މީރާ އަކީ ވިޔަފާރިތަކަށް އޮތް ބޮޑު ގެއްލުމެއް: އިކޮނޮމިކް މިނިސްޓަރު

މިނިސްޓަރު ފައްޔާޒު އިސްމާއިލް: އޭނާ ވިދާޅުވީ މީރާ އަކީ ވިޔަފާރީތަކަށް އޮތް ބޮޑު ގެއްލުމެއް ކަމަށް -- ސަން ފޮޓޯ ފައިލް/ އަހުމަދު އަވްޝަން އިލްޔާސް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަކީ ވިޔަފާރިތަކަށް އޮތް ބޮޑު ގެއްލުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މިރޭ ބޭއްވި ބޯޓިން އެވޯޑްސް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މީރާ އުފެދިގެން އައީ ވިޔަފާރިތަކަށް ހުރަސް އަޅައި ދަތިކުރަން ނޫން ކަމަށާއި އެ އިދާރާގެ މަގުސަދަކަށް ވާން ޖެހޭނީ ވިޔަފާރިވެރިން ލައްވައި ވިޔަފާރި ކުރިއަރުވައި އޭގެ މަންފާ ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ ފަސޭހަތަކުގެ ތެރޭގައި އެއްގޮތަކަށް ވެސް މީރާގެ ނަން އަޅުގަނޑުމެން ހަނދާން ނައްތައެއް ނުލާނަން. މިރާ އަކީ މިވަގުތު ވިޔަފާރިއަށް އޮތް ވަރަށް ބޮޑު ގެއްލުމެއް. މީރާ އުފެދިގެން އައީ އެއްގޮތަކަށް ވެސް އެ ނިޔަތުގަ އެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

ޓެކްސް ނުނަގައި ގައުމެއް ކުރި ނޭރުވޭނެ ކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެކަން ކުރަން ޖެހޭނީ ވިޔަފާރިތައް ބަނގުރޫޓު ކޮށްލާފައި ނޫން ކަމަށެވެ. ނަމަވެސް ގާނޫނުތައް އެއްފަރާތް ކޮށް ވިޔަފާރިތައް ބަނގުރޫޓު ކޮށްލުމަށް މީރާ އިން ފައިނެގި މަންޒަރު ފެނިގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިސަރުކާރުގެ ވިސްނުމަކީ ވިޔަފާރިތަކަށް ފަހި މާހައުލެއް ހޯދައި ދިނުންކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ވިޔަފާރިތަކަށް ހުރި ދަތިތައް ދެނެގަނެ އެކަންތައްތައް ނައްތާލުން ކަމަށެވެ. އެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކި އެކި ވިޔަފާރިއާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް އެ ބޭފުޅުންނަށް ހުރި ދަތިތައް ފާހަގަކޮށް އެކަން ކަމުގައިގައި ސަރުކާރަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލަމުން ވަގުތުން ވަގުތައް ކުރެވެން ހުރި ކަންކަން މިހާރު ވެސް އަޅުގަނޑުމެން މިދަނީ ތަންފީޒު ކުރަމުން،" ފައްޔާޒު ވިދާޅުވި އެވެ.

އެގޮތުން މިހާރު އިމްޕޯޓް ލައިސެންސް ބާތިލް ކުރަން ނިންމާފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މާގިނަ ދުވަސްތަކެއް ނުވެ އޭގެ އޫސުލުތައް ގެޒެޓު ކުރެވިގެން ދާނެ ކަމަށެވެ.

ވިހި ފަންސަވީސް އަހަރުވެފައި، އުވާނުލެވި ހުރި 7500 އަށް ވުރެ ގިނަ ކުންފުނިތައް އުވާލެވޭނެ ގޮތް ކުރިއަށް އޮތް ހަފްތާއެއް ތެރޭގައި ހަމަޖައްސައިދޭނެކަން ފައްޔާޒު ފާހަގަ ކުރެއްވި އެވެ.

"ވިޔަފާރި ވެރިންނަށް ހުރި ދަތިތައް ގައުމީ ލެވެލެއްގައި ހޯދުމަށްޓަކައި ވިޔަފާރިވެރިންނާ އެކު ސީރީޒް އޮފް ބައްދަލުވުންތަކެއް އަޅުގަނޑުމެން ބާއްވާނަން. ބާއްވާއިގެން އޭގެން ނިކުންނަ ނަތީޖާއަށް ބިނާކޮށް ގާނޫނަށާއި ގަވާއިދަށް އަދި ސަރުކާރުގެ އިގްތިސޯދީ ކަންކަމަށް ގެންނަން ޖެހޭ ބަދަލުތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގެންނާނަން،" ފައްޔާޒު ވިދާޅުވި އެވެ.

ވޭތުވެ ދިޔަ ސަރުކާރުތަކުން ކަންތައްތައް ކޮށްފައިވަނީ ވިޔަފާރިތަކަށް ބެލުމެއް ނެތި އެއިރެއްގައި އޮންނަ ސަރުކާރަށް ދަތިވާ ކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް