ބިލިއާޑް ކުޅުންތެރިން ތަމްރީން ކުރުމަށް ދުނިޔޭގެ ޗެޕްއިން ރާއްްޖެ އަށް

ބިލިއާޑްގެ ދުނިޔޭގެ 3 ފަހަރު ޗެމްޕިއަން ތޯސްޓެން ހޯމަން (ދަ ހިޓްމޭން) ރާއްޖެ ވަޑައިގަތުން -- ފޮޓޯ/ބިލިއާޑް އެސޯސިއޭޝަން

ބިލިއާޑް ކުޅުންތެރިން ތަމްރީން ކުރުމަށް ތިން ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ ތޯސްޓެން ހޯމަން (ދަ ހިޓްމޭން) ރާއްޖެ އަތުވެއްޖެ އެވެ.

މޯލްޑިވިސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ދައުވަތަކަށް، ރޭ ތޯސްޓެން ރާއްޖެ އައުމުން އޭނާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އެ އެސޯސިއޭޝަންގެ ނައިބު ރައީސް އަހްމަދު މައިދާއި ސެކްޓްރީ ޖެނެރަލް އަހްމަދު ޝަރީފެ އެވެ.

ތޯސްޓެންގެ ފަސް ދުވަހުގެ މި ދަތުރުފުޅާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ސެކެޓްރީ ޖެނެރަލް ޝަރީފް ވިދާޅުވީ، މިއަދު މެންދުރު ޓޯސްޓެން ބިލިއާޑް އެސޯސިއޭޝަންގެ ކުޅުންތެރިންނާ އެކު ބިލިޔާޑް ކުޅޭނެ ކަމަށާއި އަދި މާދަމާއިން ފެށިގެން އެ ކުޅުންތެރިން ތަމްރީންކޮށް ކުޅުމުގައި ހުރި މައްސަލަތައްކާއި ރަގަޅުކުރަން ހުރި ކަންތައް ފާހަގަ ކުރައްވާނެ ކަމަށެވެ.

ބިލިއާޑްގެ ދުނިޔޭގެ މުބާރަތްތަކުގައި ރާއްޖެ މިހާރު ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ރާއްޖޭގެ ބިލިޔާޑް އެހެން ހަރުފަތަކަށް ގެންދިއުމަށް ޓަކައި ކުރަން ޖެހޭ ކަންތައް ބަލައި ތޯސްޓެންގެ އެހީއާ އެކު ދެން ކުރަން ޖެހޭ ކަންތައް ޕްލޭން ކުރައްވާނެ ކަމަށެވެ.

ޖަރުމަންވިލާތަށް އުފަން ތޯސްޓެން ވަނީ ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަންކަން 2003، 2011 އަދި 2013ގައި ވެސް ވަނީ ހޯދަވާފައި އެވެ. އަދި މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ގިނަ މުބާރާތްތައް ވެސް އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ.

comment ކޮމެންޓް