވެސް ސުވާލެކެވެ.

ވެރިކަން ބަދަލުކުރީ ކުރީގެ ރައީސް ޔާމީންގެ ކިބައިން ގައުމު ސަލާމް ކުރުމަށެވެ. މައިގަނޑު ގޮތެއްގައި ރައީސް ޔާމީނާ ދެކޮޅަށް ވާދަކޮށްފާނެ ކޮންމެ ބޭފުޅަކަށް އޮތް ތަނަކީ ޖަލުގެ ކުޑަ ގޮޅިކަމަށް ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވުމުންނެވެ. އެ މަގުސަދު މިހާރު ވަނީ ހާސިލުކުރެވިފަ އެވެ. ރައީސް ޔާމީންގެ ވެރިކަން ވަނީ ބަދަލުކުރެވިފަ އެވެ.

ކުރިމަތީގައި އޮތީ ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްލާނީތޯ ނޫނީ ރިޔާސީ ނިޒާމެއްގައި ބާއްވާނީތޯ އުފެދޭ ސުވާލާއި މެދުތެރެއިން އެކިޔާ "އިންތިހާބު" ބާއްވައި ވެރިކަން ފޮރޮޅާލާނީތޯ އުފެދޭ ސުވާލުގެ ޖަވާބު ހޯދުމެވެ. އަދި އުތުރު ކަރައިގެ ދަށަށް ހައްދެއް ނެތް ވަރަށް މި ގައުމު ފޮރުޅާލާނީތޯ އުފެދޭ ސުވާލުގެ ޖަވާބު ހޯދުން ވެސްމެ އެވެ. އެއަށް ވުރެ އެ ވާހަކަ ތިލަ ކުރާކަށް އަދި އަޅުގަނޑު ނެތީމެވެ. އެކަމަކު އެއް ފަހަރު ތަޖުރިބާކޮށްފީމެވެ. އެ ތަޖުރިބާ ރަނގަޅުތޯ އެވެ؟ އެ ސުވާލު ވެސް ދޫކޮށްލާނީ ތިޔަ ބޭފުޅުންނަށެވެ.

އެ ހުރިހާ ކަމެއް އެހެން ހުއްޓަސް އަޅުގަނޑަށް އެނގޭ ކަމަކީ ރައްޔިތުން ވޯޓުދިނީ ކޯލިޝަނަށް ކަމެވެ. އަދި ފަސް އަހަރުގެ ދައުރަކަށް ވޯޓުދިނީ އިބްރާހީމް މުހައްމަދު ސޯލިހަށް ކަމެވެ. އެހެން ކަމާ އެކު ފަސް އަހަރު ދުވަހު ރައީސް ސޯލިހު ވެރިކަމުގައި ބެހެއްޓޭނެ ފޯމިއުލާއެއް، ތިޔަ ވިދާޅުވާ ލީޑަރުން ރައީސް ސޯލިހަށް ހޯއްދަވައިދެއްވަން ޖެހެ އެވެ. ތަފާތު ގޮތް ގޮތަށް ބަޣާވަތް ކުރެވިދާނެ އެވެ. އޭގެ ތެރޭގައި ހަމަހިމޭން ބަޣާވާތާއި ކަނޑިބަޑިން ކުރާ ބަޣާވާތާއި އެތެރެއިން ގެންނަ ބަޣާވާތް ހިމެނެ އެވެ. ތިމަންނަމެން މި އުޅެނީ ފަސް އަހަރުވަންދެން ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓަން ކަމަށް ވިދާޅުވިއަސް، އަމަލީ ގޮތުން އެކަން ނުދައްކަނީސް އެކަން ގަބޫލުކުރަން ދައްޗެވެ. ދުރުތިބީންނަށް ފެންނަނީ އެތެރެއިން ތަޅާތަނެވެ. އެހެން ނޫނީ ތިޔަ ހުރި ފަރާތް ސާފުކުރާކަށް އެވަރަކުން މަރެއް ނުދޭނެ އެވެ. އަބަދުމެ ހަނދާން ކުރަން ޖެހޭ އެއްޗަކީ ރައްޔިތުން ވޯޓުދިނީ ކޯލިޝަނަށް ކަމެވެ. އެތެރެއިން ބަޣާވާތް ކުރަން ނުހައްދަވާށެވެ. އެއީ ގޯހެކެވެ. އެކަން ހަނދާން ކުރަން ޖެހެ އެވެ.

ބަލަމާ ބަހީ އެވެ. ދިވެހި މުހާވަރާގައިވާ ގޮތަށް ލަނޑަޔާ އެކު ވަނީ ލަނޑާ ކަމަށް ގަބޫލުކުރެވެ އެވެ.

comment ކޮމެންޓް