ކަޅުވަކަރު މިސްކިތް ބަހައްޓަންވީ މާލޭގައި؟ ހުޅުމާލޭގައި؟

ހެރިޓޭޖު މިނިސްޓަރު ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ ހެރިޓޭޖު

ކަޅުވަކަރު މިސްކިތަކީ ރާއްޖޭގެ ތާރީހާ ގުޅުން ހުރި މިސްކިތެކެވެ. ރޫޅާލައިގެން އެއްތަނުން އަނެއްތަނަށް ގެންދެވޭނެހެން ހަދާފައިވާ މި މިސްކިތަކީ އެކި ދުވަސްވަރު ރޫޅާލައިގެން އެކި ތަންތަނަށް ގެންގޮސް، ބަދަލުކޮށްފައިވާ މިސްކިތެއްވެސްމެ އެވެ. އެންމެ ފަހުން ކަޅުވަކަރު މިސްކިތް ހުރީ ލިލީމަގު ކަންމައްޗަށް ސަލްޓަންޕާކާ އިންވެގެންނެވެ.

ސަލްޓަންޕާގު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ކަޅުވަކަރު މިސްކިތް ރޫޅާލުމުން ދިވެހި ތާރީޚަށް ލޯބިކުރާ ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކަޅުވަކަރު މިސްކިތް އިއާދަކުރުމަށް ގޮވާލާ ހިޔާލު ފާޅުކުރި އެވެ. އެންމެ ފަހުން އެ މިސްކިތް ހުރިތަނުގައި މިހާރު ހުރީ ސްނޯ ޕާކެކެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ބޭފުޅުން --

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދު ތަކުގެތެރޭގައި ކަޅުވަކަރު މިސްކިތް ހޯދައި، އަލުން އެ މިސްކިތް ރޭވުން ވަނީ ހިމަނައިފަ އެވެ. މި ވައުދު ހާސިލްކުރުމަށް، ކަޅުވަކަރު މިސްކިތް އަލުން ރާވާފައި ބަހައްޓަނެ ތަނެއް ހޯދުމަށް ހެރިޓޭޖު މިނިސްޓްރީ އިން ވަނީ އާންމުންގެ ހިޔާލު ހޯދުމަށް ފޯރަމެއް ބާއްވައިފަ އެވެ.

ތާރީހާއި ސަގާފަތާ ގުޅުންހުރި މަސައްކަތް ކުރައްވާ، ބޭފުޅުންނާއި އާކިޓެކްޗާގެ ތަޖުރިބާކާރުން، އާންމު ރައްޔިތުން، ތާރީހު އިލްމުވެރިން ބައިވެރިވި މި ފޯރަމުގައި ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނަކާ ގުޅޭ ގޮތުން ވަނީ ހިޔާލު ފާޅުކޮށްފަ އެވެ.

ކުރީ ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހެރިޓޭޖު އައިލެންޑުގައި ކަޅުވަކަރު މިސްކިތް ބެހެއްޓުމަށެވެ. ހެރިޓޭޖު މިނިސްޓްރީ އިން ބޭއްވި ފޯރަމުގައި މިތަނުގައި މިސްކިތް ބެހެއްޓުމަށް ތާއީދުކޮށް ވެސް ބައެއް ފަރާތްތަކުން ވަނީ ވާހަކަ ދައްކައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފޯރަމުގައި ހިޔާލު ފާޅުކުރެއްވި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވީ "ހުޅުމާލޭގެ ހެރިޓޭޖު އައިލެންޑަކީ މިފަދަ މިސްކިތްތައް ނުވަތަ ބިނާތައް ގެންދިއުމުގެ ކޮންސެޕްޓެއްގައި ތަރައްގީކުރާ ތަނެއް ނޫން" ކަމަށެވެ.

ކުރީގެ މިނިސްޓަރު އައްބާސް އިބްރާހިމް ވަނީ ކަޅުވަކަރު މިސްކިތް ހުޅުމާލެއަށް ބަދަލުކުރުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

އެ ފޯރަމުގައި ހިޔަލު ފާޅުކުރެއްވި ބައެއް ބޭފުޅުން ވަނީ މިސްކިތް މާލެއިން ބޭރަށް ގެންދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން މިއީ މާލޭގެ ތާރީހާ ގުޅުން ހުރި ތަނެއްކަމަށާއި އަންނަން އޮތް ޖީލުތަކަށް ވެސް މާލޭގެ ތާރީހާއި މިސްކިތާ ގުޅޭ ތާރީހު އޮޅުންފިލާނީ މިސްކިތް މާލޭގައި ބަހައްޓައިގެން ކަމަށް ފޯރަމްގައި ބައިވެރިވެ ހިޔާލު ފާޅުކުރެއްވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

މީގެ އިތުރުން ކަލުވަކަރު މިސްކިތާއި ތާރީހާ ގުޅޭ އެހެން ބިނާތަކުގެ މައުލޫމާތު ލިބޭނެ ފަދަ ސެންޓަރެއް ގާއިމްކޮށް ޒުވާނުންނަށާއި ފަތުރުވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ތަނެއް ހުރުމަކީ މުހިއްމު ކަމެއްކަމަށް ގިނަ ބޭފުޅުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. ފޯރަމުގައި ބައިވެރިވި ގިނަ ބޭފުޅުން ތާއީދު ކުރެއްވީ ކުރިއެކޭ އެއްގޮތަށް ނަމާދުކުރާތަނެއްގެ ގޮތުގައި މިސްކިތް ބެހެއްޓުމަށެވެ.

comment ކޮމެންޓް