ލައިސަންސް ނަގާއިރު އަންހެނުންގެ ފަހަތުގައި އަންހެން އިންސްޓްރަކްޓަރަކު ބައިންދަނީ

އެއްލަކިން ލައިސަންސް ނަގަން ކިޔު ހަދާފައި --- ފޮޓޯ: ސޯޝަލް މީިޑިއާ

ލައިސަންސް ނަގަން ޕްރެކްޓިކަލް ޓެސްތު ހަދާއިރު އަންހެނުންގެ ފަހަތުގައި އަންހެން އިންސްޓަރަކްޓަރަކު ބައިންދަން އަންގާފައިވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އިލްމުވެރިޔާ އައްޝައިހު އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ނަހުލާ ޓެގް ކުރައްވާ ވިދާޅުވީ ސައިކަލު ލައިސަންސް ނަގަން ޓެސްޓަށް ދުއްވާއިރު، ފިރިހެނަކު ފަހަތަށް ލައިގެން ދުއްވަން ބޭނުންނުވާ އަންހެނުންނަށް ފަސޭހަވާނެހެން އަންހެން އިންސްޓްރަކްޓަރަކު ސައިކަލު ފަހަތުގައި އިނދެވޭނެ ގޮތް ހަމަޖައްސައި ދެއްވުން އެދޭ ކަމަށެވެ.

އެ ޓްވީޓަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ޝައިހް އަލީ ޒާހިރުގެ ހިޔާލުފުޅާ އެއްގޮތަށް އަންހެނުންގެ ފަހަތުގައި އަންހެން އިންސްޓްރަކްޓަރުން ތިބޭގޮތަށް ހަމަޖެއްސުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެކަން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ސައިކަލު ދުއްވާ އަންހެނުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، މިއީ ލައިސަންސް ނަގަން ބޭނުންވާ އަންހެނުންނަށް ލިބުނު އުފާވެރި ހަބަރަކަށް ވާނެއެވެ. މިހާރު އަންހެނުންނަށް ސައިކަލު ދުއްވަން ދަސްކޮށްދޭ އަންހެން ޓްރެއިނަރުން ވެސް ތިބެއެވެ.

comment ކޮމެންޓް