ސީރިއާގައި ތިބި އެމެރިކާ ސިފައިން ގައުމަށް ގެންދަނީ

ސީރިއާގައި އެމެރިކާގެ 2،000 ވަރަކަށް ސިފައިން ހަރަކާތްތެރިވޭ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ޑިސެމްބަރު 20): ސީރިއާގައި އައިއެސްއާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ކާމިޔާބުވެފައިވާ ކަމަށާއި އެގައުމުގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެންދަން ނިންމާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިއްޔެ ޓުވިޓާ މެދުވެރިކޮށް ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ޓްރަމްޕް ވަނީ، ހަނގުރާމައިގައި މަރުވި ސިފައިންގެ އާއިލާތަކަށް އެހަބަރު ދިނުމަށް ސިޓީ ފޮނުވުމާއި ގުޅުމަކީ ވަރަށް ހިތްދަތި ކަމެއް ކަމަށް ވިދާޅުވެފައެވެ.

އަދި ރައީސް ޓްރަމްޕްގެ ވެރިކަމުގައި ސީރިއާއަށް އެމެރިކާ ސިފައިން ފޮނުވި ހަމައެކަނި ސަބަބަކީ އައިއެސް ބަލި ކުރުން ކަމަށާއި، އެކަން ކާމިޔާބުވުމުން ސިފައިން އަނބުރާ ގެންނަންވީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ އޮފިޝަލުން ލަފާ ކުރާ ގޮތުގައި އަންނަ މަހުގެ މެދުތެރޭ ހުރިހާ ސިފައިން އަނބުރާ ގައުމަށް ގެންދެވޭނެއެވެ.

ޓްރަމްޕްގެ އެނިންމުމަށް އިދިކޮޅު ފަރާތްތަކުގެ އިތުރުން ރިޕަބްލިކަން ޕާޓީގެ މެމްބަރުންވެސް ވަނީ ފާޑު ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން އެމެރިކާގެ ސިފައިންނާ އެކު ހަނގުރާމަ ކުރަމުން ދިޔަ އެހެން ފައުޖުތައް ނުރައްކަލަށް ހުށަހެޅި، އައިއެސްއިން އަނެއްކާވެސް ސީރިއާގައި ބާރުގަދަ ކޮށްފާނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ ގާތްގަނޑަކަށް 2،000 ސިފައިން ސީރިއާގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނީ، ސީރިއާގެ ކުރުދީންނާއި އަރަބިން ހިމެނޭ ސީރިއަން ޑިމޮކްރެޓިކް ފޯސެސްއާ ގުޅިގެންނެވެ.

ތުރުކީން ދެކޭ ގޮތުގައި ސީރިއާގައި ހަނގުރާމަ ކުރަމުންދާ ކުރުދީންނަކީ އެގައުމުން މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)ގެ ބައެކެވެ. އަދި އެގައުމުން ވަނީ ސީރިއާގެ އުތުރުގައި ހަރަކާތްތެރިވާ ކުރުދީންނަށް ހަމަލާ ދޭން ތައްޔާރުވަމުންދާ ކަމަށް މިހަފްތާ ތެރޭ ބުނެފައެވެ.

comment ކޮމެންޓް