10 އަހަރަށް ފަހު ބްރިޓިޝް އެއާވޭސް ޕާކިސްތާނަށް ދަތުރުތައް ފަށަނީ

ބްރިޓިޝް އެއާވޭސްގެ އެއާކްރާފްޓުތަކެއް -- ފޮޓޯ/ އޭޕީ

އިނގިރޭސި ގައުމީ އެއާލައިން ބްރިޓިޝް އެއާވެސްއިން 10 އަހަރަށް ފަހު ޕާކިސްތާނަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

ބްރިޓިޝް އެއާވޭސްއިން ޕާކިސްތާނަށް ދަތުރުތައް ހުއްޓާލީ 2008 ވަނަ އަހަރު، އިސްލާމްއާބާދުގައި ހުންނަ މެރިއޮޓް ހޮޓެލްގައި ބޮމެއް ގޮއްވާލައި، 50 މީހަކު މަރުވި ހާދިސާއަށްފަހު އެވެ.

ބްރިޓިޝް އެއާވޭސްއަކީ ޕާކިސްތާނަށް ދަތުރުތައް އަލުން ފަށާ، ހުޅަނގުގެ ފުރަތަމަ އެއާލައިނެވެ. އެ ދަތުރުތައް ފަށާނީ އަންނަ 2019 ވަނަ އަހަރުގެ ޖޫން މަހު އެވެ.

އިސްލާމްއާބާދުގެ މެރިއޮޓް ހޮޓެލްގައި ދިން ބޮމުގެ ހަމަލާއަކީ ޕާކިސްތާނުގައި މިހާތަނަށް ހިނގި، ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ހާދިސާއެވެ.

ޕާކިސްތާނުގައި ހުންނަވާ އިނގިރޭސި ސަފީރު ތޯމަސް ޑްރޫ ވިދާޅުވީ ބްރިޓިޝް އެއާވޭސް ޕާކިސްތާނަށް އަލުން ދަތުރުތައް ފެށުމަކީ ޕާކިސްތާނުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަވެފައިވާކަމުގެ ހެއްކެއް ކަމަށެވެ.

ޕާކިސްތާނު ނަސްލުގެ މިލިޔަނަކަށް ވުރެ ގިނަ ބަޔަކު އިނގިރޭސިވިލާތުގައި ދިރިއުޅޭ އިރު، ބްރިޓިޝް އެއާވޭސް އިން ބުނީ އިސްލާމްއާބާދާއި ލަންޑަނުގެ ހީތުރޯ އެއާޕޯޓާ ދެމެދު ފަށާ މި ދަތުރުތައް ވަރަށް މަގުވޫލުވާނެކަމަށް އުންމީދުކުރާ ކަމަށެވެ.

އިސްލާމްއާބާދުގައި މި އަހަރުގެ މެއި މަހު ވަނީ އާ އިންޓަނޭޝަނަލް އެއާޕޯޓެއްވެސް ހުޅުވާފަ އެވެ. އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުން ނަން ދީފައިވާ އެ އެއާޕޯޓަކީ ސަލާމަތީ ކަންކަން ވަރުގަދަ، އަދި އަހަރަކު 15 މިލިޔަން މީހުންނަށް ހިދުމަތް ދެވޭ ވަރުގެ، ބޮޑު އެއާޕޯޓެކެވެ.

އެ އެއާޕޯޓު ހުޅުވުމާއެކު، މީގެ ކުރިން އިސްލާމްއާބާދަށް ހިދުމަތް ދެމުން އައި ބޭނަޒީރު ބުއްޓޫ އިންޓަނޭޝަނަލް އެއާޕޯޓުން މަދަނީ ވައިގެ ދަތުރުފަތުރު ވަނީ ހުއްޓާލައި، ޕާކިސްތާން އެއާފޯސްގެ ނޫރު ޚާން ބޭސްގެ ބައެއްގެ ގޮތުގައި ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް